މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ނޭޕާލް ކުރީގައި އޮވެގެން.
'90+1 - ނޭޕާލަށް ކައިރިކައިރީގައި ދެ ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ނޭޕާލްގެ ލަކެން ލިމްބޫ ފޮނުވާލި ހަމަލާ ޕާކިސްތާން ކީޕަރު ޔޫސުފް ބަޓް މަތަކުރި އިރު، ރީބައުންސް ބޯޅައިން ނަވަޔުގް ޝްރެސްތާ ފޮނުވާލި ހަމަލާ ގޯލު ލައިންމައިން ޕާކިސްތާންގެ ކެޕްޓަން އީސާ ސުލިމާން ވަނީ ދިފާއުކޮށްފައި.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.
'90 - ޕާކިސްތާން ކީޕަރު ޔޫސުފް ބަޓް ކޯނަރަކަށް އަރައި ހުއްޓައި ލިބުނު ބޯޅަ ހިފައިގެން މަނީޝް ޑަންގީ ކުރިއަށްދަނިކޮށް، ޕާކިސްތާންގެ ޑިފެންޑަރު ވަނީ ދިފާއުކޮށްފައި.
'79 - ނޭޕާލުން ގޯލެއް ޖަހައި، ލީޑު ހޯދައިފި. ނޭޕާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުުތް އާޝިޝް ޗޯދަރީ. އޭނާ އެ ގޯލު ކާމިޔާބުކުރީ ލަކެން ލިމްބޫ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން. އޭނާގެ ހަމަލާ އަމާޒުވީ ޕާކިސްތާން ގޯލުގެ ތިރީ ކަނަކަށް.
'71 - ޕާކިސްތާނުގެ ހަމަލާއެއް. އަލީ އުޒައިރް މަހުމޫދު ދުރުން ފޮނުވާލި ހަމަލާ، ނޭޕާލްގެ ކީޕަރު ކިރަން ކުމާރު ލިމްބޫ ވަނީ ފަސޭހަކަމާއެކު ހޯދާފައި.
'68 - ނޭޕާލުގެ ނުރައްކާތެރި ހަމަލާއެއް. ދަވެންދުރާ ތަމަންގް ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ޕާކިސްތާން ގޯލުގެ ހުރަސް ދަނޑިއަށް.
'63 - ޕާކިސްތާންގެ ދެ ބަދަލެއް. މުހައްމަދު ވަލީދު ޚާން އާއި ކެޕްޓަން ހަސަން ބަޝީރުގެ ބަދަލުގައި ކުޅެން ނުކުތީ ހާރޫން ރާޝިދު ހާމިދާއި މުހައްމަދު ވަހީދު.
'61 - ނޭޕާލަށް ހުސް ފުރުސަތެއް. ނަވަޔުގް ޝްރެސްތާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ނޭޕާލްގެ މަނީޝް ޑަންގީ ފޮނުވާލި ހަމަލާ، ޕާކިސްތާން ކީޕަރު ޔޫސުފް ބަޓް ވަނީ ކުރިއަށް ނުކުމެ މަތަކޮށްފައި.
'51 - ނޭޕާލްގެ ހަމަލާއެއް. ހިލޭ ޖެހުމެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުއްޓައި ލިބުނު ބޯޅައަކުން ނޭޕާލްގެ އަރިކް ބިސްތާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޕާކިސްތާން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'48 - ޕާކިސްތާންގެ ނުރައްކަލެއް. ހަސަން ބަޝީރު ބޮލުން ޖައްސާލި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޕާކިސްތާންގެ އޯޓިސް ޚާން ވެއްޓިލާފައި ފޮނުވާލި ހަމަލާ އަމާޒުވީ ނޭޕާލް ކީޕަރު ކިރަން ކުމާރް ލިމްބޫއާ ދިމާއަށް.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.
'42 - ކައިރިކައިރީގައި ނޭޕާލަށް ރަނގަޅު ދެ ފުރުސަތު. ބިމާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ނޭޕާލްގެ އަވާޝް ލަމިޗާނޭ ފޮނުވާލި ހަމަލާ، ޕާކިސްތާންގެ ޑިފެންޑަރު އަބްދުﷲ އިގުބާލު ވަނީ ބްލޮކޮށްފައި. އަދި އޭގެ ފަހުން މަނީޝް ޑަންގީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ނޭޕާލްގެ ބިމާލް ގަރްތީ ފޮނުވާލި ހަމަލާ، ޕާކިސްތާންގެ ކީޕަރު ޔޫސުފް ބަޓް ވަނީ މަތަކޮށްފައި.
