ޚަބަރު

ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނަން: އިލްކެޝަންސް

މަރިޔަމް ޝަހުދާ

ގާނޫނާއި ހިލާފަށް އެއްވެސް ކަމެއް ނުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު އިލެކްޝަނުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ ގާނޫނުގައި ވާގޮތުގެ މަތީން ނަތީޖާ ފާޅުކުރުމުގައި ވަކިވަކި ފޮށިތަކުގައި، އެ ފޮށިތަކަށް ވޯޓުލާ ދާއިރާ ތަކުގެ ނަތީޖާ ވަކިވަކިން ގުނާ ނިމުމާއިއެކީ ވޯޓުލާ މަރުކަޒުގައި އިއުލާނު ކުރާނެކަމަށެވެ.

އެއީ ފޮއްޓަކަށް 50 ދާއިރާއަކުން ވޯޓުލީކަމުގައި ވާނަމަ ވޯޓުލާ މަރުކަޒުގައި ވަކިވަކިން އެ 50 ދާއިރާގެ ވޯޓު އިއުލާނު ކުރާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންމެ ފޮށްޓެއްގެ ކޮންމެ ދައިރާއެއްގެ ނަތީޖާ ވަކިވަކިން އިލެކްޝަންސްގެ ވެބްސައިޓުގައި ޝާއިއުކުރާނެކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި ވަކިން ޕޯޑިއަމަކަށް އަރާ ކޮންމެ ފޮއްޓެއްގެ ވަކި ވަކި ދާއިރާތަކުގެ ނަތީޖާ އިއުލާނު ނުކުރާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިލެކްޝަންސްގެ ވެބްސައިޓުން ނަތީޖާ ފެންނާނެ ގޮތް މާދަމާގެ ވަގުތެއްގައި މީޑިއާތަކާއި ހިއްސާކުރައްވާނެ ކަމަށެވެ. އަދި ޕޯޑިއަމްގައި ދާއިރާގެ ނަތީޖާ އިއުލާނު ކުރާނީ އެ ދާއިރާގެ ވޯޓުލާ ހުރިހާ ވޯޓު ފޮށިތަކުގެ ނަތީޖާ ވެރިފައި ވުމުން ކަމަށް ޝަރީފު ވިދާޅުވިއެވެ.