ހުޅުމާލެ ފޭސް 2 ގެ ފެނާއި ނަރުދަމާގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މިއަދު ހުޅުމާލޭގައި ކުރިއަށް ދިޔަ ހަފްލާއެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ.
ރައީސް ސޯލިހުގެ އިތުރުން މި މަސައްކަތް ފެއްޓުވުމުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ ރައީސް ސޯލިހުގެ އެންމެ ބޮޑު އެއްވައުދަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް 5 އަހަރުގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށްދިނުން ކަމަށެވެ. މީގެ އިތުރުން އެމްޑަބްލިއުއެސްސީގެ ޓީމް ވަނީ މިފަދަ ކޮންމެކަމެއްގައި ރައީސް ސޯލިހުއަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ކަމަށް އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވި ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫއު ނިންމުމަށް ކުރިން ކަނޑައަޅާފައިވަނީ 42 މިލިއަންޑޮލަރެވެ.
ނަމަވެސް މިއަދު އެމްޑަބްލިއުއެސްސީ އިން މި މަސައްކަތް ފެށީ 15 މިލިއަން ޑޮލަރުން ނިންމާލުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މި ކަމުގެ ސަބަބުން ރައްޔިތުންނާއި ދައުލަތަށް 27 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބިގެންދާކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ރައީސް ސޯލިހުގެ އަމާޒަކީ މަދު ވަސީލަތް ބޭނުންކޮށްގެން ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ދިނުން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އެއްލައްކަ ފަސްދޮޅަށްހާސް މީހުންނަށް ފެނާއި ނަރުދަމާ ލިބިގެންދާނެ ނިޒާމެއް ތައްޔާރު ކުރުމުގެ މަސައްކަތް މިއަދު އެމްޑަބްލިއުއެސްސީ އިން ފަށާފައި ވާއިރު އެ ކުންފުނިން މި މަސައްކަތް 2020 އަށް ނިންމާނެ ކަމަށް އެ ކުންފުނީ ގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ޔަގީންކަން ދީފައެވެ.