ޚަބަރު

ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތަށް ވަޑައިގެން، ކޮމިޓީތައް އެކުލަވާލުމުގެ ބަހުސް ފަށައިފި

އިބްރާހިމް ޒަކީ

ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން، މަޖިލިސް ޖަލްސާތަކުގެ ރިޔާސަތުން ދުވަސްތަކަކަށް އެއްކިބާވެ ވަޑައިގެންނެވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތަށް ވަޑައިގެން، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ ބަހުސް ފައްޓަވައިފިއެވެ.

މަޖިލިސް ރައީސް ނަޝީދު މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތަށް ވަޑައިގެންފައި މިވަނީ، އެމަނިކުފާނު މަޖިލިސް ރައީސްކަމުގެ މަގާމުން ވަކިކުރަން ހުށަހެޅި މައްސަލައަށް ގޮތެއް ނިމެންދެން، މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތުން އެ އެކަހެރިވެވަޑައިގެން ހުންނެވުމަށް ފަހުގައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ރިޔާސަތުގައި އިންނަވަން، އެމަނިކުފާނު އުޒުރުވެރިވެވަޑައިގެންނެވީ މަޖިލީހުގެ ގަވާއިދުން ލިބިވަޑައިގެންނެވި އިހުތިޔާރުގެ ދަށުން ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮތުމަކީ ގިނަ ދިވެހި ރައްޔިތުން ކަނބޮޑުވާ ކަމެއް ކަމަށެވެ. އަދި މަޖިލިސް ކުރިއަށް ގެންދިއުމަށްޓަކައި، މަޖިލިސް ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވި ނަމަވެސް، އެ ބައްދަލު ކުރެއްވުމަކުން މަޖިލިސް ކުރިއަށް ގެންދިއުމަށް ފުރުސަތެއް ލިބިގެން ނުދިޔަ ކަމަށްވެސް ވިދާޅުވިއެވެ.

"މަޖިލިސް ކުރިއަށް ނުގޮސް އޮތް އޮތުން އެއީ އަޅުގަނޑަށް ފެނުނު ގޮތުގައި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ވެއްދުމުން ދިމާވެފައި އޮތް ހާލަތެއް. އަޅުގަނޑު މިތަނުގައި ރިޔާސަތު ބަލަހައްޓަން މިއަދު މިއިނީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ އުޒުރުތަކަށް ވުރެން އަދި މާ މަތީ މަސްލަހަތެއް އަޅުގަނޑު އެބަ ހިފަހައްޓަންޖެހޭ އެއީ ދިވެހި ރައްޔިތުންގެ މަސްލަހަތު، ދިވެހި ރާއްޖޭގެ މަސްލަހަތު،" ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮތުމަކީ ރާއްޖޭގެ މަސްލަހަތު އަދި ރައްޔިތުންގެ މަސްލަހަތު ހިފެހެއްޓޭނެ ގޮތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު ހިތާމަކުރަން ދައުލަތުގެ އެހެން ބާރުތަކުން އަދި ހާއްސަ ގޮތެއްގައި މިތަނުގެ މެޖޯރިޓީ މި މައްސަލަ ހައްލުކޮށްދިނުމުގައި އެއްގޮތަކަށްވެސް އެހީވެދީފައި ނުވާކަން، އެހެން ނަމަވެސް އަޅުގަނޑު ދުށީ މިއީ އަޅުގަނޑުގެ ވާޖިބެއް ކަމަށް އެހެންކަމުން މިއަދު އަޅުގަނޑު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ގަސްތުކޮށް އެ ރިޔާސަތު މި ބަލަހައްޓަނީ،" ނަޝީދު ވިދާޅުވިއެވެ.