މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ލުބުނާން ކުރީގައި އޮވެގެން.
'90+6 - ލުބުނާނުން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. ޒެއިން އަލް އަބިދީން ފައްރާން ދިން ބޯޅައަކުން ލުބުނާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޚަލީލް ބަދަރް. އޭނާއަށް ބޯޅަ ލިބުނު އިރު، ބަންގުލަދޭޝް ގޯލު ކުރިމަތީ ހުރީ ވަރަށް ހުސްކޮށް.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.
'87 - ބަންގުލަދޭޝް އިން އިތުރު ބަދަލެއް. ސޮހެލް ރަނާގެ ބަދަލުގައި ކުޅެން ނުކުތީ އެމްޑީ ރަފީގުލް އިސްލާމް.
'85 - ބަންގުލަދޭޝްގެ ރާކިބް ހުސައިން ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީނދޫ ކާޑެއް.
'79 - ލުބުނާނުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ކަރީމް ޑާވިޗް ދިން ބޯޅައަކުން ލުބުނާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަދި ރެކޯޑު ގޯލު ޖެހުންތެރިޔާ ހަސަން މާތޫކް. އޭނާ އެ ގޯލު ޖެހީ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން.
'74 - ލުބުނާނުން އަދި ބަންގުލަދޭޝް އިން ވެސް ބަދަލެއް. ލުބުނާންގެ ވާލިދް ޝޫރްގެ ބަދަލުގައި ކުޅެން ނުކުތީ ޖޯކް ފީލިކްސް މެލްކީ. އަދި ބަންގުލަދޭޝްގެ އެމްޑީ ފައިސަލް އަހުމަދު ފަހީމްގެ ބަދަލުގައި ކުޅެން ނުކުތީ ރާކިބް ހުސައިން.
'71 - ލުބުނާންގެ ކަރީމް ޑާރްވިޗްއަށް ކުރި ފައުލަކާ ގުޅިގެން ބަންގުލަދޭޝްގެ ބިޝްވަނާތު ގޯޝްއަށް ރީނދޫ ކާޑެއް.
'67 - ސޮހެލް ރަނާއަށް ކުރި ފައުލަކާ ގުޅިގެން ލުބުނާންގެ އަލީ ޓެނޭކްއަށް ރީނދޫ ކާޑެއް.
'59 - ބަންގުލަދޭޝްއަށް ހުސް ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި ޝޭޚް މޯރްސަލިން ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ބަންގުލަދޭޝްގެ އެމްޑީ ފައިސަލް އަހުމަދު ފަހީމް ފޮނުވާލި ހަމަލާ، ލުބުނާން ކީޕަރު އަލީ ސަބާހް ވަނީ ކުރިއަށް ނުކުމެ މަތަކޮށްފައި.
'58 - ބަންގުލަދޭޝް އިން ތިން ބަދަލެއް. އެމްޑީ މޮޖީބޮރް ރަހުމާން ޖޮނީ އާއި ކެޕްޓަން ޖަމާން ބުޔާން އަދި އެމްޑީ ސުމަން ރެޒާގެ ބަދަލުގައި ކުޅެން ނުކުތީ ޝޭޚް މާރްސަލިން އާއި އެމްޑީ ރޮޑޯއީ އަދި މުހައްމަދު ރާބިއުލް ހަސަން.
'56 - ލުބުނާން ކެޕްޓަން މާތޫކަށް އިތުރު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި އެ ހަމަލާ ވެސް ބަންގުލަދޭޝްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'55 - ލުބުނާނަށް ރަނގަޅު ފުރުސަތެއް. ނަދޭރް މަތަރް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ލުބުނާން ކެޕްޓަން ހަސަން މާތޫކް ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
ލުބުނާނުން ދެވަނަ ހާފަށް ނުކުތީ ދެ ބަދަލަކާއެކު. މުހައްމަދު ސަޑޭކްގެ ބަދަލުގައި ކުޅެން ނުކުތީ ޒެއިން އަލް އަބިދީން ފައްރާން. އަދި އަލިއާލް ހާޖްގެ ބަދަލުގައި ކުޅެން ނުކުތީ ޓީމުގެ ކެޕްޓަން ހަސަން މާތޫކް. މާތޫކަކީ އެޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑާއި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑު އޮންނަ ކުޅުންތެރިޔާ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.
'45+2 - ބަންގުލަދޭޝްގެ ދެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއިން ލުބުނާންގެ އަލިއާލް ހާޖް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ލިބޭ ހިސާބުގައި ލުބުނާންގެ އިތުރު ކުޅުންތެރިޔަކު ނެތް.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.
'43 - ބަންގުލަދޭޝްގެ ހަމަލާއެއް. އަރިމަތިން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ބަންގުލަދޭޝްގެ އެމްޑީ ފައިސަލް އަހުމަދު ފަހީމް ފޮނުވާލި ހަމަލާ، ލުބުނާންގެ ކީޕަރު އަލީ ސަބާހް ވަނީ މަތަކޮށްފައި.
'35 - ލުބުނާންގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން އަރިމަތިން ލުބުނާންގެ ޚަލީލް ބަދެރް ފޮނުވާލި ބާރު ހަމަލާ، ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ވަނީ މަތަކޮށްފައި.
'30 - އަރިމަތިން ލުބުނާނުން ނުރައްކާތެރި ހުރަހެއް ނެގި ނަމަވެސް، ލުބުނާންގެ ކުޅުންތެރިންނަށް ބަންގުލަދޭޝްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ބޯޅައިގެ ބޭނުމެއް ނުހިފުނު.
'16 - ލުބުނާންގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ލުބުނާންގެ ކަރީމް ޑާރްވިޗް ފޮނުވާލި ހަމަލާ ދިޔައީ ބަންގުލަދޭޝް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
ލުބުނާނުން ދަނީ ބަންގުލަދޭޝްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ގިނަ ހުރަސްތަކެއް ނަގަމުން. ނަމަވެސް އެއްވެސް ހުރަހަކުން އަދި ނުރައްކާކުރެވޭ ގޮތެއް ނުވޭ.
މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ކުޅުން ނިމުނު އިރު، ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެއް. ދެ ޓީމަށް ވެސް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކުރެވިފައެެއް ނުވޭ.
އިއްޔެއާއި ރޭގެ މެޗުތައް ވިއްސާރައިގައި ކުޅުނު ނަމަވެސް، މިއަދު ބެންގަލޫރަށް އަދި މޫސުން ރީތިކަން ފާހަގަކުރެވޭ. މިއަދުގެ ފިނިހޫނުމިން އުޅެނީ ގާތްގަނޑަކަށް 29 ޑިގްރީ ސެލްސިއަޝްގައި. މި ސަރަހައްދުގެ ޓީމުތަކަށް މިއަދުގެ މޫސުމަކީ ފަސޭހަ މޫސުމަކަށްވާނެ.
މެޗުގެ ކުޅުން ފަށައިފި.
ސާފް ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާއި ލުބުނާން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
މި ގްރޫޕްގައި ބަންގްލަދޭޝް އާއި ލުބުނާންގެ އިތުރުން ދެން ވާދަކުރަނީ ބޫޓާނާއި ރާއްޖެ. މިރޭ ރާއްޖެއިން ބޫޓާނާ ދެކޮޅަށް ނުކުންނަ އިރު، ލުބުނާނަކީ ސާފް ޗެމްޕިއަންޝިޕްގައި މުޅިން އަލަށް ވާދަކުރާ ޓީމެއް.