މުޙައްމަދު ޝަމްޢޫން
އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
އުމުރުން 38 އަހަރުގެ އިންޑިއާ ކެޕްޓަން، ލެޖެންޑް ގާތުގައި "ރެސްޓް" ކުރަން އެދުނު ނަމަވެސް، އެއްވެސް މެޗެއްގައި މަޑުކޮށް، އަރާމުކުރަން އޭނާ ބޭނުން ނުވާ ކަމަށް އިންޑިއާގެ އެސިސްޓެންޓް ކޯޗު އަދި ކުރީގެ ޑިފެންޑަރު މަހޭޝް ގޯލީ ބުނެފިއެވެ.
އިންޑިއާއިން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ދެމެޗުންވެސް މޮޅުވެފައިވާ އިރު، އެޓީމު ކޮޅަށް އަދި ގޯލެއްވެސް ވަދެފައެއް ނުވެއެވެ. ފުރަތަމަ މެޗުގައި އިންޑިއާއިން ޕާކިސްތާން ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި އިންޑިއާއިން ނޭޕާލް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އިންޑިއާއިން ސާފަށް ނުކުތީ އިންޓަ ކޮންޓިނެންޓަލް ކަޕަށްވެސް ފަހުގައެވެ. އެޓީމުން އެންމެފަހުން ކުޅުނު 8 މެޗުންވެސް މޮޅުވީ ކޮޅަށް ގޯލެއް ވައްދައިނުލައެވެ.
އެންމެފަހުން ކުޅުނު 8 މެޗުގައިވެސް އިންޑިއާއިން ކްލީންޝީޓް ދަމަހައްޓާފައިވާ އިރު، އެޓީމުން އެންމެފަހުން ހޯމްގައި ކުޅުނު 12 މެޗުންވެސް ވަނީ މޮޅުވެފައެވެ.
ސާފް ޗެމްޕިއަންޝިޕްގެ ތަށި ދިފާއުކުރުމުގެ ދަތުރު އިންޑިއާއިން ފޯމުގައި ފެށި އިރު، އެޓީމުން މިހާތަނަށް ޖެހި ހަ ގޯލުގެ ތެރެއިން ހަތަރު ގޯލު ޖެހީ ކެޕްޓަން ޗެތުރީއެވެ. އޭނާ މިހާތަނަށް ގައުމީ ޓީމުގެ ޖާޒީގައި ޖުމުލަ 91 ގޯލު ޖަހާފައިވާ އިރު، ސާފް ޗެމްޕިއަންޝިޕްގައި 22 ގޯލު ޖަހާފައިވެއެވެ. ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ރާއްޖޭގެ ލެޖެންޑް އަލީ އަޝްފާގު (ދަގަނޑޭ) މުބާރާތުގައި 23 ގޯލު ޖަހާފައި އޮތް އިރު، ޗެތުރީ ވަނީ މިހާރު ދަގަނޑޭ އެއްވަރު ކުރަން އެންމެ ގޯލަކާ ކައިރި ކޮށްފައެވެ.
އިންޑިއާއިން ދާދިފަހުން ގިނަ މެޗުތަކެއް ކުޅެމުން އަންނާތީ، ރޭ ނޭޕާލާ ދެކޮޅަށް އެޓީމުން ނުކުތީ ޕާކިސްތާނާ ދެކޮޅަށް ނެރުނު ފުރަތަމަ 11 އަށް 8 ބަދަލު ގެނެސްގެންނެވެ. އެ 8 ބަދަލު ޓީމަށް ގެނައި ނަމަވެސް، ކެޕްޓަން ޗެތުރީ ރެސްޓް ކޮށްފައެއް ނުވެއެވެ.
އެކަމާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން ގޯލީ ބުނީ ޗެތުރީ ކައިރީ ރެސްޓް ކުރަން ބުނުމުންވެސް އެކަމަށް އިންކާރު ކުރާ ކަމަށެވެ.
"އެއީ ވަކި ސްކޮޑަށް ފުރުސަތު ދޭން ކުރި ކަމެއް ނޫން (ކުޅުންތެރިން ރެސްޓް ކުރުމަކީ). އަހަރެމެން ބޭނުންވީ ޓީމު ފްރެޝް ކޮށްލަން. މިދިޔަ 12 ވަރަކަށް ދުވަހުގެ ތެރޭ ގާތްގަނޑަކަށް ހަތަރު މެޗު، ފަސް މެޗު ކުޅުނު ކުޅުންތެރިންވެސް އެބަތިބި. އެހެންވީމަ އަހަރެމެން ބޭނުންވީ އާ ކުޅުންތެރިންތަކެއް ނެރެން. ޗެތުރީ ޓީމުގެ 11 ގައި ބެހެއްޓީ، އެއީ އަހަރެމެންގެ ކެޕްޓަން އަދި ލެޖެންޑަށްވެސް ވާތީ. އެންމެ މުހިއްމު ކަމަކަށް، އޭނާ ގާތު ރެސްޓް ނަގަން ބުންޏަސް ނުނަގާ،" އިންޑިއާގެ ހެޑް ކޯޗު އީގޯ ސްޓިމަކަށް ރަތް ކާޑު ދައްކާފައިވުމުން ރޭގެ މެޗަށް ޓީމާ ހަވާލުވެ ހުރި ގޯލީ ބުންޏެވެ.
ގޯވީ ބުނީ ފުރަތަމަ ހާފްގައި ނޭޕާލުން އިންޑިއާއަށް އެޓޭކް ކުރަން ފުރުސަތު ނުދީ ރަނގަޅަށް ޑިފެންސް ކުރި ކަމަށާއި، ދެވަނަ ހާފަށް ނުކުމެ އިންޑިއާ ހަމަޖެހިލި ކަމަށެވެ. އަދި މެޗުގެ ހާފް ޓައިމްގައި ކުޅުންތެރިން ގާތުގައި ބުނީ "ހަމަޖެހިލަން" ކަމަށްވެސް ގޯލީ ބުންޏެވެ.
ގޯލީ ބުނީ ދެވަނަ ހާފުގައި ޗެތުރީ ގޯލު ޖެހި ޕޮއިންޓަކީ މެޗުގެ އޮއިވަރު ބަދަލުކޮށްލަން މުހިއްމު ވަގުތެއް ކަމަށާއި، އޭގެ ފަހުން އިންޑިއާއިން ކުޅުން ރަނގަޅުކޮށް، އަސްލު ކުޅުމުގައި ކުޅެފައިވާ ކަމަށެވެ.
އިންޑިއާއިންނާއި ކުވައިތުން ގްރޫޕް އޭ އިން ސެމީ ފައިނަލް ޔަގީން ކޮށްފައިވާއިރު، އެޓީމުން އެއްވަނަ ޔަގީންކުރަން ދެން ނުކުންނަން ޖެހޭނީ ކުވައިތާ ދެކޮޅަށެވެ. އެއީ ގްރޫޕް ސްޓޭޖުގައި އިންޑިއާއިން ކުޅޭނެ އެންމެ ފަހު މެޗެވެ.