އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މިއަދު ކުވައިތު ކައިރިން ބަންގްލަދޭޝްއަށް މޮޅެއް ހައްގު ކަމަށް ގަބޫލުކުރާ ކަމަށާއި، މެޗުން ބަލިވި ބަލިވުން ބަލައިގަންނަން ވަރަށް އުނދަގޫ ކަމަށް ކޯޗު ހާވިއާ ފެނާންޑޭޒް ކަބްރޭރާ ބުނެފިއެވެ.
އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިއަދު ކުޅުނު ފޯރިގަދަ ސެމީ ފައިނަލުގައި ކުވައިތުން ބަންގްލަދޭޝް ބަލިކުރީ އިތުރު ވަގުތުގައި ގޯލު ޖަހައި، 1-0 ގެ ނަތީޖާއަކުންނެވެ. ކުވައިތުން ސާފް ޗެމްޕިއަންޝިޕްގައި މުޅިން އަލަށް ވާދަކުރަމުންދާ އިރު، މިފަހަރު ބަންގްލަދޭޝްއިން ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ކުޅުނީ 14 އަހަރުގެ އިންތިޒާރަކަށްފަހުއެވެ. މީގެ ކުރިން އެޓީމުން ފައިނަލަށް ދިޔައީ މީގެ 18 އަހަރު ކުރިން 2005 ވަނަ އަހަރުއެވެ. އެފަހަރު ފައިނަލުގައި އިންޑިއާ އަތުން 2-0 އިން ބަލިވެ، ބަންގްލަދޭޝްއަށް ތަށި ގެއްލުނީއެވެ.
އެ ހިތްދަތި ކަމަށް ނިމުން ގެންނަން މިއަދު ބަންގްލަދޭޝްއިން ނުކުމެ، ރަނގަޅު ރޫހެއްގައި މޮޅެއް ކުޅުނެވެ. ފުރުސަތުތައް އުފެއްދި ނަމަވެސް، ބަންގްލަދޭޝްއަށް ކުވައިތު ކައިރީ ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.
"މި ބަލި ގަބޫލުކުރަން ވަރަށް އުނދަގޫ. އަހަރެންގެ ޓީމު މިއަދު އާދަޔާހިލާފު މޮޅަށް ކުޅުނު. ކުވައިތު މިހާތަނަށް މުބާރާތުގައި ދައްކަމުން ދިޔަ ކޮންސިސްޓެންޓީ މިއަދު ފެނިގެން މިދިޔައީ. އެއީ ތަފާތަކީ. ކުވައިތު މޮޅުވީ. އަހަރެމެންނަށް ސާފްގެ ފައިނަލަށް ދާން ފުރުސަތު ލިބި، މި ނަތީޖާ ގެއްލުނީ. މިހާ ހިސާބުން ބަންގްލަދޭޝްގެ ފުޓުބޯޅައިގެ ލެވެލްއަކަށް ބަލަން ޖެހޭނީ މި ލެވެލްއަށް. މިއީ ބަންގްލަދޭޝްގެ ފުޓުބޯޅަ ލެވެލްއަކީ،" ކަބްރޭރާ ބުންޏެވެ.
ކަބްރޭރާ ބުނީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކު ކުރި މަސައްކަތް ފާހަގަކުރަން ޖެހޭ ކަމަށާއި، ޓީމުގެ މައްސަލައެއް ނެތް ކަމަށެވެ. އަދި ގޯސްވެގެން ފާހަގަކޮށްލަން ބުނާނެ ކަމެއްވެސް ނެތް ކަމަށެވެ.
"އަހަރެމެން ފުރުސަތުތައް ތަނަވަސް ކުރިން މި މުބާރާތުގައި އެންމެ މޮޅަށް ކުޅެމުންދާ ކުވައިތު ކައިރީ. ކުވައިތުން މުބާރާތަށް އައީ ވަރަށް ވަރުގަދަ ފޯމެއްގައިވެސް އޮވެ. އެހެން ނަމަވެސް ފުރަތަމަ މިނެޓުގައިވެސް އެންމެ ހުސް ފުރުސަތެއް ލިބުނީ އަހަރެމެންނަށް. ނަމަވެސް ގޯލަކަށް ބަދަލު ނުކުރެވި މިދިޔައީ. އަހަރެން ނުބުނާނަން ކުވައިތަށް އެންމެ ރަނގަޅު ފުރުސަތު ލިބުނެކޭ. އަހަރެމެންނަށް މިއަދު ފުރުސަތުތައް ލިބުނީ. އެހެން ނަމަވެސް ކުވައިތަށް ލިބުނީ މޮޅެއް، އެއީ މޮޅެއް. އެކަމަކު އަހަރެމެންނަށް މެޗުން މޮޅެއް ހައްގު ކަމަށް ގަބޫލުކުރަން،" ސްޕެއިންގެ ކޯޗު ކަބްރޭރާ ބުންޏެވެ.
ކަބްރޭރާ ބުނީ ބަންގްލަދޭޝްގައި ހުނަރު އެބަހުރި ކަމަށާއި، ކުޅުންތެރިންނަށް ކުޅެވޭނެކަމަށް މާ ކުރިންވެސް ގަބޫލުކުރި ކަމަށެވެ.
"އަހަރެން ގަބޫލުކުރި ކުރުމުން މިހާ ހިސާބަށް މިއައީ ޓީމު. ކުޅުންތެރިން ވަރަށް ހިތްވަރު ގަދަ، ހިތްވަރާއެކު ކުޅެގެން މި ނަތީޖާ ނެރެވޭނީ. ކުޅުންތެރިންގެ ގައިގައި މިހާރު މޮޅުވުމުގެ ކެރެކްޓާއެއް އެބަހުރި. އެކަން ފެނިގެން ދިޔަ. ކުޅުންތެރިންނަށް ބުނާނެ އެއްޗެއް ނެތް،" ކަބްރޭރާ ބުންޏެވެ.
ސާފަށް ސަރަހައްދުން ބޭރު ދެ ޓީމު މިފަހަރު ގެނެސްފައިވާ އިރު، އެ ދެ ޓީމަކީ ކުވައިތާއި ލުބުނާނެވެ. އެ ދެ ޓީމުގެ ސަބަބުން މިއަދު ލިބުނު މެޗުން ޓީމަށް ފައިދާ ކުރާނެތޯ ކަބްރޭރާ ކުރެން "ވަން ސްޕޯޓްސް"އިން ސުވާލުކުރުމުން އޭނާ ބުނީ ސަރަހައްދީ ޓީމުތައް އެކަނި އޮތް ނަމަ، ބަންގަލަދޭޝްއަށް މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.
"ސާފަށް ބޭރުން ޓީމުން ނުގެނައި ނަމަ، އަހަރެމެންނަށް މުބާރާތް ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށް ގަބޫލުކުރެވޭ. އެކަމަކު އެ ޓީމުތަކުގެ ސަބަބުން ލިބުނު ފައިދާއަކީ އަހަރެމެންނަށް ސާބިތުކޮށްދެވުން، މި ފެންވަރުގެ ޓީމުތަކާ ދެކޮޅަށްވެސް ކުޅެވޭކަން. އެއީވެސް މުހިންމު ކަމެއް. އެހެންވީމަ ބޭރުން ޓީމުތައް ގެނައުމާ ދޭތެރޭ ދެކެވިދާނެ މިކަހަލަ ގޮތަކަށް. އެއީ ގޯހެއް ނޫން،" ކަބްރޭރާ މިއަދު ބުންޏެވެ.