ޚަބަރު

ގާސިމް ރައީސް ސޯލިހަށް: ތިޔަ ހައްދަވަނީ ގޯސް މައްޗަށް ގޯސް، ގެއަށް ވަޑައިގަންނަވާ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ގޯސް މައްޗަށް ގޯސް ހައްދަވަމުން ކަމަށާއި އެހެންވެ ދެން ގެއަށް ވަޑައިގަތުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ޖޭޕީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ގާސިމް ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ހާއްސަކޮށް ވިލާ ގްރޫޕަށް ދީފައި އޮތް ކ. ވާވެއްދިފަޅު ހިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވުމުންނާއި މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާތީ އެކަމާ ގުޅިގެން ވަރަށް ބޮޑަށް ކޯފާއިސްކުރެއްވިއެވެ.

ވާވެއްދިފަޅު ވިއްކުން ހުއްޓުވި މައްސަލަ ފާހަގަކުރައްވައި ގާސިމު ވިދާޅުވީ, އެ މައްސަލައަކީ ސުޕްރީމް ކޯޓުންނާއި އޭސީސީންވެސް ނިމިފައި އޮތް މައްސަލައެއް ކަމަށާއި އެހެންކަމުން އެކަމެއް ރައީސަކަށްވެސް އަދި ރައްޔިތުންގެ މަޖިލީހަކަށްވެސް ނުހުއްޓުވޭނެ ކަމަށެވެ.

"އިޓްސް ޓޫ މަޗު، އިޓްސް މޯ ދެން އިނަފް. ޔޫ ހޭވް ޓު ގޯ ބޭކް. މިހާރު ދާންވީ ކަނޑާލަންވީ ގެޔަށް. ވަރަށް ސާފުކޮށް މިބުނަނީ މިހާރު ކަނޑާލަންވީ ގެޔަށް" ގާސިމް ވިދާޅުވިއެވެ.

އޭނާ ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާ ކަމަށްވެސް ތުހުމަތު ކުރައްވައިފައެވެ. އަދި ރައީސް ސޯލިހަށް ރައްޔިތުންގެ އިތުބާރެއް މިހާރު ނެތް ކަމަށާއި އިތުރު ދައުރަކަށް ކުރިމަތިލައްވައިގެން އުޅުއްވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.