ސާފް 2023

ސާފް ޗެމްޕިއަންޝިޕް ލައިވް: ރާއްޖެ 1-3 ބަންގްލަދޭޝް (ފުލްޓައިމް)

25 Jun 22:17

މެޗުގެ އުސްއަލިތައް:

  • ފުރަތަމަ ކޮޅުގައި ރާއްޖެއިން ރަނގަޅަށް ހަމަޖައްސައިގެން ކުޅުނު
  • ބަންގުލަދޭޝްއިން ގިނަ ވަގުތު ބޯޅަ ހިފެހެއްޓި ނަމަވެސް، ރާއްޖެ ކައުންޓާގައި ނުރައްކާ ކުރި
  • ރާއްޖެއިން ފެށުން ރަނގަޅުކޮށް، ގޯލުވެސް ޖެހި
  • ރާއްޖޭގެ ގޯލަކީ ހަމްޕު ޖަހައިދިން ހިތްގައިމު ގޯލެއް
  • ހަމްޕުގެ ގޯލަށްފަހު ބަންގުލަދޭޝް ކުޅުން ރަނގަޅުކުރި
  • އެޓީމުން ނުރައްކާކޮށް ރަނގަޅު ހަމަލާތަކެއް އުފެއްދި އިރު، ރާއްޖޭގެ ކީޕަރު ހުސައިންގެ ރަނގަޅު ސޭވްތަކެއްވެސް ފެނުނު
  • ހާފު ނިމިނިމި އޮއްވައި ބަންގްލަދޭޝްއަށް އެއްވަރުކޮށްދިނީ ރާކިބް ހޮސެން
  • ދެވަނަ ހާފުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ
  • ނަމަވެސް ބަންގުލަދޭޝްގެ ކޯނަރުތަކުގައި އެޓީމުން ފެނުނީ ވަރަށް ނުރައްކާކޮށް
  • ދެވަނަ ހާފު ފެށިތާ މާގިނައިރުތަކެއް ނުވަނީސް ލިބުނު ކޯނަރަކުން ބިޝްވަނާތު ގޯޝް ނުރައްކާކުރި، އެ ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް
  • މެޗުގެ 67 ވަނަ މިނެޓުގައި ކޯނަރެއްގެ ތެރެއިން ބަންގުލަދޭޝްއަށް ލީޑު ހޯދައިދިނީ ތާރިގު ރައިހާން ކާޒީ
  • މެޗުގެ ފަހު މިނެޓުގައި ބަންގުލަދޭޝްއަށް ލީޑު ފުޅާކޮށްދިނީ ޝެއިޚް މޯސަލިން
  • ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ރާއްޖޭގެ ނުރައްކަލެއް ފެނިގެންދިޔަ، ހަމްޕުގެ ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް
25 Jun 21:56

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ރާއްޖެ ބަލިވެގެން. އެ ނަތީޖާއާއެކު ސެމީ ފައިނަލަށް ދަތުރުކުރުމަށް ރާއްޖެއަށް ވަނީ އުނދަގޫތަކަކާ ކުރިމަތިވެފައި.

25 Jun 21:54

'90+5 - ސަމުއްޓޭ ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީނދޫ ކާޑެއް.

25 Jun 21:51

'90+1 - ރާއްޖޭގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ހަމްޕު ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ބަންގުލަދޭޝް ގޯލުގެ އަރިމަތީ ދަނޑިއަށް.

25 Jun 21:51

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.

25 Jun 21:51

'90 - ބަންގުލަދޭޝް އިން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. ކައުންޓާ އެޓޭކެއްގައި ކުރިއަށް ގޮސް، ބިޝްވަނާންތު ގޯޝް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ބަންގުލަދޭޝްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޝެއިޚް މޯސަލިން.

25 Jun 21:46

'86 - ރާއްޖޭގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ހަމްޕު ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ބަންގުލަދޭޝް ކީޕަރު އަނީސުރް ރަހުމާންގެ އަތަށް، އެ ބޯޅައިގައި ބާރެއް ނެތް.