'31 - ޕާކިސްތާނަށް ރަނގަޅު ފުރުސަތެެއް. ޕެނަލްޓީ އޭރިއާ ތެރެއިން އަލަމްގީރް އަލީ ޚާން ގާޒީ ފޮނުވާލި ހަމަލާ، ނޭޕާލްގެ ކީޕަރު ކިރަން ކުމާރް ލިމްބޫ ވަނީ މަތަކޮށްފައި.
'29 - ނޭޕާލްގެ އަޔުޝް ގަލަންއަށް ކުރި ފައުލަކާ ގުޅިގެން ޕާކިސްތާންގެ އަބްދުﷲ އިގުބާލަށް ރީނދޫ ކާޑެއް.
ރާއްޖޭގެ ރެފްރީ ހުސައިން ސިނާންގެ ނިންމުންތައް ގޯސް ކަމަށްބުނެ، ޕާކިސްތާން ކުޅުންތެރިންގެ ޝަކުވާތައް ގިނަ.
'19 - އޮޓިސް ޚާން ދިން ބޯޅަ، ނޭޕާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޕާކިސްތާންގެ ހަސަން ބަޝީރަށް ކޮންޓްރޯލުކުރެވޭ ގޮތެއް ނުވި.
'12 - ނޭޕާލްގެ ބިމާލް ގަރްތީ މަގަރް ފޮނުވާލި ހިލޭ ޖެހުން، ޕާކިސްތާން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'11 - ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަންނަން މަސައްކަތްކުރަނިކޮށް، ނޭޕާލްގެ ބިމާލް ގަރްތީ މަގަރަށް ކުރި ފައުލަކާ ގުޅިގެން ޕާކިސްތާންގެ ސަޔެދް އަބްދުﷲ ޝާހަށް ރީނދޫ ކާޑެއް، ނޭޕާލަށް ހިލޭ ޖެހުމެއް. އޭގެ ކުރިން ނޭޕާލް ކުޅުންތެރިއަކު ޕާކިސްތާނުގެ ކުޅުންތެރިޔަކަށް ފައުލްކޮށްފައިވާ ކަަމަށްބުނެ ރާއްޖޭގެ ރެފްރީ ހުސައިން ސިނާން ކައިރީ ޝަކުވާ ވެސް ކުރި.
މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ކުޅުން ނިމުނު އިރު، ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެއް. ދެ ޓީމަށް ވެސް ގޯލު ޖަހާނެ ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.
'7 - ޕާކިސްތާނަށް ލިބުނު ފުރަތަމަ ކޯނަރުން އޮޓިސް ޚާން ނަގައިދިން ކޯނަރުގެ ބޭނުމެއް ވެސް ނުހިފުނު.
'5 - މެޗުގެ ފުރަތަމަ ކޯނަރު ނޭޕާލަށް، އަރިކް ބިސްތާ ނަގައިދިން ކޯނަރުގެ ބޭނުމެއް ނުހިފުނު.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ނޭޕާލުން.
ނޭޕާލް އަދި ޕާކިސްތާން ވެސް ގްރޫޕުގައި ކުޅުނު ފުރަތަަމަ ދެ މެޗުން ވަނީ ބަލިވެފައި. މި މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް، މިއިން އެއްވެސް ޓީމަކަށް ސެމީ ފައިނަލުގެ ޖާގައެއް ނުލިބޭނެ. "ގްރޫޕު އޭ" އިން ސެމީގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ އިންޑިއާ އާއި ކުވައިތު. އެ ދެ ޓީމު ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓް ހޯދާފައި. ގްރޫޕުގެ އެއްވަނަ ކަނޑައެޅިގެންދާނީ މިރޭ 7:00 ގައި އިންޑިއާ އާއި ކުވައިތު ބައްދަލުކުރާ މެޗުން.
މިއަދުގެ މެޗު ނޭޕާލްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަންޖަން ބިސްތާ ފަށާނީ ބެންޗުން. އޭނާއަށް ވަނީ އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާއަކާ ކުރިމަތިވެފައި.
ސާފް ޗެމްޕިއަންޝިޕް 2023ގެ ގްރޫޕް އޭގައި ޕާކިސްތާނާއި ނޭޕާލުން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއަދުގެ މެޗަށް ނުކުންނައިރު ދެ ޓީމުވެސް އޮތީ މުބާރާތުން ކަޓައިފައި. ދެ ޓީމުންވެސް މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެފައި އޮތް އިރު، މި މެޗަށް ނުކުންނަނީ މޮޅަކާއެކު މުބާރާތް ނިންމާލަން.