ސާފް 2023

ސާފް ޗެމްޕިއަންޝިޕް ލައިވް: އިންޑިއާ 4-0 ޕާކިސްތާން (ފުލްޓައިމް)

22 Jun 02:10

މެޗުގެ އުސްއަލިތައް:

  • މެޗުގެ ފުރަތަަމަ 15 މިނެޓުގެ ތެރޭގައި އިންޑިއާ އިން ވަނީ ދެ ގޯލުގެ ލީޑެއް ހޯދާފައި.
  • އިންޑިއާގެ ފުރަތަމަ ގޯލު ކެޕްޓަން ސުނިލް ޗެތުރީ ކާމިޔާބުކުރީ ޕާކިސްތާން ކީޕަރު ހަނީފް ސާގިބަށް ހެދުނު ގޯހަކުން.
  • އިންޑިއާގެ ދެވަނަ ގޯލު ޗެތުރީ ކާމިޔާބުކުރީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން.
  • ހާފު ނިމެނިކޮށް، ހިނގި ހަމަނުޖެހުމަކާއެކު އިންޑިއާގެ ކޯޗު އިގޯ ސްޓިމަކްއަށް ރަތް ކާޑެއް ދެއްކި.
  • ދެވަނަ ހާފުގައި ޕާކިސްތާނުން ކުޅުން ރަނގަޅުކޮށް، އެޓޭކުތައް އިތުރުކުރުމަށް މަސައްކަތްކުރި.
  • ނަމަވެސް ޕާކިސްތާނަށް އުނދަގޫތަކެއް ކުރިމަތިވީ އިތުރު ޕެނަލްޓީއަކުން އިންޑިއާ ކެޕްޓަން ޗެތުރީ ހެޓްރިކް ފުރިހަމަކުރުމުން.
  • ޕާކިސްތާން ޓީމު ވަރަށް ބޮޑަށް ކުރިއަށް ޖެހި މަސައްކަތްތަކެއް ކުރަމުންދަނިކޮށް، އިންޑިއާގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ އުދަންތާ ސިންހް.
22 Jun 01:57

މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން އިންޑިއާ ކުރީގައި އޮވެގެން.

22 Jun 01:51

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.

22 Jun 01:47
22 Jun 01:43

'81 - އިންޑިއާ އިން ހަތަރު ގޯލުގެ ލީޑެއް ހޯދައިފި. އިންޑިއާގެ ހާފުން ދިން ބޯޅައެއް ކޮންޓްރޯލުކޮށްލުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ޕާކިސްތާން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އިންޑިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދާ އުދަންތާ ސިންހް ކުމާމް.

22 Jun 01:39

މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ޗެތުރީ ޖެހި 21 ވަނަ ގޯލު. ސާފް ޗެމްޕިއަންޝިޕްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު އޮތީ ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ)ގެ އަތުގައި. އޭނާ ވަނީ ޖުމުލަ 23 ގޯލު ޖަހާފައި. އެހެންކަމުން އެ ރެކޯޑާ އަރައި ހަމަކުރުމަށް ޗެތުރީއަށް ދެން ބޭނުންވާނީ އެންމެ ދެ ގޯލު. އަނިޔާއާ ގުޅިގެން މި މުބާރާތުގައި ދަގަނޑޭ ނުފެންނާނެ.

22 Jun 01:35

'74 - އިންޑިއާއަށް ތިން ގޯލުގެ ލީޑެއް. ޗެތުރީގެ ޕެނަލްޓީ އަމާޒުކޮށްލާފައިވަނީ ޕާކިސްތާން ގޯލުގެ މަތީ ކަނަކަށް. އެ ގޯލާއެކު ޗެތުރީގެ ހެޓްރިކް ވެސް ވަނީ ފުރިހަމަވެފައި.

22 Jun 01:34

'73 - ޕެނަލްޓީ އޭރިއާ ތެރެއިން އިންޑިއާ ކެޕްޓަން ޗެތުރީއަށް ޕާކިސްތާންގެ މުހައްމަދު ސުފިޔާން ކުރި ފައުލަކާ ގުޅިގެން އިންޑިއާއަށް އިތުރު ޕެނަލްޓީއެއް.

22 Jun 01:30

'66 - އިންޑިއާގެ ނުރައްކަލެއް. އިންޑިއާގެ ސަހަލް އަބްދުލް ސަމަދު ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ޕާކިސްތާނުގެ އީސާ ސުލިމާން ބޮލުގައި ޖެހި، އަމާޒުވީ ޕާކިސްތާން ގޯލުގެ ހުރަސް ދަނޑިއަށް.

22 Jun 01:25

ދަނޑުގެ ހާލަތު އޮތް ގޮތުން އިންޑިއާއަށް ވެސް ދަނީ އުނދަގޫތަކެއް ކުރިމަތިވަމުން. ހާއްސަކޮށް ވާރޭ ވެހުމުގެ ސަބަބުން ވަޅުގަނޑު ހެދިފައިވާ ތަންތަނުގައި ފެން ހެދިފައި ހުރުމުން ކުޅެން ދެ ޓީމަށް ވެސް އުނދަގޫވޭ.

