މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ބަންގުލަދޭޝް ކުރީގައި އޮވެގެން. ގްރޫޕު ބީ އިން ސެމީގެ ދެވަނަ ޖާގަ ބަންގުލަދޭޝަށް، ރާއްޖެ ކަޓައިފި.
'90+1 - ބޫޓާންގެ ނުރައްކާތެރި ހަމަލާއެއް. ބޫޓާންގެ ކެޕްޓަން ޗެންޗޯ ދުރުން ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ވަނީ މަތަކޮށްފައި.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.
'77 - ޕެނަލްޓީ އޭރިއާ ތެރެއިން ބޫޓާންގެ ކިންގާ ވަންގްޗުކް ފޮނުވާލި ހަމަލާ، ބަންގުލަދޭޝް ޑިފެންޑަރު ޓޯޕޫ ބަރްމަން ބްލޮކްކޮށްފި.
'65 - ބޫޓާނުން ދެ ބަދަލެއް. ސެންޑާ ޑޯޖީ އާއި ފުބް ތިންލޭގެ ބަދަލުގައި ކުޅެން ނުކުތީ ޑޯޖީ އަދި ކަރްމާ ސޮނަމް.
'61 - ބޫޓާނަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ސެންޑާ ޑޯޖީ ފޮނުވާލި ބާރު ހަމަލާ، ބަންގުލަދޭޝްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'55 - ބޫޓާންގެ ހަމަލާއެއް. ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުއްޓައި ލިބުނު ބޯޅައަކުން ބޫޓާންގެ ޓެންޒިން ނޯބޫ ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'53 - ޕެނަލްޓީ އޭރިއާ ތެރެއިން ބޫޓާންގެ ކެޕްޓަން ޗެންޗޯ ޔެލްޓްޝެން ނުރައްކާކުރުމުގެ ކުރިން ބަންގުލަދޭޝްގެ ޑިފެންޑަރުން އެ ބޯޅަ ދިފާއުކޮށްފި.
ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެއް. ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
ބަންގުލަދޭޝް އިން ދެވަނަ ހާފަށް ނުކުތީ ދެ ބަދަލަކާއެކު. ކުޅެން ނުކުތީ އެމްޑީ ރަފީގުލް އިސްލާމާއި އެމްޑީ މޮޖީބޮރް ރަހުމާން ޖޮނީ.
ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ބަންގުލަދޭޝް ކުރީގައި އޮވެގެން.
'45+3 - ބޫޓާންގެ ނުރައްކާތެރި ހިލޭ ޖެހުމެއް. ޕެނަލްޓީ އޭރިއާ ބޭރުން އަރިމަތިން ބޫޓާންގެ ޝެރުބް ޑޯޖީ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ބަންގުލަދޭޝް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.
ބޫޓާނުން ބަދަލެއް. ފުންޓްޝޯ ޖިގްމޭގެ ބަދަލުގައި ކުޅެން ނުކުތީ ޓެންޒިން ޑޯޖީ.
'40 - ބަންގަލްދޭޝްގެ ނުރައްކަލެއް. އަރިމަތިން ރާކިބް ހޮސެން ނަގައިދިން ބޯޅަ ބޫޓާންގެ ފަހަތުން ޑިފެންޑަރު ވަނީ ސާފު ކޮށްލައިފައި.
'36 - ބަންގުލަދޭޝް އިން އިތުރު ގޯލެއް ޖަހައި، ލީޑު ފުޅާކޮށްފި. ބަންގުލަދޭޝަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރާކިބް ހުސައިން. އޭނާ އެ ގޯލު ކާމިޔާބުކުރީ ބޫޓާންގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ވަރަށް ހަނި އޭންގަލަކުން ބޫޓާން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން.
'34 - ލީޑު އިތުރަށް ފުޅާކޮށްލުމަށް ބަންގުލަދޭޝަށް ރަނގަޅު ފުރުސަތެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ރާކިބް ހުސައިން ފޮނުވާލި ހަމަލާ ދިޔައީ ބޫޓާން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'32 - ބަންގުލަދޭޝް އިން އިތުރު ގޯލެއް ޖަހައި ލީޑު ހޯދައިފި. އެ ގޯލަކީ ބޫޓާންގެ ފުންޓްސޯ ޖިގްމޭ އަތުން ބައިކޮޅަށް ވަން ގޯލެއް. ޝެއިޚް މޯސަލިން ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ބަންގުލަދޭޝްގެ ރާކިބް ހުސައިން ޖައްސާލުމާއެކު އެ ބޯޅަ، ބޫޓާންގެ ޑިފެންޑަރު ޖިގްމޭ ގައިގައި ޖެހި ގޯލުގެ ތެރެއަށް ވަނީ ވަދެފައި.
'29 - ކެޕްޓަން ޖަމާލް ބުޔާން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ބަންގުލަދޭޝްގެ ޝެއިޚް މޯސަލިން ފޮނުވާލި ހަމަލާ، ބޫޓާންގެ ޑިފެންޑަރުން ބްލޮކްކޮށްފި.
