އިބްރާހިމް ޒަކީ
އަންނަ ހޮނިރު ދުވަހު ބާއްވާ ރައްރިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ކަރުދާސް ކޮޅުގައި ވާހަގަ ޖަހަން އޮންނަ ގޮޅިން ބޭރުގައި ކެނޑިޑޭޓާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާ ވޯޓު، ބާތިލް ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މިއަދު އޮތް ނިއުސް ކޮންފަރެންސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ވޯޓު ބާތިލް ވާގޮތާމެދު ގިނަ ފަރާތްތަކަކުން ސުވާލު ކުރަމުންދާ ކަމަށާއި، އެކަން އޮޅުން ފިލައިފައޮތުން މުހިއްމު ކަމަށެވެ.
އަދި ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ އަކީ ކެނޑިޑޭޓަކަށް ޖަހާފައި އޮތް ފާހަގައެއް ކަމަށް ހާމަ ވާނަމަ، ފާހަގަ ގޮޅިން ބޭރުގައި އޮތަސް އެ ވޯޓު ގުނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ފާހަގަ އަކީ ވަކި މީހަކަށް ޖަހާފައޮތް ފާހަގައެއްކަން ހާމަވާ ކަމަށް ވަންޏާމު، އެމީހަކަށް އެ ވޯޓެއް ގުނޭނެ. އެމީހަކަށް ކައުންޓް ކުރެވޭނެ. އޭގެ މާނައަކީ ގޮޅި ތެރޭގައި ފާހަގަ ޖަހަންފަށާގޮތަށް ގޮޅިން ބޭރަށް ފާހަގައިގެ އެއްބައި ގޮއްސަ އޮތަސް އެ ބާތިލް ވޯޓަކަށެއް ނުބެލޭނެ. އަދި ގޮޅިން ބޭރުގައި އެ ނަމާ ދިމާލުގައި ފާހަ އޮތް ނަމަވެސް އެއީ ސައްހަ ވޯޓެއްގެ ގޮތުގައި އަޅުގަނޑުމެން ބަލާނީ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ބާތިލް ވޯޓު ބަލާނެ ގޮތް ގަނޫނުގައި ކަނޑައެޅިފައިވާ ކަމަށާއި، ހަމަ އެކަނި ސައްހަނޫން ވޯޓުގެ ގޮތުގައި ބަލާނީ ގާނޫނުގައި ކަނޑައެޅިފައިވާ ގޮތަށް ކަމަށެވެ. އަދި ގާނޫނުގައި ނެތް ގޮތަކަށް ވޯޓު ބާތިލް ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ގާނޫނުގައި ކަނޑައެޅިފަ އެބަވޭ، ކަނޑައެޅިގެން ވޯޓު ލާފަ އޮތީ ކާކަށްކަން ހާމަނުވާ، ޔަގީންނުވާ ވޯޓަކީ ބާތިލް ވޯޓެކޭ. މިހާރު އިސްލާހު ކުރެވުނު ގާނޫނުގައި އޮންނަގޮތުން ވޯޓު ދޭން ބޭނުންވާ ފަރާތުގަ ރަނގަޅު ފާހަގަ ޖެހުމުގެ އިތުރަށް އިތުރު އެއްވެސް ކުރެހުމެއް، ނުވަތަ ފާހަގައެއް، ނުވަތަ ލިއުމެއް، ލިޔެފަ ވޯޓު ކަރުދާސް ތެގޭގައި އޮންނަކަމަށް ވަންޏާމު އެ ވާނީ ބާތިލް ވޯޓަކަށް،" ޝަރީފް ވިދާޅުވިއެވެ.