އިބްރާހިމް ޒަކީ
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން، ޖެހިގެން އަންނަ މިމަހުގެ ހަތްވަނަ ދުވަސް ކަމަށްވާ އާދިއްތަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ އަދި ކަނޑައަޅުއްވާފައި ނުވާކަމަ ރައީސުލް ޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހީމް ހޫދު ވިދާޅުވެއްޖެ އެވެ.
ހޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އަދި ހަމަޖައްސާފައި ނުވާ ކަމަށާއި، އެގޮތަށް ނިންމާނީ ވޯޓުލާ ދުވަސް ކަމުގައިވާ ހޮނިރު ދުވަހުގެ ހެނދުނުކަމަށެވެ.
ހޫދު މިހެން ވިދާޅުވެފައިވާއިރު، މި އޭޕްރީލް މަހުގެ ހަތެއްވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލް ޖުމްހުރިއްޔާ ހަމަޖައްސަވައިފި ކަމަށް ބުނުާ ބަޔާނެއް މިއަދު މެންދުރެއްހާއިރު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓަށް އަޕް ކުރެވުނެވެ. ނަމަވެސް ފަހުން އެ ބަޔާން ސައިޓުން ފެންނާކަށް ނެތެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެގޮތަށް ހަމަޖެއްސެވީ، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާގުޅޭ އެކި އެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒިފުންނާއި އާއްމު ރައްޔިތުން ހަރަކާތްތެރިވާނެތީކަމަށެވެ.
އަދި މި ދުވަސް ބަންދު ކުރެއްވުމަކީ ސަރުކާރުގެ މުވައްޒިފުންނަށާއި އާއްމު ރައްޔިތުންނަށް މިކަމުގެ ސަބަބުން ފަސޭހަތަކެއް ވާނެކަމެއްް ކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ދަންނަވަން ރައީސުލް ޖުމްހިރްޔާ ވިދާޅުވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.