ސާފް 2023

ސަރަހައްދުން ބޭރު ދެ ޓީމަށް ގްރޫޕް ސްޓޭޖުގައި ފެންވަރު ދެއްކުނުތަ؟ ބެލެވެނީ އިންޑިއާއި ކުވައިތުގެ ފައިނަލަކަށް!

މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހީ މުބާރާތެކެވެ. މި މުބާރާތަކީ ސާފް ޗެމްޕިއަންޝިޕްގައި ސަރަހައްދުން ބޭރުގެ ޓީމުތަކުން ވާދަކުރާ ފުރަތަމަ މުބާރާތެވެ. ސަރަހައްދުން ބޭރުން މިފަހަރު މުބާރާތަށް އައި ދެ ޓީމަކީ ހުޅަނގު އޭޝިއާއަށް ނިސްބަތްވާ ލުބުނާނާއި ކުވައިތެވެ. ގަލްފް ދެ ގައުމެވެ. ފުޓުބޯޅައިގެ ގޮތުން ދެކުނު އޭޝިއާއާ އަޅައި ބަލާ އިރު، ގަލްފަކީ މާ ބޮޑަށްވެސް ވަރުގަދަ ސަރަހައްދެއްކަމުން މުބާރާތް ވަރަށް ބޮޑަށް ވަރުގަދަ ވެގެންދާނެކަމަށް މާ ކުރިންވެސް އޮތީ ބެލެވިފައެވެ. އެކަން ގްރޫޕް ސްޓޭޖުން ފެނިއްޖެއެވެ. މާ ބޮޑު ފަރަގެއް ނެތް ނަމަވެސް، އެ ދެ ޓީމުން ގްރޫޕް ކާމިޔާބުކުރިއެވެ. އެހެން ނަމަވެސް ނަތީޖާތަކުގައި މާ ބޮޑު ފަރަގެއް ނެތެވެ.

ޖުމުލަ އަށް ޓީމު މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި އިރު، އޭގެ ތެރެއިން ސާފް ސަރަހައްދުން ގްރޫޕް އޭގައި ކުޅުނީ އިންޑިއާއާއި ނޭޕާލްގެ އިތުރުން ޕާކިސްތާނެވެ. ސަރަހައްދުން ބޭރުން އެ ގްރޫޕްގައި ވާދަކުރީ ކުވައިތެވެ.

ގްރޫޕް ބީގައި ސަރަހައްދުން ބޭރުން ލުބުނާން ވާދަކުރި އިރު، ދެން އެ ގްރޫޕްގައި މި ސަރަހައްދުން ވާދަކުރީ ރާއްޖެއާއި ބަންގްލަދޭޝް އަދި ބޫޓާނެވެ. ގްރޫޕް އޭގެ އެއްވަނައަކީ ކުވައިތެވެ. އެ ގްރޫޕްގެ ދެވަނައަކީ އިންޑިއާއެވެ. ގްރޫޕް ބީގެ އެއްވަނައަކީ ލުބުނާނެވެ. ދެވަނައަކީ ބަންގްލަދޭޝްއެވެ.

ގްރޫޕް ސްޓޭޖުގެ ނަތީޖާތައް (ގްރޫޕް އޭ)

  • ކުވައިތު 3-1 ނޭޕާލް
  • އިންޑިއާ 4-0 ޕާކިސްތާން
  • ޕާކިސްތާން 4-0 ކުވައިތު
  • ނޭޕާލް 0-2 އިންޑިއާ
  • ނޭޕާލް 1-0 ޕާކިސްތާން
  • އިންޑިއާ 1-1 ކުވައިތު

ގްރޫޕް ސްޓޭޖުގެ ނަތީޖާތައް (ގްރޫޕް ބީ)

  • ލުބުނާން 2-0 ބަންގްލަދޭޝް
  • ރާއްޖެ 2-0 ބޫޓާން
  • ބަންގްލަދޭޝް 3-1 ރާއްޖެ
  • ބޫޓާން 1-4 ލުބުނާން
  • ލުބުނާން 1-0 ރާއްޖެ
  • ބޫޓާން 3-1 ބަންގްލަދޭޝް