'21 - ބަންގުލަދޭޝް އިން ނަތީޖާ ހަމަހަމަކޮށްފި. ބޫޓާންގެ ޑިފެންޑަރުންނަށް ރަނގަޅަށް ދިފާއުނުކުރެވުމުން، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ބަންގުލަދޭޝަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޝެއިޚް މޯސަލިން. އޭނާ ފޮނުވާލި ހަމަލާ، ބޫޓާން ކީޕަރު ޔެލްޓްޝެން ޒަންގްޕޯއާ ދިމާއަށް ދިޔަ ނަމަވެސް، ގޯލުގެ ތެރެއަށް އެ ބޯޅަ ވަދެފައިވަނީ އޭނާއަށް ދިފާއުނުކުރެވި، އޭނާގެ ބޯ މަތިން.
'17 - ބޫޓާންގެ ނުރައްކާތެރި ހަމަލާއެއް. ބަންގުލަދޭޝް ހާފްގެ މެދެއްހާ ހިސާބުން ބޫޓާންގެ ނިމާ ވަންގްޑީ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށް.
'12 - ބޫޓާނުން ގޯލު ޖަހައި ލީޑު ހޯދައިފި. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ބޫޓާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ސެންޑާ ޑޯޖީ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ބަންގުލަދޭޝް ގޯލުގެ މަތީ ކަނަކަށް.
'9 - ބޫޓާންގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ބޫޓާންގެ ޝެރުބް ޑޯޖީ ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ވަނީ މަތަކޮށްފައި، އެ ބޯޅައިގައި ބާރެއް ވެސް ނެތް.
'6 - ބޫޓާންގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ބޫޓާންގެ ފުބް ތިންލޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'2 - ބަންގުލަދޭޝްގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ސޮހެލް ރަނާ ފޮނުވާލި ބާރު ހަމަލާ، ބޫޓާންގެ ކީޕަރު ޔެލްޓްޝެން ޒަންގްޕޯ ވަނީ މަތަކޮށްފައި.
މެޗުގެ ކުޅުން ފަށައިފި.
މި މެޗަށް ބަންގުލަދޭޝް އިން ނުކުންނަނީ ތިން ބަދަލަކާއެކު. އެގޮތުން ރާއްޖެ މެޗު ފެށި އެމްޑީ ފައިސަލް އަހުމަދު ފަހީމް، ތާރިގް ރައިހާން ކާޒީ އަދި އެމްޑީ އީސާ ފައިސަލް މިއަދު ފަށަނީ ބެންޗުން. ނަމަވެސް ކެޕްޓަން ޖަމާލް ބުޔާން ފަދަ ކުޅުންތެރިންނާއެކު މި މެޗަށް ވެސް ބަންގުލަދޭޝް އިން ނެރުނީ ވަރުގަދަ 11 ކުޅުންތެރިން.
ބޫޓާނުން މި މެޗަށް ނުކުންނަނީ ހަތަރު ބަދަލަކާއެކު. އެގޮތުން ގޯލްކީޕަރު ޝެރިން ޑެންޑުޕް، ތަޖުރިބާކާރު ޑިފެންޑަރު ކަރްމާ ޝެޑްރުޕް ޝެރިންގް، ޑޯޖީ އަދި ޑަވާ ޝެރިންގް ފަށާނީ ބެންޗުން. އޭގެ ތެރެއިން ކީޕަރު ޝެރިން ޑެންޑުޕް އާއި ކަރްމާ ޝެޑްރުޕް ޝެރިންގް އަދި ޑޯޖީ އަކީ ލުބުނާން މެޗުގެ އިތުރުން ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 ގައި ވެސް ހިމެނުނު ކުޅުންތެރިން.
ސާފް ޗެމްޕިއަންޝިޕް 2023ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަންގްލަދޭޝްއާއި ބޫޓާން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
މި މެޗަށް ނުކުންނަ އިރު، ގްރޫޕް ބީގެ އެއްވަނަ ލުބުނާނަށް އޮތީ ޔަގީންވެފައި. ދެން އޮތް މަގާމަށް ގްރޫޕުގައި ބާކީ އޮތް ތިން ޓީމަށްވެސް ފުރުސަތު އެބައޮތް. ބަންގްލަދޭޝްއަށް އަމިއްލަ ބާރުގައި މެޗު އެއްވަރު ކޮށްލައިގެންވެސް ދެވޭނެ. ބޫޓާނަށް އޮތީ ގިނަ ގޯލުތަކެއް ޖެހުން. ބޫޓާން ދެ ގޯލަށްވުރެ ތަފާތު ބޮޑުކޮށް ބަންގްލަދޭޝް ބަލިކޮށްފިނަމަ، ރާއްޖެއަށް ސެމީއަށް ދެވޭނެ.