ސާފް 2023

ސާފް ޗެމްޕިއަންޝިޕް ލައިވް: ބޫޓާން 1-4 ލުބުނާން (ފުލްޓައިމް)

26 Jun 02:07

މެޗުގެ އުސްއަލިތައް:

  • ފުރަތަަމަ ހާފުގައި މުޅި ޓީމު ކުރިއަށްޖެހި، ލުބުނާނުން ކުޅުނީ އެޓޭކިން ގޭމެއް
  • ގިނަ ހަމަލާތަކެއް އުފެއްދި ލުބުނާނުން ވަނީ ފުރަތަމަ ހާފުގައި ވެސް ހަތަރު ގޯލު ޖަހާފައި
  • ލުބުނާންގެ ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ސަޑެކް، އަލީ އަލް ހާޖް، ޚަލީލް ބަދަރް އަދި މަހްދީ ޒެއިން
  • ފުރަތަމަ ހާފުގައި ބޫޓާނަށް ފޮނުވާލެވުނީ ދެ ހަމަލާއެއް
  • ބޫޓާންގެ ޗެންޗޯ ޔެލްޓްޝެން އަދި ޓެންޒިން ނޯބޫ ފޮނުވާލި ހަމަލާ ވެސް ލުބުނާންގެ ކީޕަރު އެންޓޮއިން ނަޔާ އަލްދޫހީ ވަނީ މަތަކޮށްފައި
  • މެޗުގެ ދެވަނަ ހާފުގައި ބޫޓާނުން ވަނީ ކުޅުން ރަނގަޅުކޮށް ފުރުސަތުތަކެއް ތަނަވަސްކޮށްފައި
  • އެގޮތުން ބޫޓާންގެ ކިންގާ ވަންގްޗުކް ފޮނުވާލި ހަމަލާއެއް އަދި ކެޕްޓަން ޗެންޗޯ ފޮނުވާލި ހަމަލާ ވެސް ލުބުނާންގެ ކީޕަރު އެންޓޮއިން ނަޔާ އަލްދޫހީއަށް މަތަކުރަން ޖެހުނު
  • މެޗުގައި ބޫޓާނަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައި، ޗެންޗޯ ފޮނުވާލި އެ ޕެނަލްޓީ ލުބުނާންގެ ގޯލާ އަމާޒުވެފައެއް ނުވޭ
  • ބޫޓާނުން ގޯލު ޖެހީ މެޗު ނިމެން 11 މިނެޓަށް ވެފައިވަނިކޮށް، އެ ގޯލު ކާމިޔާބުކޯށްދިނީ ޗެންޗޯ
  • ދެވަނަ ހާފުގައި ލުބުނާނަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، ކެޕްޓަން ހަސަން މާތޫކަށް ލިބުނު ފުރުސަތެއް. އޭނާގެ ހަމަލާ ދިޔައީ ބޫޓާން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް
26 Jun 01:53

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ލުބުނާން ކުރީގައި އޮވެގެން.

26 Jun 01:49

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.

26 Jun 01:49

'89 - ލުބުނާނަށް ހުސް ފުރުސަތެއް. އަލީ މާކަބަވީ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ލުބުނާންގެ ކެޕްޓަން ހަސަން މާތޫކް ފޮނުވާލި ހަމަލާ ދިޔައީ ބޫޓާން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

26 Jun 01:46

'86 - ލުބުނާނުން ދެ ބަދަލެއް. މުހައްމަދު ސަޑެކް އާއި ހުސައިން ޒެއިންގެ ބަދަލުގައި ކުޅެން ނުކުތީ ކެޕްޓަން ހަސަން މާތޫކް އަދި ވާލިދް ޝޫރް.

