ސާފް 2023

ސާފް ޗެމްޕިއަންޝިޕް ލައިވް: ނޭޕާލް 1-3 ކުވައިތު (ފުލްޓައިމް)

21 Jun 22:08

މެޗުގެ އުސްއަލިތައް:

  • މެޗުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެއް
  • އެހެންނަމަވެސް ކުވައިތުން މަޑުމަޑުން މެޗު ތެރެއަށް ވަދެ، އެޓޭކްތައް އުފައްދަން ފެށި
  • ކުރީކޮޅުގައި ނޭޕާލްގެ ކީޕަރު ކިރަން ވަނީ އޭރިއާ ތެރެއިން ރަނގަޅު ބޯޅަތަކެއް ނަގާފައި
  • ކުވައިތުން ކޯނަރެއްގައި ލީޑު ނެގީ ޚާލިދު ހަޖިއާ ބޮލުން ޖެހި ގޯލުން
  • އޭގެ ފަހުން ނުރައްކާކޮށް، ކުވައިތުގެ މުހައްމަދު އަބްދުﷲ ޖެހި ބޯޅަ ދަނޑިއަށްވެސް އަމާޒުވި
  • ހާފު ނިމެން ދަނިކޮށް ޝަބައިބް އަލްޚަރަބީ ވަނީ ކުވައިތަށް ނަތީޖާ ފުޅާކޮށްދީފައި
  • ދެވަނަ ހާފު ފެށިގެންވެސް ރަނގަޅަށް ފެށީ ކުވައިތުން
  • ރަނގަޅު ފެށުމާއެކު ޕެނަލްޓީއެއްގައި އެޓީމުން ތިންވަނަ ގޯލު ޖެހި، އެ ގޯލު ޖެހީ މުހައްމަދު އަބްދުﷲ
  • އެ ގޯލަށް ދެ މިނެޓުވެސް ނުވަތީސް ނޭޕާލުން ގޯލެއް ޖަހައި އުންމީދު ހޯދި
  • އެ ގޯލު ޖެހީ އަންޖަން ބިސްތާ، އެ ގޯލާއެކުވެސް ނޭޕާލަށް މެޗުން ޕޮއިންޓެއް ނުހޯދުނު
21 Jun 22:00

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ކުވައިތު ކުރީގައި އޮވެގެން.

21 Jun 21:57

'90+3 - ނޭޕާލަށް ފުރުސަތެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ނޭޕާލްގެ އަންޖަން ބިސްޓާ ފޮނުވާލި ހަމަލާ، ކުވައިތުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

21 Jun 21:54

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.

21 Jun 21:51

'86 - ނޭޕާލުގެ ހަމަލާއެއް. އަރިމަތިން ނެގި ހުރަހެއް ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ނޭޕާލްގެ އަޔުޝް ގަލަން ބޮލުން ފޮނުވާލި ހަމަލާ، ކުވައިތުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

21 Jun 21:50

'85 - ކުވައިތުގެ ބާރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ކުވައިތުގެ އަލީ މުހައިސެން ފޮނުވާލި ބާރު ހަމަލާ، ނޭޕާލްގެ ކީޕަރު ކިރަން ވަނީ މަތަކޮށްފައި.

21 Jun 21:49

މިއަދުގެ މެޗަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަދެފައެއް ނުވޭ. އެހެންނަމަވެސް ދަނޑުގެ މެއިން ގޭޓާ ދިމާ ފަޅިން ސިނޑިބަރީގައި ނޭޕާލްގެ ބައެއް ސަޕޯޓަރުން ދަނީ ޓީމަށް ހިތްވަރުދެމުން.

21 Jun 21:42

'78 - މުހައްމަދު އަބްދުﷲ ދިން ބޯޅަ، ކުވައިތުގެ ސަލްމާން މުހައްމަދަށް ލިބުމުގެ ކުރިން ނޭޕާލްގެ ކީޕަރު ކިރަން ކުރިއަށް ނުކުމެ، ބޯޅަ ދިފާއުކޮށްފި.

