އަންނަ ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސް ކުރަން، ކޮންމެ ބަޔަކު ނަމަވެސް ކުރާ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބި ކަނބަލުން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ކަނޑައެޅިފައިވާ ތާރީހުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ގޮވާލައި ނަހުލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މަޖިލިސް އިންތިހާބުގައި ކޯލީޝަން ސަރުކާރަށް މެޖޯރިޓީ ލިބޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
"މަޖިލިސް އިންތިހާބު ފަސްކުރަން މިއަދު، ކޮންމެ ބަޔަކު ނަމަވެސް ކުރާ މަސައްކަތަކީ ބަލައި ގަނެވޭނެ ކަމެއްނޫން. އިންތިހާބު ބާއްވަން ހަމަޖެހިފައިވާ ތާރީހުގައި އިންތިހާބު ބޭއްވުމަށް ގޮވާލަން. އަދި ކޯލީޝަން ސަރުކާރަށް މެޖޯރިޓީ ލިބޭނެ ކަމާމެދު ޝައްކެއް ނުކުރަން،" ނަހުލާގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ހޮނިރު ދުވަހު ބާއްވާ މަޖިލިސް އިންތިހާބު ކުޑަތަން ވެފައިވާއިރު އިންތިހާބު ލަސްކުރަން ކޯޓައް މައްސަލަ ހުށަހަޅަން އުޅޭ އަޑުތަކެއް ވަނީ ގަދަވެފައެވެ.
އެކަމުގައި ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ، ނަހުލާގެ ފިރިކަލުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި އިދިކޮޅު ޕީޕީއެމް އަށެވެ.
މަޖިލިސް އިންތިހާބު ފަސް ކުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުންދާއިރު އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ އެ ކަންބޮޑުވުން ފާޅު ކޮށްފައެވެ.
އެ ކަން ފާހަގަ ކުރައްވައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެފައިވަނީ އިންތިހާބު ފަސް ކުރުމަށް ދެއްްކޭނެ ގާނޫނީ އެއްވެސް ހުއްޖަތެއް ނޯންނާނެކަމަށެވެ. އަދި އިންތިހާބު ފަސް ކޮށްފިނަމަ އިންތިހާބުުގެ ކަންކަމަށް ދައުލަތުން އިތުރު 20 މިލިޔަން ފުރިޔާ ހަރަދު ކުރަންޖެހޭނެ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.