ޚަބަރު

ރައީސް ސޯލިހު މަޖިލީހަށް ހާޒިރުކުރަން ޕީޕީއެމުން ހުށަހަޅައިފި

އިބްރާހިމް ޒަކީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވާ މުހިއްމު ސުވާލުތަކެއް އެބަހުރި ކަމަށާއި އެހެންކަމުން އެމަނިކުފާނު މަޖިލީހަށް ހާޒިރުކުރަން ހުށަހަޅުއްވާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ރައީސް ޖަވާބުދެއްވަން ޖެހިވަޑައިގަންނަވާ މުހިއްމު ސުވާލުތަކެއް ހުރުމުން އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް އެދި މައިނޯރިޓީ ލީޑަރުގެ ހައިސިއްޔަތުން މިއަދު މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

މި ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭ ބައެއް ބޮޑެތި މައްސަލަތައް ހުރިކަން ފާހަގަކޮށް ހުށަހަޅާފައިވަނީ 10 ސުވާލުގެ މައްޗަށް ހިމެނޭ ކަރުދާހެއް ކަމަށެވެ.

އެކަންތައްތައް އެހެން އޮއްވައި، ސަރުކާރުން ނުފޫޒު ފޯރުވައިގެން މަޖިލިސް ތަޅުއަޅުވާފައިވުމަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އަނދިރި ދުވަހެއް ކަމަށްވެސް ވިދާޅުވިއެވެ.

"އޭގެން އެނގެނީ ތިންބާރު ވަކިވެފައި އޮތް ގައުމެއް ނޫންކަން، އަދި ޖަވާބުދާރީ ނުވެވޭކަން، އެހެންކަމުން ގާނޫނީ ހުސްކަމެއްގެ ތެރޭގައި މިއޮތް އޮތުން ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަންޖެހޭ، އެކަމަށް ރައީސް ސޯލިހު މަސައްކަތެއް ނުކުރައްވާ ޒިންމާ އަދާނުކުރެވެންޏާ އިސްތިއުފާ ދޭންޖެހޭ،" ޝަރީފް ވިދާޅުވިއެވެ.

ނައިފަރު ދައިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ގާނޫނުއަސާސީގެ 98 ވަނަ މާއްދާ އަދި 99 ވަނަ މާއްދާގެ ދަށުން ރައީސް ސޯލިހު މަޖިލީހަށް ހާޒިރު ކުރެވޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ރައްޔިތުން ތަފާތު ނުކުރެވޭނެ ކަމަށް އޮތުމުން ރައީސް ސޯލިހާއި އެހެން ރައްޔިތުން ތަފާތު ނުކުރެވޭނެ ކަމަށް ބުނެފައިވާ އުސޫލުގެ ދަށުން ވެސް ރައީސް ސޯލިހު މަޖިލީހަށް ހާޒިރު ކުރެވޭނެ ކަމަށެވެ.