25 Jun 21:42

'83 - މެޗު ލަސްކުރުމަށް މަސައްކަތްކުރުމުން ބަންގުލަދޭޝްގެ އެމްޑީ އީސާ ފައިސަލަށް ރީނދޫ ކާޑެއް ދައްކައިފި.

25 Jun 21:36

ރާއްޖެއިން ބަދަލެއް. ސެންޓޭގެ ބަދަލުގައި ކުޅެން ނުކުތީ އިބްރާހިމް ވަހީދު ހަސަން (އިއްބެ).

25 Jun 21:32

'70 - ކޯނަރެއްގެ ތެރެއިން އަނެއްކާވެސް ބަންގުލަދޭޝްގެ ނުރައްކަލެއް. ކޯނަރު ދިފާއުކުރުމާއެކު ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން ބަންގުލަދޭޝްގެ ޝެއިޚް މޯސަލިން ފޮނުވާލި ހަމަލާ، ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

25 Jun 21:28

'67 - ބަންގުލަދޭޝް އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. ބަންގުލަދޭޝްގެ ކޯނަރެއް ރާއްޖެއަށް ރަނގަޅަށް ދިފާއުނުކުރެވުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ބަންގުލަދޭޝްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ތާރިގު ރައިހާން ކާޒީ. އޭނާގެ ފުރަތަމަ ހަމަލާ، ގޯލު ލައިން މަތިން ނިހާޓު ދިފާއުކުރި ނަމަވެސް، ރީބައުންސް ބޯޅަ ވަނީ ރާއްޖޭގެ ގޯލުގެ ތެރެއަށް ފޮނުވާލާފައި. އޭރު ރާއްޖޭގެ ކީޕަރު ހުސައިން ހުރީ ކޯނަރުން ނެގި ބޯޅަ ދިފާއުކުރުމަށް ކުރިއަށް ނުކުމެ.

25 Jun 21:26

'66 - ބަންގުލަދޭޝްގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޝެއިޚް މޯސަލިން ފޮނުވާލި ހަމަލާ ދިޔައީ ރާއްޖޭގެ ޑިފެންޑަރުން ގައިގައި ޖެހި ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

25 Jun 21:24

'63 - ބަންގުލަދޭޝް އިން ދެ ބަދަލެއް. ކެޕްޓަން ޖަމާލް ބުޔާން އާއި ސޮހެލް ރަނާގެ ބަދަލުގައި ކުޅެން ނުކުތީ ޝެއިޚް މޯސަލިން އަދި އެމްޑީ މޮޖީބޮރް ރަހުމާން ޖޮނީ.

25 Jun 21:22

ރާއްޖެއިން ފެންނަނީ އެޓޭކުގައި ބޯޅަ ހިފެހެއްޓުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭތަން. ނަމަވެސް ދެ ޓީމުގެ ފަރާތުން ފެންނަނީ ދާދި ހަމަހަމަ ކުޅުމެއް.

25 Jun 21:16

'56 - ރާއްޖޭގެ ހަމަލާއެއް. އިބްރާހިމް އައިސަމް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ސެންޓޭ ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ކުޅުންތެރިއެއް ގައިގައި ޖެހި ވަނީ ކޯނަރަކަށް ބޭރުވެފައި. ކޯނަރުގެ ބޭނުން ރާއްޖެއަށް ހިފިފައެއް ނުވޭ.

25 Jun 21:12

'52 - ބަންގުލަދޭޝްގެ ނުރައްކާތެރި ކައުންޓާ އެޓޭކެއް. އެމްޑީ ފައިސަލް އަހުމަދު ފަހީމް ކުރިއަށް ޖެހި، ދިން ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއިން ބަންގުލަދޭޝްގެ ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން ރާއްޖޭގެ ޑިފެންސުން ވަނީ އެ ބޯޅަ ދިފާއުކޮށްފައި.

25 Jun 21:08

ރާއްޖެއިން ދެވަނަ ހާފު ފެށީ ބަދަލަކާއެކު. ހަސަން ނާއިޒް (ދާދު)ގެ ބަދަލުގައި ކުޅެން ނުކުމެފައިވަނީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ).

