ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމަކީ 1950 ގެ އަހަރުތަކާއި 1960 ގެ އަހަރުތަކުގައި މުޅި އޭޝިއާ ސަރަހައްދުގެ ފުޓުބޯޅައިގައި ވެސް ފާހަގަކޮށްލެވުނު އިންޑިއާއެވެ. އިންޑިއާއިން ވަނީ އޭޝިއަން ކަޕް އަދި އޮލިމްޕިކްސްގައި ވެސް ކާމިޔާބީތަކެއް ހޯދައިފައެވެ.
އިންޑިއާއިން ވަނީ 1951 އަދި 1962 ގެ އޭޝިއަން ގޭމްސްގެ ފުޓުބޯޅަ އިވެންޓުން ރަން މެޑަލް ހޯދައިފައެވެ. އޭގެ އިތުރުން 1956 ގެ ހޫނު މޫސުމުގެ އޮލިމްޕިކްސްގައި އިންޑިއާއިން ހަތަރުވަނަ ހޯދިއެވެ.
އިންޑިއާ އެންމެ ފާހަގަކޮށްލެވެނީ ސާފް ޗެމްޕިއަންޝިޕްގައެވެ. މިހާތަނަށް ބޭއްވި ހުރިހާ ސާފް ޗެމްޕިއަންޝިޕެއްގައި ވާދަކުރި އިންޑިއާއިން ވަނީ 8 ފަހަރު ޗެމްޕިއަންކަން ހޯދައިފައެވެ. އެންމެ ފަހުގެ ޗެމްޕިއަނަކީ ވެސް އިންޑިއާއެވެ.
އިންޑިއާ އިން ފުރަތަަމަ މެޗެއް ކުޅެފައިވަނީ އިނގިރޭސީންގެ ބާރުގެ ދަށުގައި އޮތް އިރު، 1938 ގައެވެ. އޭރު އެޓީމުގައި އިންޑިއާއަށް އުފަން ކުޅުންތެރިންގެ އިތުރުން އިނގިރޭސި ކުޅުންތެރިން ވެސް ހިމެނުނެވެ. އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު އެ މެޗުން އިންޑިއާ ބަލިވީ 5-3 ގެ ނަތީޖާއަކުންނެވެ.
ތާރީހު ބުނާގޮތުން 1947 ގައި އިންޑިއާއަށް މިނިވަންކަން ލިބުނު ފަހުން ގައުމީ ޓީމުގެ މެޗެއް ފުރަތަމަ ކުޅެފައިވަނީ ހޫނު މޫސުމުގެ އޮލިމްޕިކްސްގައި 1948 ގައެވެ. އިނގިރޭސިވިލާތުގައި ފްރާންސްއާ ދެކޮޅަށް ކުޅުނު އެ މެޗުން އިންޑިއާ ބަލިވީ 2-1 ގެ ހަނި ތަފާތަކުންނެވެ. އެ މެޗުގައި އިންޑިއާގެ ކުޅުންތެރިން ކުޅުނީ ހުސް ފައިގައި ބޫޓަށް ނާރައެވެ. އެކަމާ ގުޅިގެން ހަމަ އެ އަހަރު ފީފާ އިން ވަނީ މެޗުތަކުގައި ބޫޓަށް ނާރައި، ހުސް ފައިގައި ކުޅުން މަނާކޮށްފައެވެ.
ވޯލްޑް ކަޕް 1950 ގެ ކޮލިފައިންގައި އޭޝިއާ ސަރަހައްދުން ވާދަކުރަން ހަމަޖެހިފައިވާ ޓީމުތަކުން ނަން ނެގުމުން، ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް އިންޑިއާ ކޮލިފައިވިއެވެ. ނަމަވެސް އެފަހަރުގެ ވޯލްޑް ކަޕްގައި އިންޑިއާ އިން ވާދަކޮށްފައެއް ނުވެއެވެ. ފީފާ އިން ހަރަދުތައް ހަމަޖައްސައިދިނުމަށް އެއްބަސްވި ނަމަވެސް، އެ މުބާރާތުގައި އިންޑިއާ އިން ވާދަކޮށްފައިނުވަނީ، ދަތުރުގެ ހަރަދުތައް ކުރަންޖެހޭތީ އާއި ޓީމުގެ ތަމްރީނުތަކަށް ވަގުތު ނުލިބުމާއި ސްކޮޑަށް ކުޅުންތެރިން ނެގުމުގައި މައްސަލަތަކެއް ހުރި ކަމަށްބުނެއެވެ. އެއަށްފަހު ވޯލްޑް ކަޕަކަށް އިންޑިއާ ކޮލިފައިވެފައެއް ނުވެއެވެ.
އިންޑިއާ އިން ވަނީ އޭޝިއަން ކަޕްގައި ހަތަރު ފަހަރަކު ވާދަކޮށްފައެވެ. ފުރަތަަމަ ފަހަރަށް އޭޝިއަން ކަޕުން އިންޑިއާ ފެނިގެންދިޔައީ އެޓީމުގެ ގޯލްޑަން ޖެނެރޭޝަންގައެވެ. އިސްރާއީލުގައި 1964 ވަނަ އަހަރު ބޭއްވި އެ މުބާރާތުން އިންޑިއާ އިން ރަނަރަޕްކަން ހޯދިއެވެ. ހަތަރު ޓީމަކުން ބައިވެރިވުމުން އެ މުބާރާތް ކުރިއަށްގެންދިޔައީ ލީގު އުސޫލުންނެވެ. އިންޑިއާ އިން ސައުތު ކޮރެއާ އާއި ހޮންކޮން ބަލިކުރި އިރު، ބަލިވެފައިވަނީ ހަމައެކަނި އިސްރާއީލް އަތުންނެވެ.
އޭޝިއަން ކަޕަށް އިންޑިއާ ދެން ކޮލިފައިވެފައިވަނީ 1984، 2011 އަދި 2019 ގައެވެ. ނަމަވެސް އެ މުބާރާތްތަކުން އިންޑިއާ ނިންމާލީ ގްރޫޕު ސްޓޭޖުންނެވެ. އަންނަ އަހަރުގެ ޖެނުއަރީ މަހު ގަތަރުގައި ބާއްވާ އޭޝިއަން ކަޕަށް ވެސް އިންޑިއާ ވަނީ ކޮލިފައިވެފައެވެ. އެ މުބާރާތުގެ ގްރޫޕު ސްޓޭޖުގައި އިންޑިއާ ނުކުންނަން ޖެހޭނީ އޮސްޓްރޭލިއާ އާއި އުޒްބަކިސްތާން އަދި ސީރިއާއާ ދެކޮޅަށެވެ.
އިންޑިއާގެ ސާފް ޗެމްޕިއަންޝިޕްގެ ތާރީހަށް ބަލައިލާ އިރު، އެންމެ މުބާރާތެއް ފިޔަވައި ހުރިހާ މުބާރާތެއްގެ ފައިނަލުގައި އެޓީމު ވަނީ ވާދަކޮށްފައެވެ. އިންޑިއާއަށް ފައިނަލުން ފުރުސަތު ލިބިފައިނުވަނީ ބަންގުލަދޭޝްގައި 2003 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި އެކަންޏެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގައި އިންޑިއާ ބަލިވީ އެފަހަރުގެ ޗެމްޕިއަން ބަންގުލަދޭޝް އަތުންނެވެ. ފައިނަލުން ބަންގުލަދޭޝް މޮޅުވީ ރާއްޖެ އަތުން ޕެނަލްޓީ ޝޫޓްއައުޓްގައެވެ. ސެމީން ބަލިވި ނަމަވެސް، އިންޑިއާ އިން ވަނީ ޕާސްކިތާން ބަލިކޮށް، ތިންވަނަ ހޯދައިފައެވެ.
