ސާފް 2023

ޕޮއިންޓެއް ހައްގު ކަމަށް ގަބޫލުކުރަން، ދެން ވިސްނުން ހުރީ ރާއްޖެއާއި ބޫޓާން ބަލިކުރަން: ކަބްރޭރާ

އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

މިއަދު ލުބުނާނާ ދެކޮޅަށް ކުޅުނު މެޗުން ޕޮއިންޓެއް ހައްގު ކަމަށް ގަބޫލުކުރާ ކަމަށް ބަންގްލަދޭޝްގެ ކޯޗު ހާވިއޭ ފެނާންޑޭޒް ކަބްރޭރާ ބުނެފިއެވެ.

އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިއަދު ކުޅުނު ސާފް ޗެމްޕިއަންޝިޕް ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ލުބުނާނުން ބަންގްލަދޭޝް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗުގެ ގޯލުތައް ފަހު ކޮޅުގައި ފެނިގެން ގޮސްފައިވާ އިރު، ލުބުނާންގެ ގޯލުތައް ފެނުނީ 79 ވަނަ މިނެޓުގައި އަދި އިތުރު ވަގުތުގެ ތެރޭގައެވެ. އޭގެ ކުރިން ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ބަންގްލަދޭޝްއަށްވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.

"އަހަރެމެން ޓީމުގެ ކުޅުމާ މެދު ފަހުރުވެރިވޭ. އެކަމަކު ނަތީޖާއާ މެދު މާޔޫސްކަން އެބަހުރި. އަހަރެމެން ޓީމުން މިއަދު ވަރަށް ރަނގަޅަށް މަސައްކަތް ކުރި. އެކަމަކުވެސް މި ލެވެލްގެ މެޗެއްގައި، މެޗުގައި އެއްކޮށް އެއް ފެންވަރެއްގައި ކުޅެން ޖެހޭނެ. އެހެން ނޫންނަމަ މި ކަހަލަ ގޮތެއް ދިމާވެދާނެ. އަހަރެމެންނަށް ފެނުނީ ލުބުނާނުގެ ފަރާތުން ފެންވަރު ރަނގަޅު އިންޑިވިޖުއަލް ހުނަރު ހުރި ކުޅުންތެރިން ދެއްކި ތަފާތެއް. އަހަރެމެންނަށް މިސްޓޭކްތައްވެސް ހެދުނު، އެކަމަކުވެސް އަހަރެމެންނަށް ފުރުސަތުތައް ލިބުނު. ލިބި ބޭކާރުވި،" ކަބްރޭރާ މިއަދު ބުންޏެވެ.

ކަބްރޭރާ ބުނީ މިއަދުގެ މެޗުން ޕޮއިންޓެއް ހައްގު ކަމަށް ގަބޫލުކުރާ ކަމަށާއި، ކޮލިފިކޭޝަނަށް ދެން ވިސްނާނީ ރާއްޖެއާއި ބޫޓާން ބަލިކުރުމަށް ކަމަށެވެ.

"އަހަރެން ގަބޫލުކުރަން މިއަދުގެ މެޗުން ޕޮއިންޓެއް ހައްގު ކަމަށް. އެކަމަކު އެކަމެއް ނުވި. ކޮލިފިކޭޝަނަށް އަދި ފުރުސަތު އެބައޮތް. އަދި ކުރިއަށް އޮތްތަނުގައި، ދެން އޮތް މެޗުގައި ނަތީޖާ ނެރެވޭނެ ކަމަށް ގަބޫލުކުރަން. ހުރިހާ ޓީމެއްގައިވެސް މިސްޓޭކް ހެދޭނީ މުޅި ޓީމަށް، ކާމިޔާބީއަކީވެސް މުޅި ޓީމުގެ ކަމެއް. އަހަރެމެން ޓީމުގެ މިއަދު ބައެއް ގޯސްތައް ފެނުނު ނަމަވެސް، އެއީ ވެދާނެ ކަމެއް ކަމަށް އުންމީދުކުރިން. އެއީ އަހަރެމެންގެ ޕްލޭނުގައި ހިމެނުނު ކަމެއް، ތައްޔާރުވި ކަމެއް އެއީ. ސަފާ ކުރަން ޖެހޭކަން އެނގޭ،" ކަބްރޭރާ ބުންޏެވެ.

"އަހަރެމެންނަށް ކުރިންވެސް އެނގޭ މިއަދުގެ މެޗަކީ އެންމެ އުނދަގޫވާނެ މެޗުކަން. ދެން އޮތް ދެ މެޗަށްވެސް ފޯކަސް ކުރާނީ ސީދާ މޮޅުވާން. އެ މެޗުތަކުން ނަތީޖާ ނެރެގެން އުންމީދެއް އޮތީ،" ކަބްރޭރާ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ބަންގުލަދޭޝް އިން ދެން ނުކުންނަން ޖެހޭނީ ރާއްޖެއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރު 3:00 ގައެވެ.

ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.