ސަރަހައްދުން ބޭރުން ވާދަކުރި ޓީމުތަކުގެ ފެންވަރު ފެނުނުތަ؟

ސަރަހައްދީ ދެ ޓީމުވެސް ގްރޫޕްގެ އެއްވަނަ ހޯދިއެވެ. އެހެން ނަމަވެސް ތާރީހާ އެއްވަރަށް ކުޅުމުން ފަރަގު ދެއްކުނުތޯ އެއީ ކުރެވޭނެ ސުވާލެކެވެ. ދެ ޓީމަށްވެސް މި ސަރަހައްދުގެ މެޗުތަކަށް ހޭނެން ވަގުތު ނެގިކަން ފާހަގަވިއެވެ. ހާއްސަކޮށް މެޗުތައް ފަށައިގެން ގިނަ އިރުތަކެއް ވަންދެން މެޗަށް ހޭނުމަށް ދެ ޓީމަށްވެސް ވަގުތު ނަގާފައިވާތަން ފެނިގެން ގޮސްފައިވެއެވެ. ކުވައިތާއި ލުބުނާނުންވެސް ފަހު ހާފުގައި ގިނަ މެޗުތަކެއްގައި ކުޅުން ރަނގަޅުކޮށްފައިވާކަންވެސް ފާހަގަވެފައިވެއެވެ.

މީގެ ކުރިން ވޯލްޑް ކަޕުން އަދި ފުރުސަތެއް ލިބިފައިނުވި ނަމަވެސް، އޭޝިއަން ކަޕަށް ތިން ފަހަރަކު ކޮލިފައިވެފައިވާ، ދުނިޔޭ ރޭންކިންގެ 99 ވަނައިގައި އޮތް ލުބުނާނުން ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް ކޮޅަށް ދެ ގޯލު ޖެހީވެސް ފަހު 10 ވަރަކަށް މިނެޓުގައެވެ. އެ މެޗުގައި ލުބުނާނުގެ ބެންޗުން އެރުވި ކުޅުންތެރިންގެ ފެންވަރު ފާހަގަކޮށްލެވުނެވެ. ހާއްސަކޮށް ކެޕްޓަން ހަސަން މާތޫކު ވެފައިވަނީ ގްރޫޕް ބީގެ ތަރިއަށެވެ. އިންޑިވިޖުއަލް ހުނަރު މި ސަރަހައްދުގެ ކުޅުންތެރިންނަށްވުރެ މަތި ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ފާހަގަވި އިރު، ޓީމުގެ ބުންވަރު އެވަރެޖްކޮށް ސަރަހައްދީ ޓީމުތަކަށްވުރެ ރަނގަޅުކަން ފާހަގަކުރެވުނެވެ.

ގޭމް ޕްލޭއަށް ބަލާ އިރު، ލުބުނާނާ އެންމެ އެއްގޮތް ފޯމޭޝަނަކަށް ކުޅުނު ގްރޫޕް ބީގެ ޓީމަކީ ރާއްޖެއެވެ. އެހެންކަމުން އެ މެޗުގައި އެޓީމަށް ކުރިން މެޗުތަކަށްވުރެ އުނދަގޫވިއެވެ. ހާއްސަކޮށް އެއީ ރާއްޖެއިން މިފަހަރު މުބާރާތުގައި ކުޅުނު އެންމެ ވާދަވެރި މެޗެވެ. ލުބުނާނުން ޑައިރެކްޓް އެޓޭކިން ގޭމެއް ބޫޓާން ކައިރީ ކުޅެފައިވާ އިރު، އެއީ އެޓީމުން ފުރަތަމަ ހާފުގައި ފެންވަރު ދައްކާލި މެޗެކެވެ. އެ މެޗުގައި ލުބުނާން ފެނުނީ މާ ބޮޑަށްވެސް ފެންވަރުގެ ގޮތުން ތަފާތު ޓީމެއްގެ ގޮތުގައެވެ. އެހެންކަމުން އެ ގްރޫޕްގައި ލުބުނާނަށް ފެންވަރު ސާބިތުކޮށްދެވިއްޖެ ކަމަށް ގަބޫލުކުރެވެއެވެ.