25 Jun 21:06

'46 - ބަންގުލަދޭޝްއަށް ރަނގަޅު ފުރުސަތެއް. ޖަމާލް ބުޔާން ނަގައިދިން ކޯނަރުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ބަންގުލަދޭޝްގެ ބިޝްވަނާތު ގޯޝް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ރާއްޖޭގެ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

25 Jun 21:05

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

25 Jun 20:57

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • ފުރަތަމަ ކޮޅުގައި ރާއްޖެއިން ރަނގަޅަށް ހަމަޖައްސައިގެން ކުޅުނު
  • ބަންގުލަދޭޝްއިން ގިނަ ވަގުތު ބޯޅަ ހިފެހެއްޓި ނަމަވެސް، ރާއްޖެ ކައުންޓާގައި ނުރައްކާ ކުރި
  • ރާއްޖެއިން ފެށުން ރަނގަޅުކޮށް، ގޯލުވެސް ޖެހި
  • ރާއްޖޭގެ ގޯލަކީ ހަމްޕު ޖަހައިދިން ހިތްގައިމު ގޯލެއް
  • ހަމްޕުގެ ގޯލަށްފަހު ބަންގުލަދޭޝް ކުޅުން ރަނގަޅުކުރި
  • އެޓީމުން ނުރައްކާކޮށް ރަނގަޅު ހަމަލާތަކެއް އުފެއްދި އިރު، ރާއްޖޭގެ ކީޕަރު ހުސައިންގެ ރަނގަޅު ސޭވްތަކެއްވެސް ފެނުނު
  • ހާފު ނިމިނިމި އޮއްވައި ބަންގްލަދޭޝްއަށް އެއްވަރުކޮށްދިނީ ރާކިބް ހޮސެން
25 Jun 20:49

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.

25 Jun 20:49

'45+3 - ބަންގުލަދޭޝްގެ ހަމަލާއެއް. ބިޝްވަނާތު ގޯޝް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބަންގުލަދޭޝްގެ އެމްޑީ ފައިސަލް އަހުމަދު ފަހީމް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ރާއްޖޭގެ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

25 Jun 20:46

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.

25 Jun 20:44

'42 - ބަންގުލަދޭޝް އިން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. ބަންގުލަދޭޝަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރާކިބް ހުސައިން. އޭނާ އެ ގޯލު ކާމިޔާބުކުރީ ސޮހެލް ރަނާ ނަގައިދިން ހުރަސް، ބަންގުލަދޭޝް ޑިފެންޑަރު ޓޮޕޫ ބަރްމަން ބޮލުން ޖައްސާލުމާއެކު ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ވަރަށް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން.

25 Jun 20:40

'39 - ނާއިޒް ހަސަން (ދާދު) އަރިމަތިން ކުރިއަށް ޖެހި ބަންގްލަދޭޝް އޭރިއާ ތެރެއަށް ނުރައްކާ ކުރަން މަސައްކަތް ކުރި ބޯޅަ އެޓީމުގެ ޑިފެންޑަރު ބޭރުކޮށްލައިފި.

25 Jun 20:38

'37 - ބަންގްލަދޭޝްއިން ރާއްޖޭގެ އޭރިއާ ތެރެއަށް ހުރަސްކުރަން މަސައްކަތް ކުރި ބޯޅަ، ހައިޝަމް ބޮލުން ދިފާއުކޮށް ބޭރުކޮށްލައިފި.

25 Jun 20:37

'34 - ބަންގުލަދޭޝްގެ އިތުރު ހަމަލާއެއް. ޖަމާލް ބުޔާން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އެމްޑީ ފައިސަލް އަހުމަދު ފަހީމް ފޮނުވާލި ހަމަލާ އަމާޒުވީ ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފްއާ ދިމާއަށް.

