އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕް 2023 ގައި ނޭޕާލާއި ޕާކިސްތާނުން ކުޅުނު ފަހު މެޗުން ނޭޕާލް މޮޅުވެއްޖެއެވެ.
އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނޭޕާލުން ޕާކިސްތާން ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މިއަދުގެ މެޗަށް ނުކުތް އިރު، ދެ ޓީމުވެސް އޮތީ މުބާރާތުން ކަޓައިފައެވެ. އެހެން ނަމަވެސް މޮޅަކާއެކު މުބާރާތް ނިންމާލުން މުހިންމު ކަމަށް ދެ ޓީމުގެ ކޯޗުންވެސް ވަނީ މެޗުގެ ކުރިން ބުނެފައެވެ. ގްރޫޕް އޭ އިން އިންޑިއާއާއި ކުވައިތު ސެމީ ޔަގީން ކޮށްފައި އޮތް އިރު، ގްރޫޕުގެ އެއްވަނަ ޔަގީންވާނީ މިރޭ އެ ދެ ޓީމުން ކުޅޭ މެޗުންނެވެ. ޕާކިސްތާނުން މިއަދުގެ މެޗަށް ނުކުތީ ފުރަތަމަ މެޗުގައި އިންޑިއާ ކައިރިން 4-0 އިން ބަލިވެ، ދެވަނަ މެޗުގައި ކުވައިތު ކައިރިންވެސް 4-0 އިން ބަލިވެފައި އޮވެގެންނެވެ. އަނެއްކޮޅުން ނުކުތް ނޭޕާލް ފުރަތަމަ މެޗުގައި 3-1 އިން ކުވައިތު ކައިރިން ބަލިވި އިރު، ދެވަނަ މެޗުގައި އިންޑިއާ އަތްދަށުވީ 2-0 ގެ ނަތީޖއާކުންނެވެ.
މެޗު ފެށިގެން ފުރަތަމަ ހާފުގައި މާ ބޮޑު ފޯރިއެއް ނުފެނެއެވެ. ދެ ޓީމުގެ ފަރާތުންވެސް ފުރަތަމަ ކޮޅުގައި މަދު ހަމަލާތަކެއް ފެނިގެން ގޮސްފައިވާ އިރު، ބޮޑަށް ނުރައްކާކޮށް ފެނުނީ ނޭޕާލުންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި ނޭޕާލަށް ރަނގަޅު ހިސާބަކުން ހިލޭ ޖެހުމެއް ލިބުނެވެ. ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަންނަން މަސައްކަތްކުރަނިކޮށް، ނޭޕާލްގެ ބިމާލް ގަރްތީ މަގަރަށް ކުރި ފައުލަކާ ގުޅިގެން ޕާކިސްތާންގެ ސަޔެދް އަބްދުﷲ ޝާހަށް ރީނދޫ ކާޑެއް ދައްކައި، ނޭޕާލަށް ހިލޭ ޖެހުމެއް ދީފައިވާ އިރު، އެ ހިލޭ ޖެހުމުގައި ބިމާލް ޖެހި ބޯޅަ ދިޔައީ މާ ބޮޑަށް މަތިންނެވެ.
ޕާކިސްތާނުގެ ކުރިން އޯޓިސް ހާން ބޯޅަ ކޮންޓްރޯލް ކޮށްގެން ކުރިއަށް ކުޅެން މަސައްކަތް ކޮށްފައިވާ އިރު، އޭނާ 19 ވަނަ މިނެޓުގައި ދިން ބޯޅައިގައި ޕާކިސްތާންގެ ކެޕްޓަން ހަސަން ބަޝީރަށް ރަނގަޅަށް ބޭނުމެއް ނުހިފުނެވެ. ހުސްކޮށް އޮވެ ހަސަން ކޮންޓްރޯލް ކޮށްލަން ޖައްސާލި ބޯޅަ ދިޔައީ މާ ބޮޑަށް ފަޔާ ދުރަށެވެ. އޭގެ ފަހުން ޕާކިސްތާނުން ހާފުގައި ތަނަވަސްކުރި އެންމެ ނުރައްކާތެރި ހަމަލާގައި އަލަމްގީރް އަލީ ޚާން ގާޒީ ފޮނުވާލި ހަމަލާ، ނޭޕާލްގެ ކީޕަރު ކިރަން ކުމާރް ލިމްބޫ ވަނީ މަތަކޮށްފައެވެ.