22 Jun 01:19

މިހާރު ޕާކިސްތާންގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅެމުންދަނީ ޑިފެންޑަރު އީސާ ސުލިމާން.

22 Jun 01:16

'54 - ޕާކިސްތާނުން ދެ ބަދަލެއް. މުހައްމަދު އުމަރު ހަޔާތުގެ ބަދަލުގައި ކުޅެން ނުކުތީ އަލީ ޚާން ނިއާޒީ. އަދި ކެޕްޓަން ހަސަން ނަވީދް ބަޝީރުގެ ބަދަލުގައި ކުޅެން ނުކުތީ ޝަޔާކް ދޯސްތު.

22 Jun 01:10

'48 - އިންޑިއާއަށް ހުސް ފުރުސަތެއް. މުހައްމަދު ކުރުނިޔާން ނަގައިދިން ހުރަސް، ޕާސްކިތާން ކީޕަރު ސާގިބް ހަނީފް ދިފާއުކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި އިންޑިއާގެ ސަހަލް އަބްދުލް ސަމަދު ލިބުނު ބޯޅައިން ފޮނުވާލި ހަމަލާ ޕާކިސްތާނުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

22 Jun 01:06

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

22 Jun 00:54

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • މެޗުގެ ފުރަތަަމަ 15 މިނެޓުގެ ތެރޭގައި އިންޑިއާ އިން ވަނީ ދެ ގޯލުގެ ލީޑެއް ހޯދާފައި.
  • އިންޑިއާގެ ފުރަތަމަ ގޯލު ކެޕްޓަން ސުނިލް ޗެތުރީ ކާމިޔާބުކުރީ ޕާކިސްތާން ކީޕަރު ހަނީފް ސާގިބަށް ހެދުނު ގޯހަކުން.
  • އިންޑިއާގެ ދެވަނަ ގޯލު ޗެތުރީ ކާމިޔާބުކުރީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން.
  • ހާފު ނިމެނިކޮށް، ހިނގި ހަމަނުޖެހުމަކާއެކު އިންޑިއާގެ ކޯޗު އިގޯ ސްޓިމަކްއަށް ރަތް ކާޑެއް ދެއްކި.
  • ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އިންޑިއާ ކުރީގައި އޮވެގެން.
22 Jun 00:51

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އިންޑިއާ ކުރީގައި އޮވެގެން.

22 Jun 00:51

ކޯޗު ސްޓިމަކްއަށް ދެއްކި ރަތް ކާޑަކީ މިފަހަރުގެ މުބާރާތުގައި ދެއްކި ފުރަތަމަ ރަތް ކާޑު.

22 Jun 00:50

'45 - ޕާކިސްތާނުގެ ކުޅުންތެރިޔާ ބޯޅަ އެއްލަނިކޮށް، އިންޑިއާގެ ކޯޗު އިގޯ ސްޓިމަކް ބޯޅައިގައި ޖެހުމުން މެޗު ހޫނުވެ، ސްޓިމަކްއަށް ރަތް ކާޑެއް ދައްކައިފި.

22 Jun 00:44

'41 - އިންޑިއާގެ ނުރައްކަލެއް. އަރިމަތިން ކުރުނިޔަން އަރައި ނަގައިދިން ބޯޅަ ޕާކިސްތާނުން ސާފުކޮށްލުމުން ރީބައުންސްގައި ސުބަހަސިޝް ބޯސްއަށް ފޮނުވާލަން ލިބުނު ނަމަވެސް، އޭނާގެ ހަމަލާ ބްލޮކްވެގެން ދިޔައީ ސާގިބް އަތަށް.

22 Jun 00:39

މިހާރު މެޗު ކުރިއަށްދަނީ ވިއްސާރައިގައި.

22 Jun 00:32

'31 - ޗެތުރީ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ޕާކިސްތާން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

22 Jun 00:30

'30 - ޕާކިސްތާންގެ ޕެނަލްޓީ އޭރިއާ ބޭރުން މުހައްމަދު ކުރުނިޔާންއަށް ކުރި ފައުލަކާ ގުޅިގެން ޕާކިސްތާންގެ މުހައްމަދު އުމަރު ހަޔާޓްއަށް ރީނދޫ ކާޑެއް، އިންޑިއާއަށް ހިލޭ ޖެހުމެއް.

22 Jun 00:30

'29 - ޕާކިސްތާނުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޕާކިސްތާނުގެ މުހައްމަދު ސުފިޔާން ފޮނުވާލި ހަމަލާ، އިންޑިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

22 Jun 00:26

'25 - އިންޑިއާގެ ހަމަލާއެއް. ޕްރިތަމް ކޮޓާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލާލިއަންޒުއާލާ ޗަންގްޓޭ ފޮނުވާލި ހަމަލާ އަމާޒުވީ ޕާކިސްތާން ކީޕަރު ސާގިބް ހަނީފްއާ ދިމާއަށް.

22 Jun 00:22

'22 - ޕެނަލްޓީ އޭރިއާާ ބޭރުން ޕާކިސްތާނުގެ އަލީ އުޒައިރު މަހުމޫދު ފޮނުވާލި ހަމަލާ، އިންޑިއާގެ ގޯލާ އަމާޒެއް ނުވި.

22 Jun 00:20

ޕާކިސްތާން ކީޕަރު ސާގިބް ހަނީފަށް ހެދުނު ގޯހަކުން އިންޑިއާ އިން ޖެހި ގޯލަށްފަހު، ޕާކިސްތާންގެ ކުޅުމަށް އޭގެ އަސަރުކޮށްފައިވާކަން ފާހަގަކޮށްލެވޭ. ޕާކިސްތާންގެ ގޯލު ބަލަހައްޓަމުންދާ ސާގިބް ހަނީފަކީ ރާއްޖޭގެ ކްލަބު ގްރީން ސްޓްރީޓްސްއަށް ކުޅެމުންދާ ކީޕަރެއް.

22 Jun 00:16

'15 - އިންޑިއާގެ ޕެނަލްޓީ ކާމިޔާބުކޮށް، ލީޑު ފުޅާކޮށްދިނީ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ކެޕްޓަން ސުނިލް ޗެތުރީ.

22 Jun 00:16

'14 - އަނިރުދް ތާޕާ ފޮނުވާލި ހަމަލާއެއް ޕެނަލްޓީ އޭރިއާ ތެރެއިން ޕާކިސްތާންގެ އީސާ ސުލިމާން އަތުގައި ބޯޅަ ޖެހުމުން އިންޑިއާއަށް ޕެނަލްޓީއެއް.

22 Jun 00:13

'10 - އިންޑިއާ އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޕާކިސްތާނުގެ ކީޕަރު ސާގިބް ހަނީފަށް ހެދުނު ގޯހަކުން އިންޑިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ސުނިލް ޗެތުރީ.

22 Jun 00:12

ޕާކިސްތާންގެ ފުރަތަަމަ 11:

  • ސާގިބް ހަނީފް - ގޯލްކީޕަރު
  • އީސާހް ސުލިމާން
  • މުހައްމަދު އުމަރު ހަޔާތު
  • މުހައްމަދު ސުފިޔާން
  • އަބްދުﷲ އިގުބާލް
  • މަމޫން މޫސާ ޚާން
  • އޮޓިސް ޖޭން މުހައްމަދު ޚާން
  • ރަހިސް ނަބީ
  • ހަސަން ނަވީދް ބަޝީރް - ކެޕްޓަން
  • ހަރުން އަރާޝިދް ހާމިދް
  • އަލީ އުޒައިރު މަހުމޫދު
22 Jun 00:11

އިންޑިއާގެ ފުރަތަމަ 11:

  • އަމްރިންދަރް ސިންހް - ގޯލްކީޕަރު
  • ސުނިލް ޗެތުރީ - ކެޕްޓަން
  • ސުބާސިޝް ބޯސް
  • އަންވަރު އަލީ
  • ސަންދޭޝް ޖިންގަން
  • އަނިރުދް ތަފާ
  • ސަހަލް އަބްދުލް ސަމަދު
  • ޖީކްސަން ސިންހް ތޫނައޮޖަމް
  • ލަލިއަންޒުއަލާ ޗަންގްޓޭ
  • ޕްރޮތަމް ކޮޓާލް
  • މުހައްމަދު ކުރުނިޔަން

ސާފް ޗެމްޕިއަންޝިޕް 2023ގެ ދެވަނަ މެޗުގައި އިންޑިއާއާއި ޕާކިސްތާން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް" ގެ ކިޔުންތެރިންނަށް މަރުހަބާ!

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދަނީ ޖުމުލަ އަށް ޓީމާއެކު. އެއީ ސަރަހައްދީ ހަ ޓީމާއި ދައުވަތު އެރުވިގެން މުބާރާތުގައި ވާދަކުރާ މެދުއިރުމަތީގެ ދެޓީމާއެކު. ސަރަހައްދީ ގައުމުތަކުގެ ތެރެއިން މުބާރާތުގައި ވާދަކުރަނީ ނޭޕާލް، އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، ބޫޓާންގެ އިތުރުން ރާއްޖެ. ސަރަހައްދުން ބޭރުން މުބާރާތުގައި ވާދަކުރަނީ ކުވައިތާއި ލުބުނާން.

ގްރޫޕް އޭގައި ވާދަކުރަނީ އިންޑިއާއާއި ޕާކިސްތާނުގެ އިތުރުން ނޭޕާލާއި ކުވައިތު. މިއީ ވާދަވެރި މެޗެއް. އެއީ އިންޑިއާއާއި ޕާކިސްތާނަކީ ޒަމާންވީ ވާދަވެރި ދެގައުމަށް ވާތީ.