26 Jun 01:42

'81 - ބޫޓާންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ފުބް ތިންލޭ ފޮނުވާލި ހަމަލާ ދިޔައީ ލުބުނާން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

26 Jun 01:39

'79 - ބޫޓާނުން އެޓީމުގެ ފުރަތަމަ ގޯލު ޖަހައިފި. ޑޯޖީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ބޫޓާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ޗެންޗޯ ޔެލްޓްޝެން. މިއީ މި މުބާރާތުގައި ބޫޓާނުން ޖެހި ފުރަތަމަ ގޯލު.

26 Jun 01:36

'77 - ލުބުނާނުން ބަދަލެއް. އަލީ އަލް ހާޖްގެ ބަދަލުގައި ކުޅެން ނުކުތީ އަލީ ޝައިތޫ.

26 Jun 01:33

'73 - ލުބުނާންގެ ޚަލީލް ބަދަރް ނަގައިދިން ހުރަސް، ބޫޓާންގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރި އަލީ މާކާބާވީއަށް ނުލިބި ބޭރަށް.

26 Jun 01:30

'70 - ލުބުނާންގެ ހަސަން ކޫރާނީ ފޮނުވާލި ހިލޭ ޖެހުން ބޫޓާންގެ ގޯލާ އަމާޒެއް ނުވި.

26 Jun 01:24
26 Jun 01:16

'56 - ލުބުނާންގެ ކެޕްޓަން މުހައްމަދު އަލީ ދައިނީއަށް ރީނދޫ ކާޑެއް.

26 Jun 01:15

'55 - ބޫޓާންގެ ތަރި ޗެންޗޯ ފޮނުވާލި ޕެނަލްޓީ، ލުބުނާންގެ ގޯލާ އަމާޒެއް ނުވި.

26 Jun 01:14

'54 - ޕެނަލްޓީ އޭރިއާ ތެރެއިން ބޫޓާން ކެޕްޓަން ޗެންޗޯއަށް ލުބުނާންގެ ކެޕްޓަން މުހައްމަދު އަލީ ދައިނީ ކުރި ފައުލަކާ ގުޅިގެން ބޫޓާނަށް ޕެނަލްޓީއެއް.

26 Jun 01:13

'53 - ލުބުނާންގެ ކީޕަރު އެންޓޮއިން ނަޔާ އަލްދޫހީގެ މޮޅު ދެ ސޭވްއެއް. ޕެނަލްޓީ އޭރިއާ ބޭރުން ބޫޓާންގެ ކިންގާ ވަންގްޗުކް ފޮނުވާލި ހަމަލާ ލުބުނާން ކީޕަރު އަލްދޫހީ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ބޫޓާން ކެޕްޓަން ޗެންޗޯ ފޮނުވާލި ހަމަލާ ވެސް ކީޕަރު އަލްދޫހީ ވަނީ މަތަކޮށްފައި.

26 Jun 01:10

މިހާރު ބޫޓާންގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅެނީ ޗެންޗޯ ޔެލްޓްޝެން.

26 Jun 01:08

ބޫޓާނުން ދެވަނަ ހާފަށް ނުކުތީ ދެ ބަދަލަކާއެކު. ކެޕްޓަން ކަރްމާ ޝެޑްރުޕް ޝެރިންގް އާއި ދަވާ ޝެރިންގްގެ ބަދަލުގައި ކުޅެން ނުކުތީ ފުންޓްޝޯ ޖިގްމޭ އަދި ފުބް ތިންލޭ.

26 Jun 01:04

ދެވަނަ ހާފުގެ ކުޅުން ފަށައިފި.

