ވެގްނަރ ކުލީ ސިފައިންގެ ގްރޫޕުން ރަޝިޔާގައި ހިންގީ ހަގީގަތުގައިވެސް ބިރުގަތުން އެކަށީގެންވާ ބޮޑު ބަޣާވާތެކެވެ. ގާތްގަޑަކަށް ސައުވީސް ގަޑިއިރު ރަޝިޔާއޮތީ ހަގީގީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އަމާނެއް ނުދޭނަމޭ، މަރުވާންވެސް ތައްޔާރޭ ބުނެފައި ވެގްނާރ ގްރޫޕުގެ އެތައްހާސް ހަނގުރާމަވެރިން ފުރިހަމަ ހަތިޔާރާއެކު ވެރިރަށް މޮސްކޯއާ ދިމާލަށް ފެށި ދަތުރު ސައުވީސް ގަޑިއިރު ފަހުން ވަނީ ހުއްޓާލައިފައެވެ. ކޮންމެވެސް ކަހަލަ އެއްބަސްވުމަކަށް އާދެވިގެންނެވެ. ކޮންކަހަލަ އެއްބަސްވުމެއް ބާވައެވެ. އެއްބަސްވުމުގެ ފަހަތުގައި ތިބީ ކޮންބައެއް ބާވައެވެ. ވެގްނަރ ގްރޫޕްގެ ވެރިޔާ އިވްގޭނީ ޕްރިގޯޒިން އާއި ރަޝިޔާގެ ޒައާމަތާ ދެމެދު އެއްބަސްވުމަކަށް އާދެވުނީ ބިލަރޫސްގެ ރައީސް އެލެގްޒާންޑަރ ލުކަޝެންކޯ މެދުވެރިވެގެންނެވެ.
މިހާތަނަށް ސާފުވާ އެއްޗަކީ ޕްރިގޯޒިންއާއި އޭނާގެ ހަނގުރާމަވެރިން ދެން މިސްރާބު ޖަހާނީ ބިލަރޫސްއަށް ކަމެވެ. ޕްރިގޯޒިންއަށް ހިމާޔަތްދޭނީ ބިލަރޫސްގެ ސަރުކާރުންނެވެ. ޕްރިގޯޒިން އާއި އޭނާގެ ހަނގުރާމަވެރިންގެ މަައްޗަށް ރަޝިޔާއިން ރަސްމީ ސިފައެއްގައި އެއްވެސް ދައުވާއެއް ނުއުފުލާނެއެވެ. މިކަމުގައި މެދުވެރިއެއްގެ ރޯލް އަދާކުރި ރައީސް ލުކަޝެންކޯއަކީ ރައީސް ޕުޓިންގެ ވަރަށް ގާތް މިތުރެކެވެ. ބައިނަލްއަގުވާމީ ސްޓޭޖުގައި މިވަގުތު ރައީސް ޕުޓިންގެ އެންމެ ގާތް އެންމެ މުހިންމު ބައިވެރިޔާއެވެ. މި އެއްބަސްވުމަށްފަހު ޕްރިގޯޒިން އާއި އޭނާގެ ހަނގުރާމަވެރިން މިހާރުވީ ކޮންތާކު ހެއްޔެވެ. ބަޣާވާތް ކުރުމަށްފަހު ޔުކްރޭނާއި ރަޝިޔާގެ ސަރަހަައްދީ ރޮނގު ހުރަސްކުރުމަށްފަހު ވެގްނަރ ގްރޫޕް ވަނީ ރަޝިޔާގެ ސިޓީއެއް ކަމަށްވާ ރޮސްޓޮވް އޮންޑޮންއަށް ވަދެފައެވެ.
ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ފޯރުމަށް ނުވަތަ އެރުމަށް އެ ގްރޫޕަށް ދެން ބޭނުންވަނީ އެންމެ ސައުވީސްގަޑިއިރެވެ. އެހިސާބަށް ގޮސްފައި ޕްރިގޯޒިން އިއުލާންކުރިއެވެ. އަހަރެން ރަޝިޔާއިން ފައިބަނީއެވެ. ރަޝިޔާ ރައްޔިތުންގެ ލޭ އޮހޮރުވައިލާކަށް ބޭނުމެއް ނޫނެވެ. އެހެން ބުނެފައި މޮސްކޯއަށް ޖަހާފައިވާ މިސްރާބު ބިލަރޫސްއާ ދިމާލަށް އަނބުރާލައި ބިލަރޫސްއަށް ދިޔުމުގެ ދަތުރުވަނީ ފަށައިފައެވެ. ކުރިންވެސް ދެންނެވުނު ފަދައިން މިކަމުގެ ސިއްރަކީ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގައި ޕްރިގޯޒިންއާއި އޭނާގެ ހަނގުރާމަވެރިންގެ މައްޗަށް ޖިނާއީ އެއްވެސް ތަހުގީގެއް ނުހިންގުމާއި އެއްވެސް ދައުވާއެއް ނުކުރުން ހިމެނެއެވެ. ރަޝިޔާގެ ދިފާއީ ވަޒީރުކަމުން ސަރްގޭ ޝެއިގޫ ދުރުކުރުމާއި އަސްކަރިއްޔާގެ ކޮމާންޑަރު ވެލެރީ ޖެރަސިމޯފް މަގާމުން ދުރުކުރުމަކީވެސް ޝަރުތެކެވެ.