25 Jun 20:36

'33 - ކޯނަރެއްގެ ތެރެއިން ބަންގުލަދޭޝްގެ ނުރައްކަލެއް. ސޮހަލް ރަނާ ނަގައިދިން ކޯނަރުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޓޮޕޫ ބަރްމަން ބޮލުން ފޮނުވާލި ހަމަލާ، ގޯލު ލައިން މަތީ ހުރި ރާއްޖޭގެ ހުސައިން ނިހާން (ނިހާޓް) ވަނީ ދިފާއުކޮށްފައި. ނިހާޓް ދިފާއުކުރަން ފޮނުވާލި ބޯޅަ، އަހުމަދު ނޫމާން (ހެލްމެޓް) ގައިގައި ޖެހި ގޯލާ އަމާޒުވާން ދަނިކޮށް، އެ ބޯޅަ ހުޝިޔާރުކަމާއެކު ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް ވަނީ މަތަކޮށްފައި. ހެލްމެޓްގެ އަތުގައި ޖެހިފައިވާ ކަމަށްބުނެ، ބަންގުލަދޭޝްގެ ކުޅުންތެރިން ޕެނަލްޓީއަކަށް ވެސް އެޕީލް ކުރި.

25 Jun 20:31
25 Jun 20:29

ގޯލަށްފަހު ރާއްޖެއިން ކުޅެމުންދަނީ ވަރަށް ބޮޑަށް ފަހަތަށް ވިސްނައިގެން. ބަންގުލަދޭޝް އިން ދަނީ އެޓޭކު ކުރުމަށް މަސައްކަތްތަކެއް ކުރަމުން. ނަމަވެސް ބަންގުލަދޭޝްއަށް އަދި ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.

25 Jun 20:26

'26 - ރާއްޖޭގެ ހުސައިން ނިހާން (ނިހާޓް) އަށް ކުރި ފައުލަކާ ގުޅިގެން ބަންގުލަދޭޝްގެ ސޮހެލް ރަނާއަށް ރީނދޫ ކާޑެއް.

25 Jun 20:22

ރާއްޖެއިން ގޯލު ޖަހާފައިމިވަނީ ބަންގުލަދޭޝްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަަމަ ހަމަލާއިން.

25 Jun 20:19

'17 - ރާއްޖެއިން ގޯލު ޖަހައި ލީޑު ހޯދައިފި. އަލީ ފާސިރު (ސެންޓޭ) ދިން ބޯޅައަކުން ރާއްޖެއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބޫޓާން މެޗުގައި ވެސް ރާއްޖޭގެ ފުރަތަމަ ގޯލު ޖަހައިދިން ހަމްޒާ މުހައްމަދު (ހަމްޕު). ޕެނަލްޓީ އޭރިއާ ބޭރުން ހަމްޕު ފޮނުވާލި ހަމަލާ އަމާޒުވީ ބަންގުލަދޭޝް ގޯލުގެ ތިރީ ކަނަކަށް، ހިތްގައިމު ގޯލެއް.

25 Jun 20:16

މެޗުގެ ފުރަތަަމަ 15 މިނެޓުގެ ކުޅުން ނިމުނު އިރު، ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެއް. ނަމަވެސް ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައިވަނީ ބަންގުލަދޭޝަށް. ރާއްޖެއަށް އަދި ބަންގުލަދޭޝްގެ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ. ރާއްޖެއިން ބޮޑަށް މަސައްކަތްކުރަމުންދަނީ ކައުންޓާ އެޓޭކުތަކުގައި ނުރައްކާކުރުމަށް.

25 Jun 20:12

'11 - ބަންގުލަދޭޝްގެ ނުރައްކަލެއް. ޖަމާލް ބުޔާން ނަގައިދިން ކޯނަރުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އެމްޑީ ސޮހެލް ރަނާ ބޮލުން ފޮނުވާލި ހަމަލާ، ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް ވަނީ މަތަކޮށްފައި.

