ޚަބަރު

ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދާން އެދިއްޖެ

މި ފެށުނު ޗުއްޓީގައި ގިނަ ބަޔަކު ރާއްޖޭން ބޭރަށާއި ރާއްޖެ ތެރޭގެ މަންޒިލްތަކަށް ދަތުރުކުރާތީ, ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސްކޫލްތައް ބަންދުވެ ފެށުނު ބޮޑު ޗުއްޓީއާއި އީދާ ދިމާކޮށް ބޮޑު ބަންދެއް ލިބޭތީ ގިނަ ބަޔަކު އަންނަނީ ޗުއްޓީއަށް އަތޮޅުތެރެއަށާއި ރާއްޖޭން ބޭރަށް ދަތުރުކުރަމުންނެވެ.

އެކަމާ ގުޅިގެން އެއާޕޯޓަށް ބާރުބޮޑުވާނެތީ, އެމްއޭސީއެލުން އިއްޔެ ވަނީ ގިނަ ވަގުތު ކިއުގައި ނުޖެހި އަދި ފުރުން ލަސްވެދާނެތީ ހުރިހާ ދަތުރުވެރިންގެސް ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފައެވެ.

އަދި ހުރިހާ ދަތުރުވެރިންވެސް 'އިމުގާ' ޓްރެވަލް ޑިކްލަރޭޝަން ކުރީބައިގައި ފުރިހަމަކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.