ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދިނުމަށްޓަކައި ބިން ހިއްކާފައިވާ ރަށްރަށުން ލަސްނުކޮށް ގޯތި ދޫކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކެނދިކުޅުދޫ ދާއިރާއަށް ވާދަކުރައްވާ އަހުމަދު އީސާގެ ކެމްޕެއިން ޖަލްސާގައި ހެނބަދޫ ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.
އެކަން ހައްލުކުރުމުގެ ގޮތުން ބ.އޭދަފުށި، ނ.ވެލިދޫ، ބ. ތުޅާދޫ، އަދި ހިންނަވަރުގެ އިތުރުން ބިން ހިއްކާފައިވާ އެހެން ރަށްރަށުން ވަރަށް އަވަހަށް ގޯތި ދޫކުރަން ފަށާނެ ކަމަށް ވިދާޅުވިއެވެ. އަދި ހިއްކި ބިމުން ގޯތި ދޫކުރުމަށްޓަކައި ލޭންޑްޔޫސް ޕްލޭން ހަދައި ގޯތި ދޫކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމަށް މީގެކުރިންވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ފަސް އަހަރު ނިމޭއިރު ބޯހިޔާވަހިކަމަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.