ހެލްތް ޕްރޮޓެކްޝަން އެޖެންސީ

ޗިކުންގުންޔާ 486 މީހަކަށް، ޑެންގޫ 1387 މީހަކަށް ޖެހިގެން ރިޕޯޓްކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

މިއަހަރުގެ މިހާތަނަށް 486 މީހަކަށް ޗިކުންގުންޔާ ޖެހިފައިވާ ކަމަށާއި އަދި މިއަހަރުގެ މިހާތަނަށް 1387 މީހަކަށް ޑެންގޫ ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓަކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ޑެންގޫ ޖެހިގެން ފެބްރުއަރީ މަހު 422 މީހަކު ރިޕޯޓްކޮށްފައިވެއެވެ. އަދި އެމަހުގެ ފަހު ހަފްތާގައި 99 މީހަކަށް ޑެންގޫ ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މިއަހަރުގެ މާރިޗު މަހު 439 މީހަކަށް ޑެންގޫ ޖެހިގެން ރިޕޯޓްކުރިއިރު އެމަހުގެ ފަހު ހަފްތާގައި 101 މީހަކަށް ޑެންގޫ ޖެހިގެން ރިޕޯޓްކުރި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިއަހަރުގެ ފެބްރުއަރީމަަހު 179 މީހަކަށް ޗިކުންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވާ އިރު، މާރިޗު މަހު 227 މީހަކަށް ޗިކުންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ.

އެޗްޕީއޭއިން ބުނީ ފާއިތުވި އަހަރުގެ ފުރަތަމަ ތިން މަސްދުވަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހު ޑެންގޫ ހުން ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

އަދި ފާއިތުވި އަހަރުގެ ފުރަތަމަ ތިންމަސް ދުވަހާއި އަޅައި ބަލާއިރު މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ރާއްޖޭގައި ޗިކުންގުންޔާ ޖެހުނު އަދަދުވެސް އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަދި ރާއްޖޭގައި އެންމެފަހުން ޗިކުންގުންޔާގެ އައުޓްބްރޭކެއް އައިސްފައިވަނީ 2006 ވަނަ އަހަރުގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެހެންކަމުން މަދިރިން ރައްކާތެރިވުމާއި ބަލިތަކުން ރައްކާތެރިވެ ތިބުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.