އިބްރާހިމް ޒަކީ
ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައި ދެއްވި، ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއަކީ 42 މިލިޔަން ޑޮލަރަށް ސްރީލަންކާގެ ކުންފުންނަކަށް ދިނުމަށް، ކުރީގެ ސަރުކާރުން ނިންމާފައިވާ މަޝްރޫއެއް ކަމަށާއި، އެ މަޝްރޫއު އެމްޑަބްލިއު އެސްސީން މިއަދު އެފެށީ 15 މިލިޔަން ޑޮލަރަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނ. ލަންދޫގައި މިއަދު ބޭއްވި އެމްޑީޕީގެ، މަޖިލިސް ކެމްޕެއިން ޖަލްސާގައި، ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިހުރި ކޮރަޕްޝަން މައްސަލަތަކަށް އިޝާރާތް ކުރައްވައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު 15 މިލިޔަން ޑޮލަރަށް އެ މަޝްރޫއު ކުރިއަށް ގެންދަން ހަމަޖެހުމުން 28 މިލިޔަން ޑޮލަރުގެ ފައިސާ ސަރުކާރަށް ލިބިގެންގޮސްފައިވާ ކަމަށެވެ.
"އަޅުގަނޑު ކަންބޮޑުވާކަމަކީ މި ޕްރޮޖެކްޓްތައް އޭރު އެވޯޑް ކޮށްފައި ހުރިގޮތުން އެނގިވަޑައިގަންނަވާނެ، މިއަދު އެފަށާ މަޝްރޫއަކީ އޭރު ސާޅީސް ދެ މިލިޔަން ޑޮލަރަށް ސްރީލަންކާގެ ކުންފުންޏަކަށް ދިނުމަށް ނިންމާފައި އޮތް މަޝްރޫއެއް. އެހެން ނަމަވެސް މިއަދު އެމްޑަބްލިއު އެސްސީން އެ މަސައްކަތް މިއަދު އެ ފަށަނީ އެންމެ 15 މިލިޔަން ޑޮލަރަށް. 28 މިލިޔަން ޑޮލަރުގެ ފައިސާ ސަރުކާރަށް، ތިބޭފުޅުންނަށް ލިބިގެން އެދިޔައީ. އެހެންނޫންނަމަ އެއީ ތިބޭފުޅުންގެ ތަރައްގީއަށް ޓަކައި ދައުލަތުގެ ބަޖެޓުން ހަރަދު ކުރަންހުރި ފައިސާއިން ގެއްލިގެންދާނެ ފައިދާ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީ ގައި މިއަދު އިފްތިތާހު ކޮށްދެއްވި ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއަކީ ރާއްޖޭގައި ހިންގޭ އެބާވަތުގެ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.
އަދި އަންނަ އަހަރުުގެ ފަހު ކޮޅު އެތަނުގައި މީހުން ދިރިއުޅެން ފަށާއިރު އެތަނުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރެވި ނިމިގެންދާނެ ކަމަށެވެ.