21 Jun 21:39

'75 - ނޭޕާލް ކީޕަރު ކިރަންގެ މުހިންމު ސޭވްއެއް. ޕެނަލްޓީ އޭރިއާ ތެރޭ އަރިމަތީގައި ހުރެ، ކުވައިތުގެ މުހައްމަދު އަބްދުﷲ ފޮނުވާލި ބާރު ހަމަލާ ނޭޕާލް ގޯލުގެ ކަނަކަށް އަމާޒުވާން ދަނިކޮށް، ކީޕަރު ކިރަން ވަނީ މަތަކޮށްފައި.

21 Jun 21:32

'68 - ނޭޕާލުން ގޯލެއް ޖަހައިފި. ކުވައިތުގެ ޑިފެންސަށް ރަނގަޅަށް ދިފާއުނުކުރެވުމާއެކު ލިބުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ނޭޕާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަންޖަން ބިސްޓާ.

21 Jun 21:30

'65 - ޕެނަލްޓީ އޭރިއާ ތެރެއިން ނޭޕާލްގެ ރޯހިތު ޗާންދުގެ އަތުގައި ބޯޅައިން ޖެހުމުން، ކުވައިތަށް ޕެނަލްޓީއެއް. ކުވައިތަށް ޕެނަލްޓީ ކާމިޔާބުކޮށް، ތިން ގޯލުގެ ލީޑެއް ހޯދައިދިނީ މުހައްމަދު އަބްދުﷲ.

21 Jun 21:28

'62 - ކުވެއިތުން ދެ ބަދަލެއް. މޮބާރަކް އަލްފަނީނިގެ ބަދަލުގައި ކުޅެން ނުކުތީ އަހުމަދު އަލްދެފީރީ. އަދި ޝަބައިބް އަލްޚަލްދީގެ ބަދަލުގައި ކުޅެން ނުކުތީ ސަލްމާން މުހައްމަދު.

21 Jun 21:22

'57 - ނޭޕާލްގެ ނުރައްކާތެރި ހަމަލާއެއް. އަންޖަން ބިސްޓާ ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ވެއްޓިލާފައި ސަނިޝް ޝްރެސްތާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ކުވެއިތު ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

21 Jun 21:15

'51 - ފައުލަކާ ގުޅިގެން ނޭޕާލްގެ އަންޖަން ބިސްޓާއަށް ރީނދޫ ކާޑެއް ދައްކައިފި. މިއީ މެޗުުގައި ދެއްކި ފުރަތަމަ ކާޑު.

21 Jun 21:14

'48 - ކުވެއިތުގެ ހަމަލާއެއް. މުހައްމަދު އަބްދުﷲ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އީދް އަލްރާޝިދީ ފޮނުވާލި ހަމަލާ، ނޭޕާލްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

21 Jun 21:11

ދެވަނަ ހާފުގެ ކުޅުން ފަށައިފި. ދަވަނަ ހާފަށް ނުކުތް އިރު، ދަނޑަށް ކޮންމެވެސް ވަރަކަށް ދަނީ ވާރޭ ވެހެމުން.

21 Jun 21:10

ދެވަނަ ހާފަށް ނޭޕާލް އަދި ނޭޕާލުން ނުކުތީ ބަދަލަކާއެކު. ނޭޕާލުން ނަވަޔުގް ޝްރެސްތާގެ ބަދަލުގައި ކުޅެން ނުކުތީ އަޔުޝް ގަލަން. އަދި ކުވެއިތުން އަބްދުﷲ އަލަފަހާދް ކުޅެން ނުކުތީ އަބްދުﷲ އަލްބްލޫޝީ.

21 Jun 20:56

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • މެޗުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެއް
  • އެހެން ނަމަވެސް ކުވައިތުން މަޑުމަޑުން މެޗު ތެރެއަށް ވަދެ، އެޓޭކްތައް އުފައްދަން ފެށި
  • ކުރީކޮޅުގައި ނޭޕާލްގެ ކީޕަރު ކިރަން ވަނީ އޭރިއާ ތެރެއިން ރަނގަޅު ބޯޅަތަކެއް ނަގާފައި
  • ކުވައިތުން ކޯނަރެއްގައި ލީޑު ނެގީ ޚާލިދު ހަޖިއާ ބޮލުން ޖެހި ގޯލުން
  • އޭގެ ފަހުން ނުރައްކާކޮށް، ކުވައިތުގެ މުހައްމަދު އަބްދުﷲ ޖެހި ބޯޅަ ދަނޑިއަށްވެސް އަމާޒުވި
  • ހާފު ނިމެން ދަނިކޮށް ޝަބައިބް އަލްޚަރަބީ ވަނީ ކުވައިތަށް ނަތީޖާ ފުޅާކޮށްދީފައި
21 Jun 20:53

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ކުވައިތު ކުރީގައި އޮވެގެން.

