މި އޭޕްރީލް މަހުގެ ހަތެއްވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލް ޖުމްހުރިއްޔާ ހަމަޖައްސަވައިފިއެވެ.
ރައީސުލް ޖުމްހުރިއްޔާގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެގޮތަށް ހަމަޖެއްސެވީ، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާގުޅޭ އެކި އެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒިފުންނާއި އާއްމު ރައްޔިތުން ހަރަކާތްތެރިވާނެތީއެވެ.
އަދި މި ދުވަސް ބަންދު ކުރެއްވުމަކީ ސަރުކާރުގެ މުވައްޒިފުންނަށާއި އާއްމު ރައްޔިތުންނަށް މިކަމުގެ ސަބަބުން ފަސޭހަތަކެއް ވާނެކަމެއްް ކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ދަންނަވަން ރައީސުލް ޖުމްހިރްޔާ ވިދާޅުވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.