ރައީސް ޔާމީން

ދެމިހުންނާނީ ސިޔާސީ މަސައްކަތުގައި އެތައް ހާސް ރައްޔިތުންނާ އެކު: ރައީސް ޔާމީން

މުހައްމަދު އައުޒަމް

ވެރިކަމުގެ ފަސް އަހަރުގެ ދައުރު ހަމަވުމުން ދެން ވެސް ހުންނަވާނީ ސިޔާސީ މަސައްކަތް ކުރުމުގައި އެތައްހާސް ރައްޔިތުންނާ އެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދު ގައުމާ މުޚާތަބު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ރަސްމީ ޚިދުމަތުން ވަކިވެވަޑައިގަންނަވާއިރު ދެންވެސް ހުންނަވާނީ ގައުމަށް ވަފާދާރު ރައްޔިތެއްގެ ގޮތުގައި ކަމަށެވެ.

"ރަސްމީ ޚިދުމަތުން އަޅުގަނޑު ނުކުމެގެންދާއިރު ދެންވެސް ހުންނާނީ ގައުމަށް ވަފާދާރު ރައްޔިތެއްގެ ގޮތުގައި. އަދި އަޅުގަނޑުގެ ސިޔާސީ މަސައްކަތުގައި އެތައްހާސް ރައްޔިތުންނާއެކީ ކުރިއަށްދިޔުމަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމުގައި ހުންނެވިއިރު ފާއިތުވި ތަނުގައި މަސައްކަތް ކުރައްވާފައި ވަނީ އެތައްހާސް ރައްޔިތުންގެ ހައްގު ހޯދައިދިނުމަށް ކަމަށާއި އެމަނިކުފާނުގެ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައަޅާފައިވާނީ އެތައް ހާސް ރައްޔިތުން ނިކަމެތިވެގެންގޮސް އެރައްޔިތުންނަށް އަޅާނުލެވިދާތީ، އެ ރައްޔިތުންނަށް އަޅާލުމަށްޓަކައި ކަމަށެވެ.

ގައުމަށް ޚިދުމަތްކުރުމަކީ ހަމައެކަނި ސަރުކާރަށް ޚިދުމަތްކުރުން ނޫން ކަމަށާއި އަމިއްލަ ވިޔަފާރި އާއި އެހެނިހެން ގޮތްގޮތުން މަސައްކަތްކުރުމަކީ ވެސް ގައުމަށް ޚިދުމަތްކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ގައުމުދެކެ ލޯބިވާ ކަމަށްވަންޏާ އެމީހަކު ދެވަނައަށް އިސްކަންދޭންޖެހޭނީ އަމިއްލައަށްކުރާ މަސައްކަތަށް ކަމަށާއި އެއީ ހުރިހާ ސިޔާސީ ލީޑަރުންނާއި ހުރިހާ އިލްމުވެރިންވެސް ނަގައިދޭ ފިލާވަޅު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ގާނޫނު ތަންފީޒުކޮށް ގާނޫނުގެ ހުކޫމަތު ނެގެހެއްޓުމަށެވެ. ހަމައެހެންމެ ވެރިކަމަށް ވަޑައިގަތީ ގާނޫނުގެ ބާރަކީ ހުރިހާ ރައްޔިތުންގެ ކުރިމަތީ ހަމަހަމަ ބާރެއްކަން ކަށަވަރުކޮށްދޭން ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި އިންސާފު ގާއިމްކޮށްދީފައިވާތީ ޝަރުއީ ކޯޓުތަކުން ކަމަށް ރައީސް ވިދާޅުވިއެވެ.