ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހުޅުމާލެ ފޭސްދޭއްގެ ކަންޓްގެ މަސައްކަތް 32 މިލިޔަނަށް ކުރެވޭއިރު، 82 މިލިޔަނަށް ބަޔަކާ ވަނީ ހަވާލުކޮށްފަ

އިބްރާހިމް ޒަކީ

ހުޅުމާލެ ދެވަނަ ފިޔަވައްސަށް ކަރަންޓް ލުމަަށް ހިންގާ ޕްރޮޖެކްޓްގެ މަސައްކަތަކީ ސްޓެލްކޯއިން 32 މިލިޔަން ޑޮލަރަށް ކޮށްދޭން އެއްބަސްވާ މަސައްކަތެއް ކަމަށާއި، ނަމަވެސް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވަނީ 50 މިލިޔަން ޑޮލަރު ބޮޑުކޮށް 82 މިލިޔަން ޑޮލަރަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ނ. ލަންދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ، އެ މައްސަލައިގައި ގޮތެއް ނިންމަށް އެމަނިކުފާނަށް ވަރަށް ބޮޑަށް އުނދަގޫވެވަޑައިގަންނަވާ ކަމަށެެވެ.

"ހުޅުމާލެ ދޭއްގެ ކަރަންޓްގެ މައްސަލަ ވެސް އޮތީ ވަރަށް ދަތި އުނދަގޫ ހާލަތެއްގައި. އެކަމާދޭތެރޭގައި ގޮތެއް ނިންމަން އަޅުގަނޑަށް މިއޮތީ. އެ ޕްރޮޖެކްޓްވަނީ އެވޯޑްކޮށް މިހާރު ބަޔަކަށް ދީފަ. 82 މިލިޔަން ޑޮލަރަށް. މިއަދު ސްޓެލްކޯއިން އެ އެއްބަސްވަނީ 32 މިލިޔަން ޑޮލަރަށް އެކަންކުރަން، ނަމަވެސް އެ ޕްރޮޖެކްޓް ދީފަ އެއޮތީ 50 މިލިޔަން ޑޮލަރު ބޮޑުކޮށް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ޕްރޮޖެކްޓް އެވޯޑުކޮށް ސޮއިކޮށް އެޑްވާންސް ޕޭމަންޓްވެސް ދީ ނިންމާފައިވާ ކަމަށެވެ.

އަދި އެ ޕްރޮޖެކްޓުން 32 މިލިޔަން ޑޮލަރަށް ނިމޭއިރު ބާކީވާ 50 މިލިޔަން ޑޮލަރަކީ އެ ތައްރަށަކަށް ބޭނުންވާ އެތަކެއް ޕްރޮޖެކްޓް ކުރިއަށް ގެންދެވޭނެ ފައިސާ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މިދިޔަ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަމަށް އަރައިގެންފައިވާ މިންވަރު އެކަމުންވެސް އެނގޭ ކަމަށެވެ.

"އެއީ އެއާ ދޭތެރޭގައި މިވަގުތު ގޮތެއްނިންމަން އަޅުގަނޑަށް ދަތިވެފަ މިހުރީ. އެވޯޑްކޮށް ސޮއިކޮށް އެޑްވާންސް ޕޭމަންޓްދީ ނިންމައިފަ އޮތީ. މިހިރީ މިދިޔަ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަމަށް އަރައިގެންފައިވާ މިންވަރު. މި 50 މިލިޔަން ޑޮލަރު އަޅުގަނޑުމެންނަށް ލިބުނުނަމަ ކިތައް ރަށުގެ ކިތައް ނަރުދަމާތޯ އެޅޭނީ، ކިތައް ސްކޫލްތޯ އެޅޭނީ، ކިތައް ހެލްތު ސެންޓަރު ތޯ ތަރައްގީ ކުރެވޭނީ، ކިތައް ބަނދަރުތޯ ހެދޭނީ، ކިތައް ރަށުގެ ކިތައް މަގުތޯ ހެދޭނީ،" ރައީސް ވިދާޅުވިއެވެ.