ކަސްޓަމްސްގެ ތެރޭގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅުކޮށް ކަންކަން ހައްލުކުރުމަށް ސްޓްރެޓެޖިކް ޕްލޭނެއް، އަންނަ ޖުލައި މަހު ލޯންޗް ކުރާނެކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ކަސްޓަމްސް އަށް ހާސިލް ކުރެވުނު ކަންކަން ފާހަގަ ކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ހަފްލާގައި ވާހަކަ ދައްކަވަމުން ނުއުމާން ވިދާޅުވީ ކަސްޓަމްގެ ހުރިހާ ސެކްޝަންތަކެއް ހިމެނޭ ގޮތަށް ކުރެވުނު ދިރާސާއަކުން ފާހަގަ ކުރެވުނު، އެކި މައްސަލަތައް 15 ދާއިރާއަކަށް ބަހާލާފައިވާކަމަށެވެ. އަދި ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތަކެއް ފާހަގަކުރެވިފައިވާ ކަމަށް ނުއުމާން ވިދާޅުވިއެވެ.
މިހާތަނަށް މިއަހަރުގެ ފުރަތަމަ ކުއާޓާއަށް ހައްލުކުރަން ނިންމި މަސައްކަތްތަކުގެ ތެރެއިން %90 ނިމިފައިވާ ކަމަށާއި %10 މަސައްކަތް މި މަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށްވެސް ނުއުމާން ވިދާޅުވިއެވެ.
އަދި ދިރާސާ އިން ފާހަގަ ކުރެވުނު އެހެން މައްސަކަލަތަކަށް ހައްލެއް ހޯދުމަށް ކަސްޓަމްގެ ސްޓްރެޓެޖިކް ޕްލޭނެއް ތައްޔާރުކޮށް އެ ޕްލޭންގެ ތެރެއިން އެ މަސައްކަތައް ހައްލެއްހޯދުމަށް ނިންމާފައިވާކަމަށް ނުއުމާން ވިދާޅުވިއެވެ.
މީގެ އިތުރުން ނުއުމާން ވިދާޅުވީ މި އަހަރުގެ ޖުލައިމަހު ކަސްޓަމްސްގެ އަހަރީ ދުވަހު ކަސްޓަމްސްގެ ސްޓްރެޓެޖިކް ޕްލޭން ލޯންޗް ކުރުމަށް، ކުރިއަށް އޮތް ތިން މަހުގައި ކަސްޓަމްސްގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމަށް އަމާޒު ހިފާފައިވާކަމަށެވެ. އަދި މި ސްޓްރެޓެޖިކް ޕްލޭން ތެރޭ މިހާތަނަށް ހައްލު ނުލިބި ހުރި ހުރިހާ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާކަންކަން ހިމެނޭނެ ކަމަށް ނުއުމާން ފާހަގަ ކުރެއްވި އެވެ.
ކަސްޓަމްސް އިން މިއަހަރަށް ކޮށްފައިވާ ހުރިހާ މަސައްކަތްތަކަށް އަލި އަޅުވާލަމުން ނުއުމާން ވިދާޅުވީ އެއްވެސް އިތުރު ބަޔަކަށް ބަރޯސާ ނުވެ ކަސްޓަމްސްގެ އިހުތިޔާރުން ނިންމޭ ހުރިހާ ކަމެއް މިހާރު ނިންމާފައިވާނެކަމަށެވެ. އަދި ބައެއް ކަންކަމުގައި ކަސްޓަމްސްއިން އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ އިރު، އެކަންކަން ހާސިލް ކުރުމަށް ގޮންޖެހުން ތަކާއި ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.