25 Jun 20:09

'8 - ކުރިއަށް ޖެހި ހައިޝަމް ހަސަން (ބިޑި)، ބަންގުލަދޭޝްގެ ޕެނަލްޓީ އޭރިއާ ތެރެއިން ރާއްޖޭގެ ކުޅުންތެރިޔަކަށް ދޭން މަސައްކަތްކުރި ބޯޅަ، ބަންގުލަދޭޝްގެ ޑިފެންޑަރުން ދިފާއުކޮށްފި.

25 Jun 20:08

'7 - އެމްޑީ ސޮހެލް ރަނާ ދިން ބޯޅަ ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ރާކިބް ހުސައިނަށް ލިބޭ ގޮތެއް ނުވި.

25 Jun 20:05
25 Jun 20:05

'5 - ރާއްޖޭގެ ފުރަތަަމަ ކޯނަރު ނަގައިދިނީ ހަމްޕު، ނަމަވެސް ހަމްޕު ނަގައިދިން ކޯނަރުގައި ނުރައްކަލެއް ނެތް.

25 Jun 20:04

'4 - ރާއްޖޭގެ ހަމަލާއެއް. ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އިބްރާހިމް އައިސަމް ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ އެމްޑީ ރޯއީ ވަނީ ބްލޮކްކޮށްފައި.

25 Jun 20:03
25 Jun 20:02

'2 - މެޗުގެ ފުރަތަމަ ކޯނަރު ބަންގުލަދޭޝްއަށް. ކެޕްޓަން ޖަމާލް ބުޔަން ނަގައިދިން ކޯނަރު، ޕެނަލްޓީ އޭރިއާ ތެރެއިން ދިފާއުކުރީ ރާއްޖޭގެ ހަސަން ނާއިޒް (ދާދު).

25 Jun 20:01

މި މެޗު ރާއްޖެއިން ކުޅެނީ ނޫ ކުލައިގެ އަވޭ ޖާޒީގައި. އަދި ބަންގުލަދޭޝް އިން ކުޅެނީ އެޓީމުގެ ރަސްމީ ފެހި ކުލައިގެ ޖާޒީގައި.

25 Jun 20:01

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ރާއްޖެއިން.

25 Jun 20:00
25 Jun 19:58

ބަންގުލަދޭޝް އިން ވެސް މި މެޗަށް ނުކުންނަނީ ދެ ބަދަލަކާއެކު. ލުބުނާނާ ދެކޮޅަށް ކުޅުނު މެޗުގައި ބަންގުލަދޭޝްގެ ފުރަތަމަ 11 އިން ފެނުނު އެމްޑީ ސުމަން ރެޒާ އާއި އެމްޑީ މޮޖިބޯރް ރަހުމާން ޖޮނީ މިއަދުގެ މެޗު ފެށީ ބެންޗުން. އެ ދެ ކުޅުންތެރިންގެ ބަދަލުގައި މި މެޗުގެ ފުރަތަމަ 11 އިން ފުރުސަތު ދީފައިވަނީ އެމްޑީ ރިޑޯއީ އާއި ރާކިބް ހުސައިނަށް.

25 Jun 19:53

ރާއްޖެ އިން މި މެޗަށް ނުކުންނަނީ ދެ ބަދަލަކާއެކު. ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 އިން ފެނުނު އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) މިއަދުގެ މެޗު ފަށަނީ ބެންޗުން. އެ ދެ ކުޅުންތެރިންގެ ބަދަލުގައި މި މެޗުގެ ފުރަތަމަ 11 ގައި ހިމަނާފައިވަނީ އަލީ ފާސިރު (ސެންޓޭ) އާއި ނާއިޒް ހަސަން (ދާދު). އޭގެ ތެރެއިން ދާދު އަކީ ބޫޓާން މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ގޯލު ޖަހާފައިވާ ކުޅުންތެރިއެއް.