މިފަހަރުގެ މެޗުތަކަށް ނަޒަރު ހިންގާލާ އިރު، ގްރޫޕް އޭ މާ ވާދަވެރިއެވެ. ޕާކިސްތާން ފިޔަވައި ދެން އޮތް ތިން ޓީމުވެސް ކުޅުން ވަރުގަދައެވެ. ނޭޮޕާލުން ޒުވާން ސްކޮޑަކާއެކު މުބާރާތަށް ނުކުމެ ދެއްކި ހިތްވަރު ރަނގަޅު ކަމަށް އެޓީމުގެ ކޯޗު އަލްބާޓޯ ވިންސެންޒޯވެސް ފާހަގަކޮށްފައިވާ އިރު، އެ ގްރޫޕް އޮތީ މާ ކުރިންވެސް ގޮތް ނިމިފައި ކަހަލަ ގޮތަކަށް ސިފަވިއެވެ. އެއީ އިންޑިއާއި ކުވައިތުގެ ވަރުގަދަ ކަމުންނެވެ.

މީގެ ކުރިން ވޯލްޑް ކަޕްގައި ކުޅެ، އޭޝިއަން ކަޕް ހޯދާފައިވާ ކުވައިތަށް އިންޑިއާ ނޫން އެހެން ޓީމެއް ޗެލެންޖަކަށް ނުވިއެވެ. ނޭޕާލުން ކުވައިތު ކައިރީ ރަނގަޅު މަސައްކަތްތަކެއް ކުރި ނަމަވެސް، ކުވައިތުގެ ހުނަރު މާ މައްޗެވެ. ހާއްސަކޮށް ކުވައިތުގެ އެޓޭކިން ކުޅުން ހުއްޓުވުމަށް ޕާކިސްތާނާއި ނޭޕާލްގެ ކިބައިގައި ފެންވަރެއް ނެތޭ ބުނެވިދާނެއެވެ.

އެހެން ނަމަވެސް، އިންޑިއާއިން ހުޅަނގު އޭޝިއާގެ ފުޓުބޯޅައާ އަރައި ހަމަކޮށްފިކަން ގްރޫޕް އޭގެ މެޗުތަކުން ފެނުނެވެ. އިންޑިއާގެ ކުޅުން ނުރައްކަލެވެ. ހާއްސަކޮށް ރަނގަޅު ގޭމް ޕްލޭއެއްގައި އިންޑިއާ ކުޅެމުންދިޔަތަން ވަނީ ފެނިފައެވެ. ސުނިލް ޗެތުރީގެ ގޯލުތަކުން ތަފާތު ދެއްކި ނަމަވެސް، ބޮޑު މަންޒަރަށް ވިސްނާ އިރު، އިންޑިއާ ޓީމު މި ސަރަހައްދުގެ ޓީމުތަކާ އަޅައި ބަލާ އިރު، ހުރިހާ ގޮތަކުންވެސް މިހާރު މާ ވަރުގަދައެވެ. އިންޑިއާއާއި ކުވައިތު ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، އެ މެޗުގައިވެސް ގިނަ ވަގުތު މޮޅަށް ކުޅުނީ ހަމަ އިންޑިއާއެވެ. އެހެންކަމުން އިންޑިއާގެ ފެންވަރު ސާފެވެ. ކުވައިތުގެ ހުނަރު މި ސަރަހައްދުގައި އިންޑިއާ ނަގާފައި މާ ބޮޑަށްވެސް ތަފާތެވެ. އެ ދެ ޓީމުންވެސް މަޑުމަޑުން މުބާރާތަށް ވަދެ، ފެންވަރު ދަނީ ސާފު ކޮށްދެމުންނެވެ.

މި ސަރަހައްދުގެ ފުޓުބޯޅައަށް މުޅިން އާ ދެ ޓީމަކަށް ސާފް ޗެމްޕިއަންޝިޕް ދެނެގަންނަން އުނދަގޫވުމުން، އެ އައި ކަންކަން ފެނުނު ނަމަވެސް، ލުބުނާނާއި ކުވައިތުވެސް ފެންވަރުގެ ގޮތުން ތަފާތެވެ. އެ ގައުމުތަކާ އެއް ހަމައެއްގައި ދެން އޮތީ އިންޑިއާއެވެ.