21 Jun 20:48

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

21 Jun 20:47

'41 - ކުވައިތުން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. ކުވައިތަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޝަބައިބް އަލްޚަރަބީ. މުހައްމަދު އަބްދުﷲ އަރިމަތިން ދިން ބޯޅަ ކޮންޓްރޯލުކޮށްލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއިން އެނބުރިލާފައި އަލްޚަރަބީ ވަނީ ފަސޭހަކަމާއެކު ނޭޕާލުގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައި.

21 Jun 20:42

'36 - ކުވައިތުގެ ނުރައްކާތެރި ހަމަލާއެއް. ފަވާޒް އަލޮތައިބީ ނަގައިދިން ހުރަހަކުން މުހައްމަދު އަބްދުﷲ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ނޭޕާލު ގޯލުގެ ހުރަސް ދަނޑިއަށް

21 Jun 20:39
21 Jun 20:27

'23 - ކުވެއިތުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ކުވައިތުގެ ކޯނަރެއް ޕެނަލްޓީ އޭރިއާ ތެރެއިން ނޭޕާލަށް ރަނގަޅަށް ދިފާއުނުކުރެވުމާއެކު، ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން ކުވައިތަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ޚާލިދު ހަޖިއާ. ކީޕަރު ކިރަން ކުމާރު ލިމްބޫ ވެސް ކުރިއަށް އަރައި ހުރުމުން، ކުވައިތުގެ ޚާލިދު އެ ބޯޅަ ފޮނުވާލީ ހުސް ގޯލަކަށް.

21 Jun 20:25

'21 - ނޭޕާލަށް ރަނގަޅު ފުރުސަތެއް. އެއްލުމެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ އަރިމަތިން ލިބުނު ބޯޅައަކުން ނޭޕާލްގެ ނަވަޔުގް ޝްރެސްތާ ފޮނުވާލި ހަމަލާ، ކުވެއިތުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

21 Jun 20:21

ފުރަތަމަ 15 މިނެޓުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކުގައި ނުރައްކާކުރަމުން ދިޔައީ ކުވެއިތުން. ނަމަވެސް ނޭޕާލުން ވަރަށް ބޮޑަށް ފަހަތަށް ޖެހި ކުޅެމުންދާތީ، ކުވައިތަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައި.

21 Jun 20:20

'15 - ކުވައިތުގެ ނުރައްކާތެރި ހުރަހެއް. ކުވައިތުގެ އަބްދުﷲ އަލްފަހާދު ނަގައިދިން ހުރަސް، ނުރައްކާވުމުގެ ކުރިން ޕެނަލްޓީ އޭރިއާ ތެރެއިން ނޭޕާލްގެ ކީޕަރު ކިރަން ކުމާރް ލިމްބޫ ވަނީ މަތަކޮށްފައި.

21 Jun 20:16

'13 - ކުވެއިތުގެ ހަމަލާއެއް. ކުވެއިތުގެ މުހައްމަދު އަބްދުﷲ ދުރުން ފޮނުވާލި ހަމަލާ ދިޔައީ ނޭޕާލް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

21 Jun 20:14

'11 - ކުވެއިތުގެ އަތުބީ ސަލާހް ދުރުން ފޮނުވާލި ހަމަލާ، ނޭޕާލްގެ ގޯލާ އަމާޒުނުވެ ބޭރަށް.

21 Jun 20:14

މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ކުޅުން ނިމުނު އިރު، ދެ ޓީމަށް ވެސް އިދިކޮޅު ގޯލަށް ނުރައްކާ ކުރެވިފައެއް ނުވޭ.

