މުހައްމަދު ޖަމްޝަތް ވަހީދު
ނ. މާފަރުން އެއާޕޯޓުން ފެނުނު ގޮތް ނޭނގޭ ޖަނަވާރު ރަށުގެ މީހުން އުޅޭ ސަރަހައްދަށް އަރައިފާނެ ކަމަށް ނުބެލެވޭ ކަމަށް މާފަރު ކައުންސިލުގެ ރައީސް މުހައްމަދު އަދުނާނު ވިދާޅުވެއްޖެ އެވެ.
މާފަރު އެއާޕޯޓުގެ ރަންވޭ ކައިރިން ގޮތް ނޭނގޭ "ބިޔަ" ޖަނަވާރެއް ދުވެފައި ދާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވުމާއި ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފުން އެ ޖަނަވާރު ހޯދުމުގެ މަސައްކަތް އިއްޔެ ވަނީ ފަށާފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ޖަނަވާރުގެ ހަރަކާތްތައް ވައްތަރީ މިނިކާވަގަކާއެވެ.
މާފަރު ކައުންސިލް ރައީސް މުހައްމަދު އަދުނާނު "ވަން" އަށް މިއަދު ވިދާޅުވީ ރަށުގެ އެއާޕޯޓު ސަރަހައްދަކީ ފެންސް ޖަހައި ބަންދުކޮށްފައިވާ ސަރަހައްދަކަށް ވާތީ އެ ޖަނަވާރު ރަށުގެ މީހުން އުޅޭ ސަރަހައްދަށް އަރައިފާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެއީ ކޮންކަހަލަ ޖަނަވާރެއްކަން ދެނެގަނެވިފައި ނުވާތީ އީދާ ގުޅިގެން ރަށުގައި ކުރިއަށްގެންދަން ރާވާފައިވާ އެއްވެސް ހަރަކާތަކަށް ބަދަލު ގެންނަން އަދި ނިންމާފައި ނުވާ ކަމަށްވެސް އަދުނާނު ވިދާޅުވި އެވެ.
އެ ޖަނަވާރު ހޯދުމުގެ މަސައްކަތަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ޓީމެއްވެސް މާފަރުގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު "ވަން" އަށް މައުލޫމާތު ދެއްވި ގޮތުގައި އެ ޖަނަވާރު ހޯދުމުގައި ހަރަކާތްތެރިވާ ޓީމުވެސް ބަލަމުން އަންނަނީ އެއާޕޯޓު ސަރަހައްދެވެ. އެއީ އެއާޕޯޓާއި ރަށުގެ އާއްމުން އުޅޭ ސަރަހައްދު ފެންސް ޖަހައި ބަންދުކޮށްފައިވާތީ އާއި ޖަނަވާރު ފެނުނީ އެއާޕޯޓު ސަރަހައްދުން ކަމަށްވާތީ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް އެ ޖަނަވާރު ފެނިފައިނުވާ ކަމަށާއި މުޅި އެއާޕޯޓު ސަރަހައްދު ވަރަށް ރަނގަޅަށް ބަލައި ފާސްކުރަމުން އަންނަ ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.
މާފަރުން "ވަން"އާ ވާހަކަދެއްކި ބައެއް މީހުން ބުނާ ގޮތުގައި އެ ޖަނަވާރު ބޮޑަށް ވައްތަރީ ބްލެކް ޕެންތާ އަދި ބްލެކް ޗީތާ އަކާއެވެ. އެ ޖަނަވާރު ކަނޑު ބޯޓަކުން މޫދަށް ފުންމާލި މަންޒަރު ފެނުނު ކަމަށް ބުނެވެސް ބައެއް މީހުން ވާހަކަދައްކާފައިވެއެވެ.
"ވަން"އާ ވާހަކަދެއްކި މީހަކު ބުނިގޮތުގައި އެ ޖަނަވާރު ފެނިފައިވަނީ މާފަރު އެއާޕޯޓުގެ ދެވަނަ ފިޔަވަހިންނެވެ. އެ ޖަނަވާރު ފެނުނު މީހުން، އެއީ މިނިކާވަގެއް ކަމަށް ޔަގީންކަމާއެކު ބުންޏަސް، ފުލުހުން އަދި އެމްއެންޑީއެފުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.