ސާފް 2023

ސާފް ޗެމްޕިއަންޝިޕް ލައިވް: އިންޑިއާ 2-0 ނޭޕާލް (ފުލްޓައިމް)

25 Jun 02:13

މެޗުގެ އުސްއަލިތައް:

  • ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ވާދަވެރި ކުޅުމެއް
  • އިންޑިއާގެ ފުރަތަމަ ފުރުސަތުގައި ސަހަލް ފޮނުވާލި ހަމަލާ ދިޔައީ ބޭރަށް
  • ނޭޕާލުންވެސް މެޗުގައި ނުރައްކާކުރި، ކޯނަރެއްގައި އަރިކް ބިސްޓާ ފޮނުވާލި ހަމަލާ މަތަކުރީ އިންޑިއާގެ ކީޕަރު ގުޕްރީތު
  • އޭގެ ފަހުން މަނީޝް ޑަންގީ ފޮނުވާލި ހަމަލާ ދިޔައީ މަތިން
  • ދެވަނަ ހާފުގެ ކުރީކޮޅުގައި ވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ
  • އިންޑިއާ އިން ވަނީ ކުޅުން ވަރުގަދަކޮށް، ކައިރިކައިރީގައި ދެ ގޯލު ޖަހާފައި
  • އިންޑިއާގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ސުނިލް ޗެތުރީ، އެއީ މި މުބާރާތުގައި އޭނާ ޖެހި ހަތަރުވަނަ ގޯލު
  • އިންޑިއާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ މަހޭޝް ސިންގް ނައޮރޭމް، އެ ގޯލުގައި ވެސް ޗެތުރީގެ ހިއްސާ ބޮޑު
  • މި މޮޅާއެކު އިންޑިއާއަށް ވަނީ ސެމީގެ ޖާގައެއް ކަށަވަރުވެފައި، އޭގެ އިތުރުން ކުވައިތަށް ވެސް ސެމީން ޖާގައެއް ލިބޭނެ
  • ނޭޕާލާއި ޕާކިސްތާނަށް ވަނީ ގްރޫޕު ސްޓޭޖުން މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައި
25 Jun 01:55

އިންޑިއާ އާއި ކުވައިތަށް ވަނީ "ގްރޫޕު އޭ"ގެ ސެމީ ފައިނަލުގެ ޖާގަތައް ލިބިފައި. ނޭޕާލާއި ޕާކިސްތާނަށް ވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައި. ނަމަވެސް ގްރޫޕުގެ ފަހު މެޗުތައް އަދި ކުރިއަށް އޮންނާނެ.

25 Jun 01:54

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އިންޑިއާ ކުރީގައި އޮވެގެން.

25 Jun 01:50
25 Jun 01:50

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

25 Jun 01:42

މެޗުގައި ނޭޕާލުން ރަނގަޅު އެޓޭކިން ކުޅުމެއް ދައްކަމުންދިޔަ ނަމަވެސް، އެޓީމަށް ކުރިމަތިވާ އުނދަގުލަކީ ލިބޭ ފުރުސަތުތައް އެންމެ އެދެވޭ ގޮތުގައި ބޭނުން ނުހިފުން.

25 Jun 01:41
25 Jun 01:40

މިފަހަރުގެ މުބާރާތުގައި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ވަނީ މިހާތަނަށް ހަތަރު ގޯލު ޖަހާފައި. އޭގެ ތެރެއިން ތިން ގޯލު ޖަހާފައިވަނީ ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި.

25 Jun 01:36
25 Jun 01:35

'75 - އިންޑިއާއަށް އިތުރު ފުރުސަތެއް. ސަހަލް އަބްދުލް ސަމަދު ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާގެ އަރިމަތިން އިންޑިއާގެ ލާލިއަންޒުއާލާ ޗާންގްޓޭ ފޮނުވާލި ހަމަލާ، ނޭޕާލްގެ ކީޕަރު ކިރަން ކުމާރު ލިމްބޫ ވަނީ މަތަކޮށްފައި.

