އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕް 2023ގެ ފުރަތަމަ މެޗުގައި ބޫޓާން އަތުން ރާއްޖެއަށް މޮޅުވެވުނީ ނަސީބަކުން ނޫން ކަމަށާއި މި މޮޅަކީ ދިވެހި ރައްޔިތުން އުފާވާނެ މޮޅެއް ކަމަށް ރާއްޖޭގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.
އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި ރާއްޖެއިން މިރޭ ކުޅުނު މެޗުން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގޯލުތައް ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒް ހަސަން (ދާދު) އެވެ.
އެ މެޗުގެ ހަ ވަނަ މިނެޓުގައި ހަމްޕު ޖެހި ލީޑާއެކު ރާއްޖެއިން ކުޅުނު ނަމަވެސް، މެޗުގެ ބޮޑު ބައެއްގައި ބޫޓާނުން ވަނީ އެޓޭކިން ގޭމެއް ކުޅެ، ރާއްޖޭގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ. އޭގެ ތެރެއިން ގިނަ ހަމަލާތަކެއް ދިފާއުކޮށްފައިވަނީ މިއަދުގެ މެޗުގައި ރާއްޖޭގެ ގޯލު ބަލަހައްޓަމުންދިޔަ ކީޕަރު ހުސައިން ޝަރީފެވެ.
މިރޭގެ މެޗަށް ހުސައިން ގޯލު ބެލެހެއްޓުމަށް ފުރުސަތު ލިބިފައިވަނީ ތަމްރީނުތަކުގެ ތެރެއިން މުހައްމަދު ފައިސަލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް މުބާރާތް ގެއްލުމުންނެވެ. ހުސައިން އަދި ފައިސަލަކީ ވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅެމުންދާ ދެ ކީޕަރުންނެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ރާއްޖޭގެ ކޯޗު މޮރިއޭރޯ ބުނީ ގޯހަކަށްވީ ރާއްޖޭގައި ތިބި ގިނަ ކުޅުންތެރިން ދުވަސްތަކެއްވަންދެން މެޗެއް ނުކުޅެ، ލީގުގައި ވެސް މަދު މެޗުތަކެއް ކުޅެފައި އައުން ކަމަށާއި މެޗަކީ އުނދަގޫ މެޗެއް ނަމަވެސް، ބޫޓާން އަތުން ހޯދުނީ މުހިންމު މޮޅެއް ކަމަށެވެ.
"އަހަރެން އުފަލުން މިހުރީ. މިއީ ވަރަށް މުހިންމު މޮޅެއް. ބޫޓާނުގައި އޮތީ ރަނގަޅު ޓީމެއް. ބޫޓާން ރަނގަޅަށް ކުޅުނު. އަހަރެން އުފާވޭ، ރާއްޖޭގެ ރައްޔިތުންވެސް އުފާވާނެ މޮޅެއް މިއީ. އުފާވާން ޖެހޭނެ މޮޅެއް. ރާއްޖެއަށް މޮޅުވެވުނީ ނަސީބަކުން ނޫން،" އޭނާ ބުންޏެވެ.
މޮރިއޭރޯ ބުނީ މި މުބާރާތުގެ އެއްވެސް މެޗެއް ފަސޭހަ ނުވާނެ ކަމަށާއި މިރޭގެ މެޗުން މޮޅުވާން މަޖުބޫރުވާނެތީ އެ ޕްރެޝަރު ރާއްޖެއަށް އޮތް ކަމަށެވެ. އަދި މެޗުތަކުން މޮޅުވުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަން ވެސް ކޯޗު ފާހަގަކުރިއެވެ.
"މިއަދު ހަވީރު ބަލައި ބަންގުލަދޭޝް، ލުބުނާނާ ކުޅުނު މެޗު. އެ މެޗުގައި ފީފާގެ ރޭންކިން ތަފާތެއް އޮތް ނަމަވެސް، އެތަނެއް ނުފެނޭ. އެއީ މި މުބާރާތް ޓަފްކަން ފެންނަތަން. ރާއްޖޭގެ ކުޅުން ގޯސްވެ، މާޔޫސްވާން ޖެހޭ ކަމަކަށް ގަބޫލެއް ނުކުރަން. މިއީ ފަސޭހަ މެޗެއް ނޫން. ބޫޓާންވެސް ފަސޭހައެއް ނޫން. ފަސޭހައެއް ނުވެސް ވާނެކަން އެނގޭ،" އޭނާ ބުންޏެވެ.
ރާއްޖޭގެ ކޯޗު މޮރިއޭރޯ އިތުރަށް ބުނީ މެޗުގައި ދިމާވި އެއް މައްސަލައަކީ ރަނގަޅަށް އެޓޭކް ނުކުރެވުން ކަމަށާއި ރާއްޖޭގެ އެޓޭކްގައި ފުރަތަމަ ތިބި ކުޅުންތެރިން ކުޅުނީ ރަނގަޅަށް ނުވިސްނައި ކަމަށެވެ. އަދި އެހެންވެ އެޓޭކް ކުރަން އުނދަގޫވި ކަމަށް ވެސް އޭނާ ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި ނުކުންނަން ޖެހޭނީ ބަންގުލަދޭޝްއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރު 3:00 ގައެވެ.