ފައިނަލަށް އޮތް ފުރުސަތު

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ބަންގްލަދޭޝް ދިޔައީ 14 އަހަރުގެ އިންތިޒާރަކަށްފަހުއެވެ. ބަންގްލަދޭޝްއިން ރާއްޖެ ފަހަތަށް ޖައްސާލީ އޮޅުމަކުން، ނަސީބަކުން ނޫނެވެ. އެޓީމަށް ސެމީ ހައްގެވެ. އެކަމަކު ދެން އޮތީ ކަށިން ހިތްވަރު ނެރެން ޖެހިފައެވެ. އެއީ ވަރުގަދަ ކުވައިތާ ދެކޮޅަށް މިއަދު ނުކުންނަން ޖެހޭތީއެވެ. ކުވައިތުން ގްރޫޕް ސްޓޭޖުގައި ދެއްކި ކުޅުމާއެކު މިއަދުގެ ފުރަތަމަ ސެމީގެ ފެވަރިޓުންނަކީ ކުވައިތެވެ.

މިފަހުގެ ތާރީހެއްގައި ކުވައިތާއި ބަންގްލަދޭޝް މެޗެއް ކުޅެފައެއް ނުވެއެވެ. ޖުމުލަ ދެ މެޗު ދެގައުމުގެ ދެމެދުގައި ކުޅެފައިވާ އިރު، އެއީ 1973 ވަނަ އަހަރާއި 1986 ވަނަ އަހަރު ކުޅުނު ދެ މެޗެވެ. އެ ދެ މެޗުންވެސް ކުވައިތު މޮޅުވިއެވެ. އެންމެފަހުން ކުޅުނު މެޗަކީ އޭޝިއަން ގޭމްސްގެ މެޗެވެ. އެ މެޗުން 4-0 އިން ކުވައިތު މޮޅުވެފައި އޮތް އިރު، ފައިނަލަށް ދާނެ ކަމަށް ލަފާކުރެވެނީ ކުވައިތެވެ.

ދެވަނަ ސެމީގައި އިންޑިއާއާއި ލުބުނާން ނުކުންނަ އިރު، ބެންގަލޫރުގެ އެތައް ހާސް އިންޑިއާ ސަޕޯޓަރުންގެ މެދުގައި ކުޅޭ މެޗަކުން އިންޑިއާއަށް ފައިދާތައް ބޮޑެވެ. ހޯމް އެޑްވާންޓޭޖެވެ. މޫސުމެވެ. ޕްރި މެޗު ޕްރެސްގައި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ބުނީ "ކުޑަކޮށް ވާރޭވެހުމާއެކު" މެޗު ކުޅެން ޖެހިއްޖެނަމަ އެއީ ހިތްވަރަކަށް ވާނެ ކަމަށެވެ. ބެންގަލޫރަށް އާންމުކޮށް މި ދުވަސްކޮޅު ރޭގަނޑު ވާރޭވެހޭ އިރު، އެ ވާރޭ ވެގެންދާނީ އިންޑިއާއަށް ފަސޭހައަކަށް ކަމަށް ބުނެވިދާނެއެވެ.

ލުބުނާން ބަލިކަމަށް ނުބުނެވޭނެ ނަމަވެސް، އިންޑިއާއަކީ މިހާރު ވާދަވެރި ގައުމެކެވެ. މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އިންޑިއާއިން ލުބުނާނާ ދެކޮޅަށް ތިންވަނަ ފަހަރަށް ނުކުންނަ އިރު، އެންމެފަހުން ދެގައުމުން ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވީ އިންޑިއާއެވެ. އަނެއް މެޗު ގޯލެއް ނުޖެހި ވީ އެއްވަރެވެ.

ހުނަރުގެ ގޮތުން ތަފާތަސް، އިންޑިއާގެ ސަޕޯޓަރުން ކުރިމަތީގައި މޮޅުވާނެ ކަމަށް ބެލެވެނީ އިންޑިއާއެވެ. ލުބުނާން އިންޑިއާ މެޗު ފޯރިގަދަވާނެ ކަމަށް ލަފާކުރެވޭ އިރު، ލަފާކުރެވެނީ ފައިނަލަށް ދާނީ ފޯމުގައި އޮތް އިންޑިއާ ކަމަށެވެ. ކުވައިތުން އެންމެފަހުން ގްރޫޕް ސްޓޭޖުގައި އިންޑިއާ ކޮޅަށް ޖެހި ގޯލަކީ، އަށް މެޗުގައި އެޓީމު ކޮޅެއް ގޯލެއް ނުވަދެ އޮވެފައި ވަން ގޯލެކެވެ. އެހެންކަމުން ފަހު މެޗުގެ ފެވަރިޓުންގެ ގޮތުގައި ނަގާނީ އިންޑިއާއެވެ.

ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.