25 Jun 01:31

'70 - އިންޑިއާ އިން އިތުރު ގޯލެއް ޖަހައިފި. ޕެނަލްޓީ އޭރިއާ ތެރެއިން ޗެތުރީ ފޮނުވާލި ހަމަލާއެއް ނޭޕާލްގެ ކީޕަރު ކިރަން ކުމާރް ލިމްބޫ އަތުގައި ޖެހި އަމާޒުވެފައިވަނީ ގޯލުގެ ހުރަސް ދަނޑިއަށް. އެ ބޯޅަ ދަނޑީގައި ޖެހި ނުކުތުމާއެކު އިންޑިއާއަށް ގޯލު ކާމިޔާބުކޮށްދިނީ މަހޭޝް ސިންގް ނައޮރޭމް.

25 Jun 01:24

މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ޗެތުރީ ޖެހި 22 ވަނަ ގޯލު. ސާފް ޗެމްޕިއަންޝިޕްގައި އެންމެ ގިނަ ގޯލު ޖެހި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ)ގެ ރެކޯޑާ އަރައި ހަމަކުރަން ދެން ޗެތުރީއަށް ބޭނުންވާނީ އެންމެ ގޯލެއް. ދަގަނޑޭ ވަނީ 23 ގޯލު ޖަހާފައި.

25 Jun 01:22

'62 - އިންޑިއާ އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. މަހޭޝް ސިންހް ނައޮރޭހް ދިން ބޯޅައަކުން އިންޑިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ. އޭނާ އެ ގޯލު ކާމިޔާބުކުރީ ނޭޕާލްގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން.

25 Jun 01:18

'59 - އިންޑިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އިންޑިއާގެ އުދަންތާ ސިންހް ފޮނުވާލި ހަމަލާ، ނޭޕާލްގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައި.

25 Jun 01:08

ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި އިންޑިއާގެ ކޯޗު އިގޯ ސްޓިމަކްއަށް ރަތް ކާޑެއް ދެއްކުމުން، މި މެޗުގައި އޭނާ ހުރީ ސަސްޕެންޝަންގައި.

25 Jun 01:08

'48 - ނޭޕާލްގެ ހަމަލާއެއް. އެޓޭކުގައި ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު، ނޭޕާލްގެ ދެވަންދްރަ ތަމަންގް ދުރުން ފޮނުވާލި ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވޭ.

25 Jun 01:04

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

25 Jun 00:57

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ވާދަވެރި ކުޅުމެއް
  • އިންޑިއާގެ ފުރަތަމަ ފުރުސަތުގައި ސަހަލް ފޮނުވާލި ހަމަލާ ދިޔައީ ބޭރަށް
  • ނޭޕާލުންވެސް މެޗުގައި ނުރައްކާކުރި، ކޯނަރެއްގައި އަރިކް ބިސްޓާ ފޮނުވާލި ހަމަލާ މަތަކުރީ އިންޑިއާގެ ކީޕަރު ގުޕްރީތު
  • އޭގެ ފަހުން މަނީޝް ޑަންގީ ފޮނުވާލި ހަމަލާ ދިޔައީ މަތިން
25 Jun 00:49

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.

25 Jun 00:47

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

25 Jun 00:47

ނޭޕާލުން ބަދަލެއް. އަނިޔާއަކާ ގުޅިގެން ނޭޕާލްގެ އެންމެ މުހިންމު އެއް ކުޅުންތެރިިޔާ އަންޖަން ބިސްޓާގެ ބަދަލުގައި ކުޅެން ނުކުތީ އާވާޝް ލަމިޗާނޭ.

25 Jun 00:46

'43 - ނޭޕާލަށް ރަނގަޅު ފުރުސަތެއް. ގޯލު ކުރިމަތިން މަނީޝް ޑަންގީ ނަގައިދިން ހުރަހަކަށް ބިމާލް ގަރްތީ މަގަރް ފައިގައި ލައްވާލައިފައެއް ނުވޭ.

25 Jun 00:36

'36 - ނޭޕާލްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ނޭޕާލްގެ މަނީޝް ޑަންގީ ފޮނުވާލި ހަމަލާ، އިންޑިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

25 Jun 00:35

'34 - ނޭޕާލްގެ ކައުންޓާ އެޓޭކެއް. މަނީޝް ޑަންގީ ކުރިއަށްޖެހި ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ދިން ބޯޅަ، ނޭޕާލްގެ ބިމާލް ގަރްތީ މަގަަަރްއަށް ލިބުމުގެ ކުރިން އިންޑިއާގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައި.

25 Jun 00:32

'32 - ޗެތުރީ ނަގައިދިން ހިލޭ ޖެހުން ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން ނޭޕާލްގެ ޑިފެންޑަރުން ދިފާއުކޮށްފި.

25 Jun 00:30

މިއަދުގެ މެޗަށް އިންޑިއާ އިން ނުކުތީ އަށް ބަދަލަކާއެކު. އެގޮތުން ޕާކިސްތާން މެޗުގެ ފުރަތަަމަ 11 އިން ފެނުނު ކީޕަރު އަމްރިންދަރް ސިންހް، ސުބާސިޝް ބޯސް، އަންވަރު އަލީ، ސަންދޭޝް ޖިންގަން، ޖީކްސަން ސިންހް ތޫނައޮޖަމް، ލަލިއަންޒުއަލާ ޗަންގްޓޭ، ޕްރިތަމް ކޮޓާލް އަދި މުހައްމަދު ކުރުނިޔަން މި މެޗު ފެށީ ބެންޗުން.

25 Jun 00:18

'17 - ނޭޕާލްގެ ނުރައްކާތެރި ހަމަލާއެއް. ނޭޕާލްގެ ކޯނަރެއް އިންޑިއާގެ ކުޅުންތެރިން ދިފާއުކުރުމާއެކު ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން ނޭޕާލްގެ އަރިކް ބިސްޓާ ފޮނުވާލި ބާރު ހަމަލާ، އިންޑިއާގެ ކީޕަރު ގުޕްރީތު ސިންހް ވަނީ މަތަކޮށްފައި.

25 Jun 00:17

އިންޑިއާ އިން ދަނީ ވަރަށް ބޮޑަށް ކުރިއަށްޖެހި، ނޭޕާލްގެ ގޯލަށް ނުރައްކާކުރުމަށް މަސައްކުރަމުން.

25 Jun 00:16

'16 - އިންޑިއާއަށް ފުރުސަތެއް. އަރިމަތިން އާކާޝް މިޝްރާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ސަހަލް އަބްދުލް ސަމަދު ފޮނުވާލި ހަމަލާ ދިޔައީ ނޭޕާލްގެ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް. އޭނާއަށް ރަނގަޅަށް އެ ބޯޅަ ފޮނުވާލެވިފައެއް ނުވޭ.

25 Jun 00:15

'15 - އިންޑިއާގެ ސަހަލް އަބްދުލް ސަމަދު، ޕެނަލްޓީ އޭރިއާ ވަންނަން މަސައްކަތްކުރަނިކޮށް، ނޭޕާލްގެ ޑިފެންޑަރުން އެ ބޯޅަ ހޯދައިފި.

25 Jun 00:10

މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ކުޅުން ނިމުނު އިރު، ދެ ޓީމުން ވެސް މަސައްކަތްކޮށްފައިވަނީ އެޓޭކިން ކުޅުމަކަށް. ނަމަވެސް އިންޑިއާ އަދި ނޭޕާލަށް ވެސް އިދިކޮޅު ޓީމުގެ ގޯލަށް ބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވޭ.

25 Jun 00:08

މެޗު ކުރިއަށްދާ އިރު، ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުންދޭ. ފިނިހޫނުމިން ހުރީ 23 ޑިގްރީސް ސެލްސިއަސްގައި.

25 Jun 00:07

މި މެޗުގެ ރެފްރީއަކީ ރާއްޖޭގެ އެލީޓް ރެފްރީ ހުސައިން ސިނާން.

25 Jun 00:03

މެޗުގެ ކުޅުން ފަށައިފި.

25 Jun 00:03

އިންޑިއާގެ ފުރަތަމަ 11:

  • ގުޕްރީތު ސިންހް ސަންދޫ - ގޯލްކީޕަރު
  • ސުނިލް ޗެތުރީ - ކެޕްޓަން
  • ރާހުލް ޝަންކަރު ބެކޭ
  • އާކާޝް މިޝްރާ
  • އަނިރުދް ތާފާ
  • މަޖޭޝް ސިންގް ނައޮރެމް
  • ސަހަލް އަބްދުލް ސަމަދު
  • އުދަންތާ ސިންގް ކުމާމް
  • މެހްތާބް ސިންގް
  • ރޯހިތު ކުމާރު
  • ނިކިލް ޗަންދްރަޝޭކަރު ޕުޖާރީ
25 Jun 00:01

ނޭޕާލްގެ ފުރަތަމަ 11:

  • ކިރަން ކުމާރް ލިމްބޫ - ގޯލްކީޕަރު، ކެޕްޓަން
  • އަނަންތާ ތަމަންގް
  • ލަކެން ލިމްބޫ
  • އަރިކް ބިސްޓާ
  • ބިމާލް ގަރްތީ މަގަރް
  • އަޔުޝް ގަލަން
  • އަންޖަން ބިސްޓާ
  • ދަވެންދްރާ ތަމަންގް
  • ސަނިޝް ޝްރެސްތާ
  • މަނީޝް ޑަންގީ
  • ރޯހިތު ޗާންދު

ސާފް ޗެމްޕިއަންޝިޕް 2023ގެ ހަވަނަ މެޗުގައި އިންޑިއާއާއި ނޭޕާލް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މި ދެ ޓީމުން ކުޅެމުންދަނީ މުބާރާތުގެ ގްރޫޕް އޭގައި. އެ ގްރޫޕްގައި ނޭޕާލުން ފުރަތަމަ ކުޅުނު މެޗުގައި ކުވައިތު ކައިރިން ބަލިވީ 3-1 ގެ ނަތީޖާއަކުން. އަދި އިންޑިއާއިން ވަނީ ކުޅުނު ފުރަތަމަ މެޗުގައި 4-0 އިން ޕާކިސްތާން ބަލިކޮށްފައި. ކުވައިތުން މިއަދު ހަވީރު ކުޅުނު މެޗުގައި ޕާކިސްތާން ބަލިކޮށްފައި އޮތުމުން، މިރޭގެ މެޗުން މޮޅުވާން ނޭޕާލަށް މަޖުބޫރު. އިންޑިއާއަށް މެޗުން މޮޅުވެ ސެމީ ޔަގީން ކުރެވޭނެ.

ކުރިމަތިލުންތަކަށް ނަޒަރެއް

  • މި ދެ ޓީމަކީ ރާއްޖޭގައި އޮތް 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި ކުޅުނު ދެ ޓީމު
  • އެ މެޗު ކާމިޔާބުކޮށް ތަށި ނެގީ އިންޑިއާއިން
  • ދެ ގައުމުން މިހާތަނަށް 23 މެޗެއްގައި ކުޅެފައިވޭ
  • އޭގެ ތެރެއިން 16 މެޗުން މޮޅުވީ އިންޑިއާ
  • ނޭޕާލަށް މޮޅުވެވުނީ ދެ މެޗުން