26 Jun 00:53

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • ފުރަތަަމަ ހާފުގައި މުޅި ޓީމު ކުރިއަށްޖެހި، ލުބުނާނުން ކުޅުނީ އެޓޭކިން ގޭމެއް
  • ގިނަ ހަމަލާތަކެއް އުފެއްދި ލުބުނާނުން ވަނީ ފުރަތަމަ ހާފުގައި ވެސް ހަތަރު ގޯލު ޖަހާފައި
  • ލުބުނާންގެ ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ސަޑެކް، އަލީ އަލް ހާޖް، ޚަލީލް ބަދަރް އަދި މަހްދީ ޒެއިން
  • ފުރަތަމަ ހާފުގައި ބޫޓާނަށް ފޮނުވާލެވުނީ ދެ ހަމަލާއެއް
  • ބޫޓާންގެ ޗެންޗޯ ޔެލްޓްޝެން އަދި ޓެންޒިން ނޯބޫ ފޮނުވާލި ހަމަލާ ވެސް ލުބުނާންގެ ކީޕަރު އެންޓޮއިން ނަޔާ އަލްދޫހީ ވަނީ މަތަކޮށްފައި
26 Jun 00:49

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ލުބުނާން ކުރީގައި އޮވެގެން.

26 Jun 00:48

'45+2 - ބޫޓާންގެ ނުރައްކާތެރި ހަމަލާއެއް. ނިމާ ވަންގްޑީ ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޫޓާންގެ ޓެންޒިން ނޯބޫ ބޮލުން ފޮނުވާލި ހަމަލާ، ލުބުނާންގެ ކީޕަރު އެންޓޮއިން ނަޔާ އަލްދޫހީ ވަނީ މަތަކޮށްފައި.

26 Jun 00:46

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.

26 Jun 00:44

'43 - ލުބުނާނުން އެޓީމުގެ ހަތަރުވަނަ ގޯލު ޖަހައިފި. ޚަލީލް ބަދަރް ފޮނުވާލި ހަމަލާއެއް ބޮލްކުވުމާއެކު ލިބުނު ރީބައުންސް ބޯޅައިން ފޮނުވާލި ހަމަލާއަކުން ލުބުނާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ މަހްދީ ޒެއިން.

26 Jun 00:37

'35 - ލުބުނާނުން ތިން ގޯލުގެ ލީޑެއް ހޯދައިފި. ބޫޓާންގެ ޑިފެންޑަރުންނަށް ކޯނަރެއް ރަނގަޅަށް ދިފާއުނުކުރެވުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ލުބުނާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޙަލީލް ބަދަރް. އޭނާއަށް ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ލިބުނު އިރު، ހުރީ ވަރަށް ހުސްކޮށް.

26 Jun 00:35

'31 - ބޫޓާންގެ ފުރަތަމަ ހަމަލާ، ޕެނަލްޓީ އޭރިއާ ބޭރުން ޗެންޗޯ ޔެލްޓްޝެން ފޮނުވާލި އެ ހަމަލާ ލިބުނާންގެ ކީޕަރު އެންޓޮއިން ނަޔާ އަލްދޫހީ ވަނީ މަތަކޮށްފައި.

26 Jun 00:28

ލުބުނާން މުޅިން ވެސް ފެންނަނީ އެޓޭކުގައި، އެޓީމުގެ ޑިފެންޑަރުންނާއެކު ގިނަ ކުޅުންތެރިންތަކެއް އެޓޭކުގައި ބައިވެރިވޭ.

26 Jun 00:25

'23 - ލުބުނާނުން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. ޕެނަލްޓީ އޭރިއާ ތެރެއިން ވަރަށް ފަސޭހަކަމާއެކު ބޫޓާންގެ ތިން ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުން ލުބުނާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަލީ އަލް ހާޖް.

26 Jun 00:17

'17 - ލުބުނާންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ލުބުނާންގެ ޚަލީލް ބަދަރް ފޮނުވާލި ބާރު ހަމަލާ، ބޫޓާންގެ ކީޕަރު ޝެރިން ޑެންޑުޕް ވަނީ މަތަކޮށްފައި.

26 Jun 00:14

މި މެޗުގައި ވެސް ލުބުނާންގެ ކެޕްޓަން އަދި އެޓީމުގެ ރެކޯޑު ގޯލު ޖެހުންތެރިޔާ ހަސަން މާތޫކް ފެށީ ބެންޗުން. ބަންގުލަދޭޝް މެޗުގައި ވެސް އޭނާ ފެނުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި.

26 Jun 00:13

މެޗު ކުރިއަށްދާ އިރު، ދަނޑަށް މިހާރު ދަނީ ބޯކޮށް ވާރޭ ވެހެމުން.

26 Jun 00:12

'11 - ލުބުނާނުން ގޯލެއް ޖަހައި ލީޑު ހޯދައިފި. އަލީ އަލް ހާޖް ފޮނުވާލި ހަމަލާއެއް ބޫޓާންގެ ކީޕަރު ޝެރިން ޑެންޑުޕް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުން ލުބުނާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ސަޑެކް. އޭނާ އެ ގޯލު ކާމިޔާބުކުރީ ވަރަށް ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން.

26 Jun 00:09

މި މެޗުގެ ފުރަތަމަ 11 ގައި ބޫޓާންގެ ތަރި ޗެންޗޯ ޔެލްޓްޝެން ހިމެނޭ. ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ފެނިގެންދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި.

26 Jun 00:04

'3 - ލުބުނާންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ އަރިމަތިން ލުބުނާންގެ ޚަލީލް ބަދަރް ފޮނުވާލި ހަމަލާ ދިޔައީ ބޫޓާން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

26 Jun 00:01

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ލުބުނާނުން.

26 Jun 00:01

ލުބުނާންގެ ފުރަތަމަ 11:

  • އެންޓޮއިން ނަޔާ އަލްދޫހީ - ގޯލްކީޕަރު
  • މުހައްމަދު އަލީ ދައިނީ - ކެޕްޓަން
  • މެކްސިމް އައޫން
  • މަހްދީ ޒެއިން
  • ހުސައިން ޒެއިން
  • މުހައްމަދު ސަޑެކް
  • އަލީ އަލް ހާޖް
  • އަލީ މަރަކަބަވީ
  • ހަސަން ސްރޫރް
  • ޚަލީލް ބަދަރް
  • އަލީ ޓިނެއިޗް
25 Jun 23:59

ބޫޓާންގެ ފުރަތަަމަ 11:

  • ޝެރިންގް ޑެންޑުޕް - ގޯލްކީޕަރު
  • ކަރްމާ ޝެޑްރުޕް ޝެރިންގް - ކެޕްޓަން
  • ޝެރުބް ޑޯޖީ
  • ޓެންޒިން ނޯބޫ
  • ޗިމީ ޝެވަންގް
  • ޑޯޖީ
  • ޗެންޗޯ ޔެލްޓްޝެން
  • ކިންގާ ވަންގްޗުކް
  • ޑަވާ ޝެރިންގް
  • ނިމާ ވަންގްޑީ
  • ޝެލްތުރިމް ނަމްޖިޔެލް

ސާފް ޗެމްޕިއަންޝިޕް 2023ގެ އަށްވަނަ މެޗުގައި ބޫޓާނާއި ލުބުނާން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއަދުގެ މެޗަށް ނުކުންނަ އިރު، ލުބުނާން އޮތީ ބަންގްލަދޭޝް ކައިރިން 2-0 އިން މޮޅުވެފައި. ބޫޓާން އޮތީ ކުޅުނު ފުރަތަމަ މެޗުގައި 2-0 އިން ރާއްޖެ ކައިރިން ބަލިވެފައި. މިރޭގެ މެޗުން މޮޅުވެ، ލުބުނާނަށް ސެމީއާ ގާތަށް ޖެހިލެވޭނެ. ކުރިއަށްދާން ބޫޓާނަށް މޮޅުވާން ޖެހޭ.

މިހާތަނަށް މީގެ ކުރިން ބޫޓާނާއި ލުބުނާން ބައްދަލުކޮށްފައެއް ނުވޭ. ބޫޓާނަކީ ފެންވަރުގެ ގޮތުން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެންމެ ދަށް ޓީމު. އަދި ލުބުނާނަކީ އެންމެ ވަރުގަދަ ޓީމު.