ފެނަށްކުރާ ހޭދަ ކުޑަކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިލްތިމާސްކުރައްވައިފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވާދެއްވައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ޞަލިޙް ވިދާޅުވީ، އެމްޑަބްލިއުއެސްސީން ގޭބީސީތަކަށް ދޫކުރާ ފެން ބުއިމަށް ބޭނުންކުރުން މުހިއްމު ކަމަށެވެ.
ރައީސް ވިދާޅުވީ، ޖިއޮގްރަފީގޮތުން ރާއްޖޭގެ ފެނުގެ ނިސްބަތަކީ %99 ކަމަށާއި، ހިކިފަސް ސަރަހައްދަކީ %1 ކަމަށް ވީނަމަވެސް ރާއްޖޭގައި އެންމެ ތަދު އެއްޗަކީ ސާފު ބޯފެންކަމަށެވެ.
ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށްޓާކައި ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއްކުރާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިންސާނުންގެ ދިރިތިބުމާ ސީދާގޮތުން ގުޅިފައިވާ ކަންކަންކަމުގެ ތެރެއިން ރާއްޖެއަށް އޮތް އެންމެ ނާޒުކު މައްސަލައަކީވެސް ސާފު ބޯފެނުގެ މައްސަލަކަމަށެވެ.
ބިމު އަޑިން ފެންނަގާ ނިސްބަތް އިތުރުވުމުން ގިނަ ރަށްރަށުގެ ފެންފަށަލަ ވަރަށް ބޮޑަށް ތުނިވެފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ބިމަށް ނަޖިސްފެން ހިންދުމުގެ ސަބަބުންނާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން މިހާރުހުރި މަދު ފެންފޮސްދުވެސް ވަރަށް ބޮޑަށް ތަޣައްޔަރުވެފައިވާކަމަށެވެ. އަދި ކުރިމަގުގައި މި މައްސަލަ އިތުރަށް ގޯސްވެގެންދިއުން އެކަށީގެންވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ތިމާވެސީގެ ހިމާޔަތަށް އިސްކަންދޭއިރު ބޯފެން އުފެއްދުމުގައި މިހާރުވެސް މި ބޭޏުންކުރަނީ ޑިސަލުން ހިންގާ އިންޖީނުތައް. އޭގެ ބަދަލުގައި ބޯފެން އުފެއްދުމުގައިވެސް އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުމާމެދު ވިސްނަންވެއްޖެ. އަދި ވާރޭ ފެން ރައްކާކުރުންފަދަ ތިމާވެށްޓައި ރައްޓެހިގޮތްތަށްވެސް ބޭނުންކުރަންވެއްޖެ." ރައީސް ވިދާޅުވިއެވެ.