އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
މިއަދު ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލުން ކުވައިތާ ދެކޮޅަށް ކުޅުނު މެޗުގައި، ޓީމުން މާ ބޮޑަށް ކުވައިތު ދެކެ ބިރުގަނެ، ޖެހިލުންވީ ކަމަށް ކޯޗު ވިންސެންޒޯ އަލްބާޓޯ އާނޭސޭ ބުނެފިއެވެ.
އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިއަދު ސާފް ޗެމްޕިއަންޝިޕްގެ 14 ވަނަ މުބާރާތް ފަށާފައިވާ އިރު، މުބާރާތުގައި ކުޅުނު ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ކުވައިތުން ނޭޕާލް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މިއަދު މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު ވިންސެންޒޯ ބުނީ ނޭޕާލުން އިދިކޮޅު ޓީމު ދެކެ ޖެހިލުންވެ، މާ ބޮޑަށް އިހުތިރާމް ދިނުމުން އެކަމުގެ ނޭދެވޭ އަސަރު ކުރި ކަމަށެވެ.
"އަހަރެމެން މެޗުގައި ގޯސްތަކެއް ހެދި. ފުރަތަމަ ހާފުގައިވެސް ކޮޅަށް ވަނީ ކައުންޓާ އެޓޭކިން ފުޓުބޯޅައެއް. އަހަރެމެން ތަންކޮޅެއް ބޮޑަށް ބިރުން، ޖެހިލުންވެފައި ތިބިތަން ފެނުނު. އަހަރެމެންނަށް ލިބުނު ފުރުސަތުތަކުގައިވެސް ރަނގަޅަށް ބޭނުން ނުކުރެވި ދިޔަ. ދެން ބަލައިލަން ޖެހޭ ކުވައިތުގެ ކޮލިޓީއަށް. އެކަން އެނގޭ މެޗަށް ނުކުތް އިރުވެސް. ކުވައިތުގައި ތިބީ ތަޖުރިބާކާރު ރަނގަޅު މެޗުތަކެއް ކުޅެފައި ތިބި ކުޅުންތެރިންތަކެއް، ބައިނަލްއަގުވާމީ ތަޖުރިބާތަކެއް ހުރި ކުޅުންތެރިން. އެހެންވީމަ އެ ތަފާތު ދެއްކި. އަހަރެމެން ދެވަނަ ހާފަށް ނުކުމެ ރަނގަޅަށް ކުޅުނު. އެކަމަކު މާ ބޮޑަށް އިދިކޮޅު ޓީމަށް އިހުތިރާމް ކޮށްގެން ކުޅުނީ،" ވިންސެންޒޯ ބުންޏެވެ.
ނޭޕާލާއެކު ގްރޫޕް އޭގައި ދެން ހިމެނެނީ އިންޑިއާއާއި ޕާކިސްތާނެވެ. ގްރޫޕް ސްޓޭޖުން ފަހަނައަޅައި، ސެމީ ފައިނަލަށް ދެވޭނެކަމަށް އަދިވެސް ގަބޫލުކުރާތޯ އެހުމުން ވިންސެންޒޯ ބުނީ ގްރޫޕްގައި ވަރުގަދަ އުނދަގޫ ޓީމުތަކެއް ހުރި ނަމަވެސް، އަދިވެސް "ބިލީވް" ކުރާނެ ކަމަށެވެ. އަދި ހާއްސަކޮށް އޭނާގެ ފިލޯސަފީއަކީ އަބަދުވެސް ގަބޫލުކުރުން ކަމަށް ވިންސެންޒޯ ބުންޏެވެ.
ވިންސެންޒޯ މިއަދުގެ ޕްރެސްގައި އިތުރަށް ބުނީ މިއަދުގެ މެޗުގެ ނަތީޖާއަކީ ގޯސް ނަތީޖާއެއް ނޫން ކަމަށާއި، ދެން އޮތް މެޗުތަކުގައި ޖެހިލުން ނުވެ ޓީމުން ކުޅޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މިއަދު ގިނަ ކުޅުންތެރިންތަކަކަށް ލިބުނީ ރަނގަޅު ތަޖުރިބާތަކެއް ކަމަށްވެސް ވިންސެންޒޯ ބުންޏެވެ. މިއަދުގެ މެޗުގައި ނޭޕާލްގެ ގޯލު ޖެހި އަންޖުން ބިސްތާ ފަދަ ކުޅުންތެރިންނާ މެދު އުންމީދު އެބައޮތް ކަމަށްވެސް ވިންސެންޒޯ ބުނެފައިވެއެވެ.
"އަމިއްލަ ގައުމުގައި ގިނަ ކުޅުންތެރިންތަކެއް މަޑުކޮށްފިނަމަ، ނޭޕާލްގެ ފުޓުބޯޅައިގެ މުސްތަގުބަލު އުޖާލާ،" ކުރިން އިންޑިއާގެ ގޮކުލަމް ކެރެލާއާއެކު ޖެހިޖެހިގެން ދެ ސީޒަނުގައި އައި-ލީގު ހޯދި ވިންސެންޒޯ ބުންޏެވެ.
ވިންސެންޒޯ ބުނީ އިންޑިއާގައި ކުރިން ހޭދަކުރި ތިން އަހަރަކީ އުފާވެރި ހަނދާންތަކެއް ކަމަށާއި، ދެން އިންޑިއާއާ ދެކޮޅަށް ނޭޕާލް ކުޅެން އޮތް މެޗަށް އިންތިޒާރުކުރާ ކަމަށެވެ. އެ މެޗު ވާނީ ބޮޑު މެޗަކަށް ކަމަށްވެސް އޭނާ ބުންޏެވެ.