ހާފު ނިމެން ދަނިކޮށް މެޗުގެ ލީޑު ނަގަން ނޭޕާލަށް ހުސް ފުރުސަތުތަކެއް ލިބުނެވެ. 42 ވަނަ މިނެޓުގައި ބިމާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ނޭޕާލްގެ އަވާޝް ލަމިޗާނޭ ފޮނުވާލި ހަމަލާ، ޕާކިސްތާންގެ ޑިފެންޑަރު އަބްދުﷲ އިގުބާލު ބްލޮކް ކުރިއެވެ. އަދި އޭގެ ފަހުން މަނީޝް ޑަންގީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ނޭޕާލްގެ ބިމާލް ފޮނުވާލި ހަމަލާ، ޕާކިސްތާންގެ ކީޕަރު ޔޫސުފް ބަޓް ވަނީ ފައިން މަތަކޮށް ބޭރުކޮށްލައިފައެވެ.
ދެވަނަ ހާފަށް ނުކުމެ ނޭޕާލުން ބޮޑަށް ނުރައްކާ ކުރީ ހިލޭ ޖެހުންތަކުގައެވެ. މެޗުގެ 68 ވަނަ މިނެޓުގައި ދަވެންދުރާ ތަމަންގް ފޮނުވާލި ހިލޭ ޖެހުން ޕާކިސްތާން ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި އިރު، އޭގެ ފަހުން ހިލޭ ޖެހުމެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުއްޓައި ލިބުނު ބޯޅައަކުން ނޭޕާލްގެ އަރިކް ބިސްތާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޕާކިސްތާން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. ދަވެންދުރާ ތަމަންގެ އިތުރު ހިލޭ ޖެހުމެއްވެސް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާ އިރު، ނޭޕާލުން ދިޔައީ ދެވަނަ ހާފުގައި ގޯލަކަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.
ނަތީޖާއެއްގެ ގޮތުން މެޗުގެ 80 ވަނަ މިނެޓުގައި ނޭޕާލުން ލީޑު ނެގިއެވެ. ނޭޕާލަށް ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުުތް އާޝިޝް ޗޯދަރީއެވެ. އެއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. އަޝީޝް އެ ގޯލު ކާމިޔާބުކުރީ ލަކެން ލިމްބޫ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ. ދުރުން ޖެހި ބޯޅަ އަޝީޝް އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ. އޭގެ ފަހުން ނޭޕާލަށް އިތުރު ފުރުސަތެއްވެސް ލިބި ބޭކާރުވިއެވެ. އޭރިއާ ތެރެއިން ލަކެންއަށް ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. ނޭޕާލަށް ފަހުވަގުތު ގޯލު ހުސް ފުރުސަތުތަކެއް ލިބިވެސް ބޭކާރުވިއެވެ. ފަހު ކޮޅުގައި ޕާކިސްތާން ގޯލްކީޕަރު ބަޓް ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެން މަސައްކަތްކޮށްފައެވެ.
އޭގެ ފަހުން ނޭޕާލުން ރަނގަޅަށް ޑިފެންސްކޮށް މެޗުން ތިން ޕޮއިންޓް ޔަގީން ކޮށްފައިވާ އިރު، ދެ ޓީމަށްވެސް މިއީ މި ހިސާބުން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ނިމުނީއެވެ.
މިރޭ ގްރޫޕް އޭގެ ފަހު މެޗުގައި އިންޑިއާއާއި ކުވައިތު ނުކުންނާނީ ރާއްޖެ ގަޑިން 7:00 ގައެވެ.