ސާފް 2023

ރާއްޖޭގެ ފޯވަޑް ލައިންގެ ފެންވަރު ރަނގަޅު، މިސްޓޭކް މަދުކުރަން މަޖުބޫރު: ކެޕްޓަން ޖަމާލް

އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

ދިވެހި ގައުމީ ޓީމުގެ ފޯވަޑް ލައިނަކީ ހުނަރުގެ ގޮތުން ތަފާތު ފޯވަޑް ލައިނެއް ކަމަށާއި ރާއްޖެ ބަލިކުރަން ބަންގްލަދޭޝްގެ މިސްޓޭކުތައް މަދުކުރަންޖެހޭ ކަމަށް ކެޕްޓަން ޖަމާލް ބުޔާން ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕް 2023ގެ ދެވަނަ މެޗުގައި މިއަދު ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ފުރަތަމަ މެޗުގައި ރާއްޖެއިން ބޫޓާން ބަލިކޮށްފައި ވަނީ 2-0ގެ ނަތީޖާ އަކުންނެވެ. މެޗުގައި ރާއްޖޭގެ ގޯލުތައް ޖަހައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒް ހަސަން (ދާދު) އެވެ. އަނެއްކޮޅުން މިއަދު ރާއްޖެއާ ދެކޮޅަށް ނުކުންނަ ބަންގްލަދޭޝް އިން އޮތީ ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ ލުބުނާން ކައިރިން 2-0ގެ ނަތީޖާއަކުން ބަލިވެފައެވެ. އެ މެޗުގެ ފަހުކޮޅާ ޖެހެންދެން ބަންގްލަދޭޝް އިން ޑިފެންސިވްލީ ރަނގަޅު ކުޅުމެއް ކުޅެފައިވެއެވެ. ލުބުނާނުން ގޯލުތައް ޖެހީ ފަހު ވަގުތުގައެވެ.

ބަންގްލަދޭޝް އިން ލުބުނާން ކައިރީ ކައުންޓާ އެޓޭކިން ގޭމެއް ކުޅެފައިވާ އިރު، އެ ޓީމަށް ލިބޭ ފުރުސަތުތައް ނިންމާނުލެވޭ މައްސަލަ ބޮޑެވެ. އެކަން ބަންގްލަދޭޝްގެ މީޑިއާތަކުން ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.

"އަހަރެމެން އެބަޖެހޭ ރަނގަޅަށް ފަހަތުން ބިލްޑްއަޕް ކޮށްގެން ކުޅެން. އަބަދު ކައުންޓާގައި ކުޅޭ ނަމަ މެޗުގެ 60، ނޫނީ 70 ވަނަ މިނެޓާ ހަމައަށްދާއިރު ކުޅުންތެރިންނަށް ވަރުބަލިކަން އިހުސާސްކުރެވޭ. އަހަރެން ގަބޫލުކުރަން އަހަރެމެން ގިނައިރު ބޯޅަ ހިފަހައްޓައި، ރަނގަޅު ފުރުސަތުތައް ތަނަވަސްކުރަންޖެހޭ ކަމަށް،" ހުކުރު ދުވަހު ބެންގަލޫރުގެ ހަލް ޓްރެއިނިން ސެންޓަރުގައި ބަންގްލަދޭޝް އިން ކުރިއަށް ގެންދިޔަ ތަމްރީނުތަކުގައި ޖަމާލް ބުންޏެވެ.

ޖަމާލް ބުނީ ރާއްޖޭގެ ފޯވަޑް ލައިން ނުރައްކާ ވާނެ ކަމަށާއި މިސްޓޭކްތައް މަދުކުރުން މުހިންމު ކަމަށެވެ.

"އަހަރެމެންނަށް އެނގޭ ރާއްޖޭގެ ފޯވަޑް ލައިނަކީ ފެންވަރު ރަނގަޅު ފޯވަޑް ލައިނެއްކަން. އެހެންވީމަ އަހަރެން މިސްޓޭކުތައް މަދުކުރަންޖެހޭ. އެހެންނަމަވެސް އަހަރެމެންގެ ރަނގަޅު ފަޅިއަށް ވިސްނަންޖެހޭ. އަހަރެމެންނަށް ލުބުނާން ކައިރީގައިވެސް ރަނގަޅު ފުރުސަތުތަކެއް ތަނަސްކުރެވުނު. މަދުވީ ގޯލެއް. އެކަމަކު އެކަމަށް ހަމައެކަނި ފޯވަޑުންނަށް އެއްޗެހި ނުގޮވޭނެ. މިއީ ޓީމެއް،" ޖަމާލް ބުންޏެވެ.

ޖަމާލް ބުނީ ލުބުނާން ކައިރީ އެ ޓީމުން ކުޅުނީ ރަނގަޅު މެޗެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެ މެޗުގެ ފަހު 15 ވަރަކަށް މިނެޓް ހަނދާން ނައްތާލަންޖެހޭ ކަމަށެވެ. އަދި ރާއްޖެ މެޗަކީ ފައިނަލް މެޗެއްގެ ގޮތުގައިވެސް ޖަމާލް ވަނީ ސިފަކޮށްފައެވެ. އަދި ހުރިހާ ކުޅުންތެރިންވެސް ރާއްޖެ ކައިރިން ރަނގަޅު ނަތީޖާއަށް ނެރުމަށް އުންމީދުގައި ތިބި ކަމަށްވެސް ޖަމާލް ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގައި އެންމެފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ބަންގްލަދޭޝް ވާދަކުރި މެޗުން ރާއްޖެ މޮޅުވި ނަމަވެސް، އޭގެ ފަހުން ލަންކާގެ ފޯ ނޭޝަންސް ކަޕުގައި ރާއްޖެއާއި ބަންގްލަދޭޝް ކުޅުނު މެޗުން މޮޅުވީ ބަންގްލަދޭޝްއެވެ. ރާއްޖެއާއި ބަންގްލްދޭޝް ކުޅޭ މެޗު އޮންނާނީ މިއަދު ރާއްޖެ ގަޑިން މެންދުރުފަހު 3:00 ޖަހާއިރުއެވެ.

ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.