21 Jun 20:08

ނޭޕާލްގެ ފުރަތަމަ 11:

  • ކިރަން ކުމާރް ލިމްބޫ - ގޯލްކީޕަރު، ކެޕްޓަން
  • ބިމާލް ޕާންޑޭ
  • އަނަންތާ ތަމަންގް
  • ލަކެން ލިމްބޫ
  • އަރިކް ބިސްޓާ
  • އަންޖަން ބިސްޓާ
  • ޕުޖަން އުޕާކޮޓީ
  • ނަވަޔުގް ޝުރެސްތާ
  • ސަނީޝް ޝުރެސްތާ
  • މަނީޝް ޑަންގީ
  • ރޯހިތު ޗާންދު
21 Jun 20:08

ކުވެއިތުގެ ފުރަތަމަ 11:

  • އަބްދުލްރަހުމާން މަރްޒޫގް - ގޯލްކީޕަރު
  • ޚާލިދް ހާޖިއާ - ކެޕްޓަން
  • އަތުބީ ސަލާހް
  • މުހައްމަދު އަބްދުﷲ
  • ޝަބައިބް އަލްޚަލްދީ
  • ހަމަދް އަލްހާބީ
  • އަބްދުﷲ އަލްފަހާދް
  • ރެދާ އަބޫޖަބާރާ
  • ހަމަދް އަލްގައްލާފް
  • މޮބާރަކް އަލްފަނީނީ
  • ފަވާޒް އަލޮތައިބީ
21 Jun 20:07

'4 - ނޭޕާލްގެ މަނީޝް ޑަންގީ ބޯޅަ ހިފަހައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ނުރައްކާކުރުމުގެ ކުރިން ކުވެއިތުގެ ޑިފެންޑަރުން ދިފާއުކޮށްފި.

21 Jun 20:06

މެޗުގެ ކުޅުން ފަށައިފި.

ސްރީ ކަންތީރަވާ ސްޓޭޑިއަމް: އިންޑިއާ، ބެންގަލޫރު

ޗެމްޕިއަންޝިޕް 2023ގެ ފުރަތަމަ މެޗުގައި ނޭޕާލާއި ކުވައިތު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް" ގެ ކިޔުންތެރިންނަށް މަރުހަބާ!

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދަނީ ޖުމުލަ އަށް ޓީމާއެކު. އެއީ ސަރަހައްދީ ހަ ޓީމާއި ދައުވަތު އެރުވިގެން މުބާރާތުގައި ވާދަކުރާ މެދުއިރުމަތީގެ ދެޓީމާއެކު. ސަރަހައްދީ ގައުމުތަކުގެ ތެރެއިން މުބާރާތުގައި ވާދަކުރަނީ ނޭޕާލް، އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، ބޫޓާންގެ އިތުރުން ރާއްޖެ. ސަރަހައްދުން ބޭރުން މުބާރާތުގައި ވާދަކުރަނީ ކުވައިތާއި ލުބުނާން.

ގްރޫޕް އޭގައި ވާދަކުރަނީ މިއަދުގެ މެޗު ކުޅޭ ނޭޕާލާއި ކުވައިތުގެ އިތުރުން އިންޑިއާއާއި ޕާކިސްތާން. ގްރޫޕް ބީގައި ހިމެނެނީ ރާއްޖެއާއި ލުބުނާން، ބޫޓާން އަދި ބަންގްލަދޭޝް. މިއީ ސާފް ޗެމްޕިއަންޝިޕްގެ 14 ވަނަ މުބާރާތް. މި މުބާރާތް ވެގެންދާނީ ތާރީހުގައިވެސް އެންމެ ވާދަވެރި، އަދި އެންމެ ވަރުގަދަ އެއް މުބާރާތަށް.

ދެ ޓީމުގެ ހެޑް ޓު ހެޑަށް ނަޒަރެއް

  • ނޭޕާލާއި ކުވައިތު މިހާތަނަށް ވަނީ ނުވަ މެޗެއްގައި ކުޅެފައި
  • އޭގެ ތެރެއިން އަށް މެޗުން މޮޅުވީ ކުވައިތު
  • އަނެއް މެޗު ނިމުނީ އެއްވަރު ވެގެން
  • އެންމެފަހުން މިދިޔަ އަހަރު އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ދެޓީމު ކުޅުނު މެޗުން ކުވައިތު މޮޅުވީ 4-0 ގެ ނަތީޖާއަކުން
  • ދެޓީމު 0-0 އިން އެއްވަރުވީ 2019 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗަކުން