އިބްރާހިމް ޒަކީ
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 23 ގައި ހުޅުވާލައި، އެކަމާ ގުޅޭ ފޯމް ހުށަހަޅަން 14 ދުވަހުގެ މުއްދަތެއް ދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީން މިގޮތަށް ނިންމީ ރިޔާސީ އިންތިހާބުގެ ގާނޫނަށް މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.
މީގެކުރިން ގާނޫނުގައި އޮންނަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ދޭންވާނެ ކަމަށެވެ.
ގާނޫނަށް ގެނައި މި އިސްލާހާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްލާއީލް ހަބީބު މިއަދު ކުރެއްވިި ޓުވީޓެއްގައި ވިދާޅުވީ، މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުންގެ އެޕްލިކޭޝަން، އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށް ބަލައިގަންނާނީ ޖުލައި 23 އިން އޮގަސްޓް ހަތަކަށް ކަމަށެވެ.
ނަމަވެސް ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން، ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރާ ތާރީހަށް ބަދަލެއް ނާންނާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ މުހިންމު ތާރީހުތައް ކޮމިޝަނުން ކަނޑައަޅާފައި ވަނީ، ގާނޫނަށް ބަދަލު އަތުވެދާނެ ކަމަށް ވިސްނައިގެން ކަމަށާއި އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުންގެ މެދުގައި ގުރުއަތުލުން އޮންނާނީ، ކެމްޕެއިން ކުރުމަށް ތިރީސް ދުވަސް ލިބޭ ގޮތަށް، އޮގަސްޓް ނުވައެއްވާ ބުދަ ދުވަހު ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.