25 Jun 19:51

ރާއްޖޭގެ ބަދަލު ކުޅުންތެރިން:

  • އިބްރާހިމް އުސާމާ މަޖީދު
  • ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)
  • މުހައްމަދު ނިޒާމް (ޕީކޭ)
  • ހުމައިދު ހުސައިން
  • އަހުމަދު އައިހަމް (ޕަތޯ)
  • އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)
  • މުހައްމަދު ޝަފީއު (ޗެކް) - ގޯލްކީޕަރު
  • އަހުނަފް ރަޝީދު (އަހުއްކޮ)
  • ހަސަން ޝިފާޒް (ޑުންގާ)
  • އިބްރާހިމް ވަހީދު ހަސަން (އިއްބެ)
  • އަލީ ނާޖިހު - ގޯލްކީޕަރު
25 Jun 19:44

ރާއްޖޭގެ ފުރަތަމަ 11:

  • ހުސައިން ޝަރީފް - ގޯލްކީޕަރު
  • ސަމޫހު އަލީ (ސަމުއްޓޭ) - ކެޕްޓަން
  • އަހުމަދު ނޫމާން (ހެލްމެޓް)
  • ހުސައިން ސިފާއު ޔޫސުފް (ކުރޯ)
  • މުހައްމަދު އިރުފާން (އިރޭ)
  • އަލީ ފާސިރު (ސެންޓޭ)
  • އިބްރާހިމް އައިސަމް
  • ނާއިޒް ހަސަން (ދާދު)
  • ހަމްޒާ މުހައްމަދު (ހަމްޕު)
  • ހައިޝަމް ހަސަން (ބިޑި)
  • ހުސައިން ނިހާން (ނިހާޓު)
25 Jun 19:43

ބަންގުލަދޭޝްގެ ފުރަތަމަ 11:

  • އަނީސުރް ރަހުމާން - ގޯލްކީޕަރު
  • ޖަމާލް ބުޔާން - ކެޕްޓަން
  • ޓޮޕޫ ބަރުމަން
  • އެމްޑީ ރިޑޯއީ
  • ރާކިބް ހުސައިން
  • އެމްޑީ ފައިސަލް އަހުމަދު ފަހީމް
  • ބިޝްވަނާތު ގޯޝް
  • ތާރިގް ރައިހާން ކާޒީ
  • އެމްޑީ ސޮހެލް ރަނާ
  • ސޮހެލް ރަނާ
  • އެމްޑީ އީސާ ފައިސަލް

ސާފް ޗެމްޕިއަންޝިޕް 2023ގެ ހަތްވަނަ މެޗުގައި ރާއްޖެއާއި ބަންގްލަދޭޝް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއަދުގެ މެޗަށް ނުކުންނަ އިރު، ބަންގްލަދޭޝް އޮތީ ކުޅުނު ފުރަތަމަ މެޗުގައި ލުބުނާން ކައިރިން 2-0 އިން ބަލިވެފައި. ރާއްޖެ އޮތީ ކުޅުނު ފުރަތަމަ މެޗުގައި 2-0 އިން ބޫޓާން ބަލިކޮށްފައި. ބަންގްލަދޭޝްއަށް މިއީ މަރުގެ މެޗެއް. މިއަދު ބަލިވެއްޖެނަމަ، އެޓީމަށް ސެމީގެ ފުރުސަތެއް ހޯދަން އޮންނާނީ ހަނި ފުރުސަތެއް. އަމިއްލަ ބާރު ގެއްލޭނެ.

