ޚަބަރު

ހުޅުމާލެ ދެވަނަފިޔަވަހި ވަނީ 160،000 މީހުންގެ އާބާދީއަށް އަމާޒުކޮށްފަ، 2020ގެ ފަހުކޮޅު ދިރިއުޅެން ފަށާނެ: ރައީސް

އިބްރާހިމް ޒަކީ

އަންނަ އަހަރުގެ ފަހުކޮޅު ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެއް ފަށާއިރު، ކޮންމެ ގޭބީސީއަކަށް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ލިބޭނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ އެއްލައްކަ ފަސްދޮޅަސް ހާސް މީހުންގެ އާބާދީއަކަށް އަމާޒުކުރާ އަވަށެކެވެ.

އަދި އެތަނުގައި 26500 ގޭބީސީ ހުންނައިރު، ފެނާއި ނަރުދަމާ ޤާއިމްކުރުމަކީ އެމްޑަބްލިއުއެސްސީން ހިންގާ އެންމެ ބޮޑު މަޝްރޫޢަށް ވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެކުންފުނިން މި މަޝްރޫޢު ހިންގަނީ ދައުލަތުގެ ބަޖެޓުން އިތުރު ތަކުލީފެއް އުފުލަން ނުޖެހޭނެގޮތަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ބޯފެނަށް ކުރަންޖެހޭ ހޭދައާއި ތަކުލީފް ކުޑަކުރުންކަމަށް ޕްލާސްޓިކް ފުޅި ވީހާވެސް މަދުކުރުންކަމަށް އިލްތިމާސްކުރައްވައިފައެވެ.