މިފަހަރުގެ އަޟްހާ އީދު ނަމާދު ކުރުންވެސް ބޮޑު ޖަމާއަތުގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނީ މާލޭ ސަރަހައްދުގެ ހަތް ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނެ ކަމަށެވެ.
ބޮޑުޖަމާއާތުގައި ނަމާދުކުރި ނަމަވެސް ފިތުރު އީދެކޭ އެއްގޮތަށް، މާލެ ސަރަހައްދުގެ ބޮޑެތި މިސްކިތްތަކުގައި އީދު ނަމާދުކުރާނެކަމަށް މިނިސްޓްރީން ބުންޏެވެ. އެ މިސްކިތްތަކުގެ ތަފުސީލު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް ބުންޏެވެ.
މޫސުން ގޯސްވުމާ ގުޅިގެން ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރެވޭ ގޮތް ނުވެއްޖަނަމަ އެކަން މިނިސްޓްރީން އިއުލާން ކުރާނެ ކަމަށާއި އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ އީދު ނަމާދު ކުރާނީ މާލެ ސަރަހައްދުގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އީދު ނަމާދަށް ދާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައްވެސް މިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ. އެގޮތުން ކޮންމެ ބޭފުޅަކުވެސް ގެއިން ވުލޫކޮށްގެން ނުކުތުމާއި އަމިއްލަ މުސައްލައެއް ގެންދިއުމަށާއި އަމިއްލަ ފެންފުޅިއެއް ގެންދިއުމުގެ އިތުރުން ފައިވާން ލާނެ ޕްލާސްޓިކު ނޫން ކޮތަޅެއް ގެންދިއުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.