ޝަހީދާ އަބްދުﷲ ސައީދު
ނ. ހެނބަދޫގައި މިއަހަރުގެ ތެރޭގައި ގިނަ މަޝްރޫއުތަކެއް ހިންގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކެނދިކުޅުދޫ ދާއިރާއަށް ވާދަކުރައްވާ އަހުމަދު އީސާގެ ކެމްޕެއިން ޖަލްސާގައި ހެނބަދޫ ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުންރައީސް ސޯލިހު ވިދާޅުވީ މިއަހަރުގެ ތެރޭގައި ހެނބަދޫ ބަނދަރުގެ މަޝްރޫއު ބަޖެޓްކޮށް މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.
އަދި ހެނބަދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި ދިރާސާކޮށް އެކަމަށް ހައްލު ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށާއި ރަށުގައި ފެނުގެ ނިޒާމު ގާއިމްކޮށް، ފުޓްސަލް ދަނޑު ތަރައްގީކޮށް ސުކޫލުގައި އިތުރު ކުލާސްރޫމުތަކެއް މިއަހަރުގެ ތެރޭގައި އަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ރަށުގެ ތަރައްގީއަށް މަސައްކަތް ކުރެވޭނީ މަޖިލީހުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދީގެންކަމަށް ވިދާޅުވިއެވެ. އެހެންކަމުން އަހުމަދު އީސާއަށް ވޯޓް ދިނުމަށް ރައީސް އެދިވަޑައިގެންފައިވެއެވެ.
އަދި ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ކުޑަ ރަށެއް ބޮޑު ރަށެއް ބެއްލެވުމެއް ނެތި ރައްޔިތުންނަށް އަސާސީ ހިދުމަތް ދޭނެ ކަމަށާއި އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެެވެ.