އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕް 2023 ގައި ލުބުނާނާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ފަރާތުން ފެނިގެންދިޔައީ ދައްކަން ބޭނުންވި ކުޅުން ކަމަށާއި ބަންގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ އޭނާގެ ޓެކްޓިކްސް ގޯސްވެގެން ނޫން ކަމަށް ރާއްޖޭގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.
އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަންގައި މިއަދު ހަވީރު ކުޅުނު "ގްރޫޕު ބީ"ގެ މެޗުގައި ރާއްޖޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އެ މެޗުގައި ލުބުނާން އަތުން 1-0 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ. ގްރޫޕު ސްޓޭޖުގައި ރާއްޖެއިން ކުޅުނު ފަހު މެޗުގައި ލިބުނު ބައްޔާއެކު ވެސް ރާއްޖެއަށް ސެމީ ފައިނަލުގެ ވަރަށް ހަނި ފުރުސަތެއް އޮންނާނެއެވެ. އެއީ މިރޭގެ މެޗުން ބޫޓާން މޮޅުވެއްޖެ ނަމަ، ގޯލުގެ ތަފާތުން ލިބެން އޮތް ހަނި ފުރުސަތެކެވެ.
މިރޭ ބޫޓާން އަތުން ބަންގުލަދޭޝް މޮޅުވެ، ނޫނީ އެއްވަރުވެއްޖެ ނަމަ، ރާއްޖެ ކަޓާނެއެވެ. ރާއްޖެ މިރޭ ކަޓައިފި ނަމަ، އެއީ ސާފް ޗެމްޕިއަންޝިޕްގައި ދެ ގްރޫޕަށް ބަހާލައިގެން މެޗުތައް ކުޅުނު ފަހަރެއްގައި ރާއްޖެ ކުޅެ، ގްރޫޕް ސްޓޭޖުން ކަޓައިގެން ދާން ޖެހޭނެ ފުރަތަމަ ފަހަރަށެވެ.
ރާއްޖެއަށް އުނދަގޫތަކެއް ކުރިމަތިވީ ބަންގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ބަލިވެފައިވުމުންނެވެ. އެ މެޗަށްފަހު ނޫސްވެރިން ސުވާލުތަކަށް ޖަވާބުނުދީ، ރާއްޖޭގެ ކޯޗު މޮރިއޭރޯ ނޫސްވެރިންގެ ބައްދަލުވުން ނިންމާލީ ބަޔާނެއް ދީފައެވެ. އޭނާ ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ދިޔައީ ރާއްޖޭގެ ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށްފަހުއެވެ.
މިއަދު ލުބުނާނާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން މޮރިއޭރޯ ބުނީ މެޗުގައި ރާއްޖެއިން ރަނގަޅު ކުޅުމެއް ދައްކައި، ރަނގަޅު ފުޓުބޯޅައެއް ވެސް ކުޅެފައިވާ ކަމަށާއި ޑިސިޕްލިން މެޗަކާއެކު ރާއްޖެއިން ފެނިގެންދިޔައީ ޑިސިޕްލިން ޑިފެންސެއް ކަމަށެވެ.
"މިއީ އަހަރެމެންގެ މެންޓާލިޓީއަކީ. ލުބުނާނަކީ ވަރުގަދަ ޓީމެއް. އަހަރެންނަށް ހިތްހަމަޖައްސާލެވޭނެ ކުޅުން ރަނގަޅުވީމަ. ޓީމު މި ހިސާބަށް އައީ ވަރަށް ޗެލެންޖުތަކާއެކު. ނަތީޖާއާ މެދު ހިތްހަމަނުޖެހުނަސް، ކުޅުމާ މެދު ހިތްހަމަޖެހޭ. މިއަދު އެ ފެނުނީ އަހަރެންގެ ޓީމު، އަހަރެން ދައްކަން ބޭނުންވި ޓީމު،" އޭނާ ބުންޏެވެ.
މޮރިއޭރޯ ބުނީ މުބާރާތުގެ ކުރިން އެކުވެރިކަމުގެ މެޗެއް ކުޅެވުނު ނަމަ ރަނގަޅުވީސް ކަމަށާއި ޖަޕާނުގައި ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން މެޗެއް ކުޅެވިފައިނުވަނީ ވިއްސާރައިގެ ސަބަބުން ކަމަށެވެ. އަދި މިދިޔަ މާޗް މަހު ޕާކިސްތާނާ ދެކޮޅަށް ކުޅެ، 1-0 ގެ ނަތީޖާއަކުން މޮޅުވި މެޗަކީ ވެސް ރާއްޖެއިން ތަމްރީނު ނުކޮށް ކުޅުނު މެޗެއްކަން އޭނާ ފާހަގަކުރިއެވެ.
"އަހަރެންނަށް އެނގޭ މިއީ ދަށް ނަތީޖާތަކެއްކަން. ކޯޗެއްގެ ހައިސިއްޔަތުން އަހަރެން ހިތްހަމައެއް ނުޖެހޭ. މިހާރު ސަރަހައްދީ ޓީމުތައް ވެސް ރަނގަޅުކޮށްފައިވާކަން ގަބޫލުކުރަން ޖެހޭ. އެކަމަކު އަހަރެމެންގެ ޓީމުން ބަންގުލަދޭޝް މެޗުގައި ދެއްކި ކުޅުމަށްވުރެ މިއަދުގެ މެޗުގައި ދެއްކި ކުޅުމުގެ ތަފާތު ފެންނާނެ. މިއަދުގެ މެޗުން ފެނުނީ އަހަރެންގެ ޓީމުން ރަނގަޅު ފުޓުބޯޅައެއް ކުޅުނުތަން. އެއީ އަހަރެންނަށް ވަރަށް މުހިންމު ކަމެއް. އަހަރެންނަކީ މިވަގުތު ދިވެއްސެއް، ދިވެހިންގެ އިހުސާސް ހުރި ކޯޗެއް. އަހަރެން ވެސް ބޭނުން ހުރިހާ މެޗަކުން މޮޅުވާން،" އޭނާ ބުންޏެވެ.
މޮރިއޭރޯ އިތުރަށް ބުނީ ހުރިހާ ކޯޗުންނެކޭ އެއްގޮތަށް އޭނާގެ ވިސްނުމަކީ ވެސް ހުރިހާ މެޗަކުން މޮޅުވުން ކަމަށާއި ބޫޓާން މެޗުން މޮޅެއް ހޯދުމަކީ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ބަންގުލަދޭޝް މެޗުން ބަލިވީ ޓެކްޓިކްސްގެ މައްސަލައަކުން ނޫން ކަމަށާއި ފެއިލްވި ކަމަށް ގަބޫލުނުކުރާ ކަމަށް އޭނާ ބުންޏެވެ.
ރާއްޖެ އަތުން ހޯދި މޮޅާއެކު ލުބުނާނުން ވަނީ ގްރޫޕު އެއްވަނައިގެ ގޮތުގައި ސެމީއަށް ދަތުރުކޮށްފައެވެ. "ގްރޫޕު ބީ" އިން ސެމީގެ ދެވަނަ ޖާގަ ހޯދާ ޓީމެއް ކަށަވަރުވާނީ މިރޭ 7:00 ގައި ބަންގުލަދޭޝް އާއި ބޫޓާން ބައްދަލުކުރާ މެޗަށްފަހުއެވެ.