މެޗުގެ ކުރިން ދެކެވުނު ވާހަކަތައް

ގައުމީ ކޯޗު - ފްރެންޗެސްކޯ މޮރިއޭރޯ

ބަންގްލަދޭޝްއަކީ ވަރަށް ވަރުގަދަ ޓީމެއް. ހާއްސަކޮށް ފިޒިކަލީ ވަރަށް ވަރުގަދަ ޓީމެއް. އެޓީމުން އެންމެފަހުން ކުޅުނު މެޗުގައިވެސް ވަރަށް ރަނގަޅު، އޯގަނައިޒް ފުޓުބޯޅައެއް ކުޅުނު. އެމީހުން ބުރަކޮށްވެސް މަސައްކަތް ކުރާނެ (މިއަދު)ގެ މެޗުގައި. އެއީ އެމީހުންނަށް މި މެޗަކީ ފައިނަލް މެޗަކަށްވާތީ. އަހަރެމެން މި ވިސްނަނީ މެޗަކަށްފަހު މެޗަކަށް. ބޫޓާން މެޗު މިހާރު އޮތީ ނިމިފަ. އެއީ އަހަރެމެންނަށް ރަނގަޅު ތިން ޕޮއިންޓް. އަހަރެމެން މޮޅަކުން ފެށުން އެއީ ރަނގަޅެއް. އެއީ މުބާރާތެއްގައި ވަރަށް މުހިއްމު ކަމެއް. އަހަރެމެން ދެން ކުރަން ޖެހޭ ކަމަކީ ބަންގްލަދޭޝްއާ ދެކޮޅަށްވެސް ކުޅެ، މޮޅުވުން. އަހަރެމެންގެ ގޭމް ކުޅުން. އަހަރެމެން ނުކުންނާނީ އިދިކޮޅު ޓީމަށް ވަރަށް ބޮޑަށް އިހުތިރާމް ކޮށްގެން. ދިވެހި ހުރިހާ ކުޅުންތެރިންވެސް ތިބީ ފިޓްކޮށް.

ބަންގްލަދޭޝް ކެޕްޓަން - ޖަމާލް ބުޔާން

އަހަރެމެން އެބަޖެހޭ ރަނގަޅަށް ފަހަތުން ބިލްޑްއަޕް ކޮށްގެން ކުޅެން. އަބަދު ކައުންޓާގައި ކުޅޭ ނަމަ މެޗުގެ 60، ނޫނީ 70 ވަނަ މިނެޓާ ހަމައަށްދާއިރު ކުޅުންތެރިންނަށް ވަރުބަލިކަން އިހުސާސްކުރެވޭ. އަހަރެން ގަބޫލުކުރަން އަހަރެމެން ގިނައިރު ބޯޅަ ހިފަހައްޓައި، ރަނގަޅު ފުރުސަތުތައް ތަނަވަސްކުރަންޖެހޭ ކަމަށް. އަހަރެމެންނަށް އެނގޭ ރާއްޖޭގެ ފޯވަޑް ލައިނަކީ ފެންވަރު ރަނގަޅު ފޯވަޑް ލައިނެއްކަން. އެހެންވީމަ އަހަރެން މިސްޓޭކުތައް މަދުކުރަންޖެހޭ. އެހެންނަމަވެސް އަހަރެމެންގެ ރަނގަޅު ފަޅިއަށް ވިސްނަންޖެހޭ. އަހަރެމެންނަށް ލުބުނާން ކައިރީގައިވެސް ރަނގަޅު ފުރުސަތުތަކެއް ތަނަސްކުރެވުނު. މަދުވީ ގޯލެއް. އެކަމަކު އެކަމަށް ހަމައެކަނި ފޯވަޑުންނަށް އެއްޗެހި ނުގޮވޭނެ. މިއީ ޓީމެއް.

ދެޓީމުގެ ކުރިމަތިލުންތަކަށް ނަޒަރެއް

  • ބަންގްލަދޭޝްއާއި ރާއްޖެ މިހާތަނަށް 15 މެޗެއް ކުޅެފައިވޭ
  • އޭގެ ތެރެއިން ރާއްޖެއިން މޮޅުވީ ހަ މެޗެއްގައި، އަދި ބަންގްލަދޭޝް ވެސް މޮޅުވީ ހަ މެޗަކުން
  • އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެން
  • އެންމެފަހުން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ބަންގްލަދޭޝް ވާދަކުރީ 2021 ވަނަ އަހަރު ރާއްޖޭގައި
  • އެ މެޗުން ރާއްޖެ މޮޅުވީ 2-0 ގެ ނަތީޖާއަކުން
  • ރާއްޖެއާއި ބަންގްލަދޭޝް އެންމެފަހުން ކުޅުނު މެޗަކީ އެކުވެރިކަމުގެ މެޗެއް
  • އެ މެޗުންވެސް މޮޅުވީ ރާއްޖެ، އެއީ 2-0 ގެ ނަތީޖާއަކުން