ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ޖުމްހޫރީ ޕާޓީގެ ސިޔާސަތު މި ނިމުނީ، ރައީސް ސޯލިހު ހުންނެވީ ގަދަ ކަނޑެއްގެ މެދުގައި: އަލީ ވަހީދު

ޝަހީދާ އަބްދުﷲ ސައީދު

2

ޖުމްހޫރީ ޕާޓީގެ ސިޔާސަތު ނިމިއްޖެ ކަމަށް ވިދާޅުވެ އެޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ހިންނަވަރުގައި ބޭއްވި އެދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް ޖީހާން މަހަމޫދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވަނީ ޖޭޕީއަށް މިއަދު މަދީ ކޮންއެއްޗެއްތޯ ސުވާލު ކުރައްވާފައެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި، ގައުމުގެ ނައިބު ރައީސްކަމާއި ޓޫރިޒަމް މިނިސްޓަރުކަމާއި ޓްރާންސްޕޯޓް މިނިސްޓަރުކަން ޖޭޕީއަށް ވަނީ ލިބިފައެވެ. އަދިއޭގެ އިތުރުން ޖުމްހޫރީ ޕާޓީ ކައުންސިލް މެމްބަރުންނަށް ސްޓޭޓް މިނިސްޓަރުކަމާއި، ޑެޕިއުޓީ މިނިސްޓަރުކަން ދީފައިވާކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ސަރުކާރު ގެނައުމަށް އެމްޑީޕީ ތެރެއިން މަސައްކަތް ކޮށްފައި ދާ އޮހޮރުވި އެތައް ބަޔަކަށް މަގާމު ނުލިބި އެބަތިބި ކަމަށާއި ކޯލިޝަންގެ އެހެން ޕާޓީތަކުގައިވެސް ގާބިލު ބޭފުޅޫން ތިއްބެވިއިރު މަގާމުތައް ނުލިބޭ އެތައް ބަޔަކު އެބަތިބި ކަމަށެވެ.

މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ހޯރަފުށީ ދާއިރާއަށް މުހައްމަދު އިސްމާއީލު ނެރެފައިވަނީ އެމްޑީޕީގެ ޓިކެޓްގައި އަހުމަދު ސަލީމް ނެރެފައިވަނިކޮށް ކަމަށް ވެސް ވިދާޅުވިއެވެ.

އަދި މުހައްމަދު އިސްމާއީލުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކުރައްވައި އަލީ ވަހީދު ވިދާޅުވެފައިވަނީ "ފައިސާ ގޯނި ހިފައިގެން" އުޅުނު ކެންޑިޑޭޓަށް ވޯޓް ދޭން ބުނުމަކީ އަމިއްލަ ގަޔަށް ކުޅުޖެހުން ފަދަ ކަމެއް ކަމަށެވެ.

އޭގެ އިތުރުން ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމަށް އިޝާރާތްކުރައްވައި އަލީ ވަހީދު ވިދާޅުވީ އަބްދުއްރަހީމަކީ ގާސިމްގެ މުދާތައް ނަގަން ގޮވާލި މީހެއް ކަމަށާއި އޭނާ ގާސިމަށް ހެޔޮނޭދޭނެ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ޖުމްހޫރީ ޕާޓީން ރައީސް ޔާމީނާ ގުޅިގެން އިންތިހާބު ކާމިޔާބު ކުރުމަށް ކުރާ މަސައްކަތަކީ ދިވެހިންގެ އުންމީދާއި ތަރައްގީގައި ވިހަލުން ކަމަށެވެ.

އަލީވަހީދު ވަނީ މަޖިލިސް އިންތިހާބުގައި އެމްޑީޕީއާއި އެމްއާރުއެމްއާއި އަދާލަތު ޕާޓީގެ ކެންޑިޑޭޓުންނަށް އެކަނި ވޯޓް ދިނުމަށް ގޮވައިލައްވާފައެވެ.

މީގެއިތުރުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރައީސް ސޯލިހު މިވަގުތު ހުންނެވީ ބަރަވެލި ކަނޑު ފަދަ ގަދަ ކަނޑެއްގެ މެދުގައި ކަމަށާއި އިސްލާހަށް ލޯބިކުރާ ރައްޔިތުން ރައީސް ސޯލިހު އެކަނިކޮށް ނުލައި، އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ދޭން އަތުކުރި އޮޅާލަން ޖެހޭ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