މިހާތަނަށް ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ 13 މުބާރާތުގެ ތެރެއިން އަށް މުބާރާތެއްގެ ޗެމްޕިއަންކަން އިންޑިއާ އިން ހޯދި އިރު، ހަތަރު މުބާރާތެއްގެ ރަނަރަޕްކަން ހޯދިއެވެ. އަދި މިއަދު ފަށާ ސާފް ޗެމްޕިއަންޝިޕްގައި ވެސް އިންޑިއާ ވާދަކުރާ އިރު، އެ މުބާރާތް ކުރިއަށްދާނީ އަމިއްލަ ގައުމުގައެވެ. އެ މުބާރާތުގައި އިންޑިއާ އޮތީ އެންމެ ފަހުގެ ރަނަރަޕް ނޭޕާލާއި ޕާކިސްތާން އަދި ކުވެއިތާ އެއް ގްރޫޕެއްގައެވެ.
ކްރޮއޭޝިއާއަށް އުފަން އީގޯ ސްޓިމަކް ވަނީ ޑިފެންޑަރެއްގެ ގޮތުގައި ކުޅެފައެވެ. ސްޓިމަކްގެ ކެރިއަރު ފެށީ 1985 ވަނަ އަހަރު ކްރޮއޭޝިއާގެ ކްލަބު ހައިޑުކް ސްޕިޓް އިންނެވެ. އެ ކްލަބާއެކު ސްޓިމަކް ވަނީ ދެ ސީޒަނެއްގައި ކްރޮއޭޝިއާ ލީގު ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން އޭނާ ވަނީ އިނގިރޭސިވިލާތުގެ ޑާބީ ކައުންޓީ އާއި ވެސްޓް ހާމް ޔުނައިޓެޑަށް ވެސް ކުޅެފައެވެ.
ސްޓިމަކް ވަނީ ކްރޮއޭޝިއާ ގައުމީ ޓީމަށް ވެސް ކުޅެފައެވެ. އޭނާ ވަނީ ކްރޮއޭޝިއާއަށް 53 މެޗެއް ކުޅެ، ދެ ގޯލު ކާމިޔާބުކޮށްފައެވެ. ވޯލްޑް ކަޕް 1998 ގެ ލޯ މެޑަލް ހޯދި ކްރޮއޭޝިއާ ޓީމުގެ ސްކޮޑުގައި ވެސް އޭނާ ހިމެނުނެވެ. ސްޓިމަކްގެ ކެރިއަރު ނިންމާލާފައިވަނީ އޭނާ ކެރިއަރު ފެށި ހައިޑުކް ސްޕިޓް އިން 2002 ވަނަ އަހަރުއެވެ.
ސްޓިމަކްގެ ކޯޗިން ކެރިއަރު ފަށާފައިވަނީ ފުޓުބޯޅަ ކެރިއަރުގެ ބޮޑުބައެއް ހޭދަކުރި ހައިޑުކް ސްޕިޓް އިން 2005 ވަނަ އަހަރުއެވެ. އޭގެ އިތުރުން އޭނާ ކޯޗުކަން ކޮށްދިން ޓީމުތަކުގެ ތެރޭގައި ކްރޮއޭޝިއާ ގައުމީ ޓީމު ވެސް ހިމެނެއެވެ. ޗެލްސީ މިޑްފީލްޑަރު މަޓިއޯ ކޮވަސިޗް އާއި އެލެން ހަލިލޮވިޗް ފަދަ ކުޅުންތެރިން ކްރޮއޭޝިއާ ގައުމީ ޓީމަށް ތައާރަފުކޮށްދިން ކޯޗަކީ ސްޓިމަކްއެވެ. އޭނާ ކްރޮއޭޝިއާގެ ކޯޗުކަމުން ވަކިވެފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް އިރުޝާދުދިނުމަށްފަހުއެވެ.
އިންޑިއާގެ ކޯޗުކަމާ ސްޓިމަކް ހަވާލުވެފައިވަނީ ކޯޗު ސްޓެފަން ކޮންސްޓަންޓީން މަގާމުން ވަކިވުމާ ގުޅިގެން 2019 ވަނަ އަހަރުއެވެ. އެންމެ ފަހުން 2021 ވަނަ ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް އިންޑިއާއަށް ކާމިޔާބުކޮށްދިން ކޯޗަކީ ވެސް ސްޓިމަކްއެވެ.
އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީއަކީ ރާއްޖޭގެ އަލީ އަޝްފާގާއެކު ދެކުނު އޭޝިއާގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ގައުމީ ޓީމަކަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގައި ޗެތުރީ ހިމެނޭ އިރު، އެ ލިސްޓުގައި އޭނާ ހިމެނެނީ ފަސް ވަނައިގައެވެ. އޭނާ ވަނީ 137 މެޗުން އިންޑިއާއަށް 87 ގޯލު ކާމިޔާބުކޮށްދީފައެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ 200 މެޗުން ޕޯޗުގަލަށް 123 ގޯލު ކާމިޔާބުކޮށްދިން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި އެ ލިސްޓުގެ ތިންވަނައިގައި އޮތް ލިއޮނެލް މެސީ ވަނީ 175 މެޗުން އާޖެންޓީނާއަށް 103 ގޯލު ކާމިޔާބުކޮށްދީފައެވެ.
އިންޑިއާ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާގެ ރެކޯޑުގެ އިތުރުން އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑު ވެސް ދަމަހައްޓަމުންދާ ޗެތުރީގެ ކެރިއަރު ފެށީ އިންޑިއާގެ މޯހަން ބަގާނުން 2002 ވަނަ އަހަރުއެވެ. މޯހަން ބަގާނާއި ބެންގަލޫރު އެފްސީގެ އިތުރުން ޗެތުރީ ކުޅުނު އިންޑިއާ ކްލަބުތަކުގެ ތެރޭގައި އީސްޓް ބެންގާލް އާއި މުމްބާއީ ސިޓީ ވެސް ހިމެނެއެވެ. އޭނާ ވަނީ އެމެރިކާގެ ކެންސަސް ސިޓީ ވިޒާޑްސް އަދި ޕޯޗުގަލްގެ ސްޕޯޓިންގެ ރިސާވް ޓީމަށް ވެސް ކުޅެފައެވެ.
އިންޑިއާގެ ޒުވާން ގައުމީ ޓީމުތަކަށް ކުޅުމަށްފަހު، ސީނިއާ ގައުމީ ޓީމަށް ޗެތުރީ ކުޅެން ފެށީ 2005 ވަނަ އަހަރުއެވެ. ޗެތުރީ ވަނީ އިންޑިއާއާއެކު ތިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. އިންޑިއާއެކު ކާމިޔާބުކުރި 2011، 2015 އަދި 2021 ގެ ސާފް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ވެސް ޗެތުރީއެވެ. އޭގެ އިތުރުން 2011 އަދި 2021 ގެ ސާފް ޗެމްޕިއަންޝިޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ޗެތުރީއެވެ.
ސާފް ޗެމްޕިއަންޝިޕްގެ އިތުރުން ޗެތުރީ ވަނީ އިންޑިއާއާއެކު އޭއެފްސީ ޗެލެންޖް ކަޕަކާއި ތިން ނެހުރޫ ކަޕާއި ދެ އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހަތް އަހަރަކު ހޯދައިފައެވެ.
ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑެއް ޗެތުރީއަށް އަދި މުގުރާލެވިފައެއް ނުވެއެވެ. މިވަގުތު އެ ރެކޯޑު އޮތީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ގެ އަތުގައެވެ. ސާފް ޗެމްޕިއަންޝިޕްގައި ދަގަނޑޭ 23 ގޯލު ޖެހި އިރު، ޗެތުރީއަށް ކާމިޔާބުކުރެވިފައިވަނީ 18 ގޯލެވެ. އަނިޔާއާ ގުޅިގެން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ދަގަނޑޭ ނުކުޅޭ އިރު، ޗެތުރީއަށް އެ ރެކޯޑު މުގުރާލުމަށް ފުރުސަތު ލިބިގެންދާނެއެވެ.