އެންމެ ފުރަތަމައިނުންވެސް ވެގްނަރ ގްރޫޕަކީ ކުލީ ސިފައިންގެ ގްރޫޕެކެވެ. އުސޫލުތަކާއި ހަމަ އަންނާނީ ފައިސާޔާއި އިނާމާއި އިމްތިޔާޒުތަކުގެ ފަހަތަށެވެ. އެހެންވީމާ ޕްރިގޯޒިންގެ ހަމައެކަނި ޝަރުތަކަކީ މަތީގައި ބަޔާންކުރެވުނު ޝަރުތުތައް ކަމުގައި ގަބޫލުކުރަން ދައްޗެވެ. ވެގްނަރ ގްރޫޕު ހަރަކާތްތެރިވަނީ ހަމައެކަނި ޔުކްރޭނަކު ނޫނެވެ. ސޫދާނާއި ލީބިޔާފަދަ އެފްރިކާގެ އެތައް ގައުމެއްގައިވެސް ވެގްނަރ ގްރޫޕްގެ ހަނގުރާމަވެރިން އެބަތިއްބެވެ. އެހެންވީމާ ޕްރިގޯޒިން ހިތަކަށް އެފްރިކާ ދޫކޮށްލައިފައި އޭނާ ބޭނުންވަރަކަށް އެފްރިކާގެ ގުދުރަތީ މުއްސަނދިކަން ފޭރިގަތުން ހުއްދަކުރުމަކީ ޝަރުތަކަށް ވެދާނެއެވެ. އެއީ ވަރަށް ބޮޑަށް ގަބޫލުކުރެވޭ ގޮތެކެވެ. ޕްރިގޯޒިންގެ މުއްސަނދިކަމާއި އާރާއި ބާރު ދެމެހެއްޓުމަށް އޮތް މަގަކީވެސް އެއީއެވެ.
ވެގްނަރ ގްރޫޕުގެ ބަޣާވާތުގެ ސަބަބުން އެއްކަމެއް ޔަގީންވެއްޖެއެވެ. ރައީސް ޕުޓިންގެ ޒައާމަތަށް ގުޑުން އަރައިފިއެވެ. ޕުޓިންގެ އާރާއި ބާރަށް ލޮޅުން އަރައިފިއެވެ. ޕުޓިން އާއި އޭނާގެ އެހީތެރިންނަށް ވަރަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. ރަޝިޔާގެ ވެރިރަށް މޮސްކޯއަށް 70 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބިރުވެރިކަމާއި އުދާސް ފޯރައިފިއެވެ. އެއްބަސްވުމެއް ގާއިމުވުމުގެ ކުޑައިރުކޮޅެއް ކުރިން ރައީސް ޕުޓިން އާއްމު ގޮތެއްގައި ބޭނުން ކުރައްވާ މަތިންދާބޯޓެއް މޮސްކޯއިން ނަައްޓަައިލިއެވެ. ކްރެމްލިންއާ ގާތްގަޑަކަށް 150 ކިލޯމީޓަރު ދުރުން އެ ބޯޓުވަނީ ރާޑަރަށް ގެއްލިފައެވެ. މީގެ މާނަޔަކީ ކޮބައިބާވައެވެ. ބިރުފުޅުން މޮސްކޯ ދޫކުރަައްވައި ޕުޓިން ފުރައިވަޑައިގަތީ ބާވައެވެ. ވެދާނެއެވެ. އެކަމަކު ރިޔާސީ ކިއްލާ ކްރެމްލިންއިން މިކަން ދޮގުކުރެއެެވެ.
ރަޝިޔާއިން ރަސްމީކޮށް ދޮގުކުރިއަސް ނުކުރިއަސް ޕުޓިން މޮސްކޯއިން ފުރާވަޑައިގެންނެވިއެވެ. ރަޝިޔާގެ އަވަށްޓެރިން ރައީސް ޕުޓިންއަށް ތާއީދު އޮތްކަން ބަޔާންކޮށް އަދި ބަޣާވާތަކުން ވެރިކަން ފުރޮޅައިލުމަށް ތާއީދު ނުކުރާނެކަން ބަޔާންކޮށް ސްޓޭޓްމަންޓުތައް ނެރުމަށް އަވަސްވެގަތެވެ. އޭގެތެރޭގައި ތުރުކީވިލާތްވެސް ހިމެނެއެވެ. މިކަމުން އެކަނިވެސް ވެގްނަރ ގްރޫޕްގެ ބަޣާވާތުގެ ސީރިއަސްކަން ހާމަވެއެވެ. ވެގްނަރ ގްރޫޕަކީ މައިގަނޑު ގޮތެެއްގައި ރަޝިޔާގެ ސެންޓް ޕީޓަރސްބާގަށް ނިސްބަތްވާ ގްރޫޕެކެވެ. އެއީ ރައީސް ޕުޓިން އަމިއްލަފުޅަށް ބާރުވެރި ކުރައްވައި ވަރުގަދަ ކުރެެއްވި ގްރޫޕެކެވެ. އެހެންވީމާ މިކަމަކީ ފަހަތުން އައިސް ބުރަކަށްޓަށް ވަޅިހެރުން ފަދަ ކަމެކެވެ. އެހެންވީމާ ރައީސް ޕުޓިންއަށް ހާސްވުމާއި ކަންބޮޑުވުން ކުރިމަތިވާނެތާއެވެ. ހިމާޔަތުގައި އުފެއްދި ލަޝްކަރު ހަރާންކޯރުވީމާ ދެންވާންެެއޮތްހައި ކަމެއް ވާނެތާއެވެ.