ސާފް ޗެމްޕިއަންޝިޕްގައި ލުބުނާނުން ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ބަންގްލަދޭޝް ކައިރިން ހޯދި މޮޅުގެ އެންމެ ބޮޑު ހިއްސާދާރަކީ ބަދަލަކަށް ނުކުތް ޓީމުގެ ކެޕްޓަން އަދި ރެކޯޑު ގޯލު ޖެހުންތެރިޔާ ހަސަން މާތޫކު ކަމަށް ލުބުނާންގެ ކޯޗު އެލެކްސެންޑްރާ އިލިކް ބުނެފިއެވެ.
އިއްޔެ ލުބުނާނުން ބަންގްލަދޭޝްއާ ދެކޮޅަށް ގްރޫޕް ބީގައި ކުޅުނު މެޗުގައި ގޯލުތައް ފެނުނީ ފަހުކޮޅުގައެވެ. ބަންގްލަދޭޝްއިން ފުރަތަމަ ކޮޅުގައި ރަނގަޅަށް ލުބުނާން ހިފަހައްޓަމުން ދިޔަ ނަމަވެސް ބަދަލުތަކަކާއެކު ކޯޗު އިލިކްގެ ޓީމުން ވަނީ ތަފާތު ދައްކައިފައެވެ. ހާއްސަކޮށް ބަދަލަކަށް ނުކުތް އުމުރުން 35 އަހަރުގެ ލެޖެންޑަރީ ފޯވަޑް މާތޫކުގެ ތަފާތު ވަރަށް ބޮޑަށް ފެނުނެވެ. އޭނާއަކީ ލުބުނާން ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެ، އެންމެ ގިނަ ގޯލުވެސް ޖަހާފައިވާ ކުޅުންތެރިޔާއެވެ.
"ފުރަތަމަ ހާފް ވަރަށް އުނދަގޫ އަހަރެމެންނަށް. އަހަރެން ފުރުސަތު ދިނިން އަލަށް ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންނަށްވެސް. އެހެންވެސް ވެގެންހެން ހީވަނީ ފުރަތަމަ ކޮޅުގައި އުނދަގޫތައް ދިމާވީ. އެހެން ނަމަވެސް އޭރުވެސް ރަނގަޅު ފުރުސަތުތައް ތަނަވަސް ކުރެވުނު. ގޯލެއް ޖަހަން އުނދަގޫވީ. އަހަރެމެންގެ މުހިއްމު ބައެއް ކުޅުންތެރިން ކުޅެން ނެރުމާއެކު އަހަރެމެންގެ ޓީމުން ތަފާތު ފެނުނު. އެ ތަފާތަކީ އަހަރެމެންގެ ފަރާތުން މުޅި މެޗުގައިވެސް ފެންނަން ޖެހޭ ތަފާތެއްކަން ގަބޫލުކުރަން،" އިލިކް ބުންޏެވެ.
މުބާރާތުގެ ފުރަތަމަ ބުރުގެ ކުޅުން ނިމި، ހުރިހާ ޓީމުތަކުގެ ކުޅުންވެސް ފެނިފައިވުމާއެކު ފެވަރިޓުންނަކީ ކޮބައިތޯ ސުވާލުކުރުމުން، އިލިކް ބުނީ ތަށްޓާމެދު ވިސްނަން އަދި އަވަސް ކަމަށެވެ. އޭނާ ބުނީ ކުރިންވެސް ބުނިހެން މުބާރާތުގެ ތަޖުރިބާ ލުބުނާނަށް މުހިއްމެވެ. ކޯޗު އިލިކް ބުނީ ތަށްޓާމެދު ވިސްނާނީ އަދި އިތުރު މެޗުތަކަށްފަހުގައި ކަމަށެވެ.
އިއްޔެގެ ޕްރެސްގައި ކޯޗު އިލިކް ވަނީ ވަރަށް ބޮޑަށް ފޯވަޑް މާތޫކަށް ތައުރީފް ކޮށްފައެވެ.
"ކެޕްޓަން މާތޫކް ކުޅެން އެރުމާއެކު އޭނާގެ ތަފާތު އަބަދުވެސް ފެނިގެންދާނެ. އޭނާއަކީ އަހަރެމެން މި ލެވެލްގައި ބާއްވަދޭ ކުޅުންތެރިޔާ. އުމުރުން 35 އަހަރު ނަމަވެސް އޭނާ ދަނޑުމަތީގައި ނިންމާ ކޮންމެ ނިންމުމެއް ނުރައްކާވާނެ. އެ މަންޒަރު އެ ފެނުނީ. އޭނާ ގޭމް ބަދަލުކޮށްލީ. އެއީ ގައުމީ ޓީމަށް އެންމެ މުހިއްމު ކުޅުންތެރިޔާ. ލުބުނާނުން ކައިރި ކައިރީ ދެވަނަ މުބާރާތެއް ކުޅޭތީ ބައެއް މުހިއްމު ކުޅުންތެރިންނަށްވެސް ރެސްޓް ދީގެން މިކުޅުވަނީ. އެކަމަކުވެސް މާތޫކް ކަހަލަ ކުޅުންތެރިންނަކީ އެންމެ މުހިއްމު ކުޅުންތެރިން. އެއީ ލުބުނާނަށް އެންމެ މުހިއްމު ކުޅުންތެރިޔާ،" ކޯޗު ބުންޏެވެ.
ލުބުނާނުން ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ދެން ކުޅެން އޮތީ ބޫޓާނާއި ރާއްޖެއާ ދެކޮޅަށެވެ. ދެން އޮތް މެޗުގައި ބޫޓާނާ ދެކޮޅަށް ނުކުންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭގައެވެ.