މި ސަރުކާރުގެ ބޭފުޅަކަށް ވައްކަން ކުރަން ހިތުލައިގެން ވެސް ނުހުރެވޭނެ ކަމަށާއި އެފަދަ ވިސްނުމެއްގައި ހުރި ބޭފުޅެއް ކަމަށްވަންޏާ މި ސަރުކާރުގެ މަސައްކަތާ ދުރަށް ޖެހިވަޑައިގަންނަވަން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ ޔާމީން އަހްމަދުގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން އެފަދަ ކަމެއް ހިންގުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
"އަޅުގަނޑު ކެރި ހުރެ މިދަންނަވަނީ އިރާދަކުރެއްވިއްޔާ މި ސަރުކާރުގެ ތެރޭގައި އެކަހަލަ ކަމެއް ހިނގިޔަކަ ނުދޭނަމޭ. އެކަން ކުރަން ވިސްނުމުގައި އޮތް ބޭފުޅެއް ކަމަށްވިޔަސް، އެކަން ކުރުމުގައި ހިތުގައި އެކަން އަޅައިގެން ހުރި ބޭފުޅަކު ކަމުގައިވިޔަސް، މިހާރުން މިހާރަށް އެބޭފުޅަކު ޖެހިވަޑައިގަންނަވާނީ އަޅުގަނޑުމެންގެ މަސައްކަތާ ދުރަށް ވަޑައިގަންނަވަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މިދިޔަ ސަރުކާރުގައި ތަރައްގީއަށްޓަކައި ކުރެވިފައި ހުރި މަސައްކަތްތަކަށް ބަލާއިރު ނުބައްދަލު އަގުތަކުގައި މަސައްކަތް ކުރެވިފައިވާކަން ފާހަގަވެފައިވާ ކަމަށާއި މިދިޔަ ސަރުކާރުން ރަށެއްގެ ފެނާއި ނަރުމާގެ ނިޒާމު ގާއިމުކުރުމަށް ކުރިން 70 މިލިއަން ރުފިޔާ ހަރަދުކުރާ ޕްރޮޖެކްޓަށް މިއަދު ޕްރޮޕޯސަލް ހުށަހަޅަން އިއުލާންކުރީމާ ހަމަ އެ ކުންފުނިތަކުން ހުށަހަޅަނީ 27 މިލިއަން ނުވަތަ 30 މިލިއަން ރުފިޔާ ކަމަށެވެ.
"މިސާލަކަށް ދަންނަވާ ކަމަށްވަންޏާ، ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށްޓަކައި ކުރިން 70 މިލިއަން ރުފިޔާ ހަރަދުކުރާ ޕްރޮޖެކްޓަށް މިއަދު އިއުލާންކުރީމާ، ހަމަ އެކުންފުނިތަކުން ޕްރޮޕޯސަލަށް 27 މިލިއަން ރުފިޔާ، 30 މިލިއަން ރުފިޔާ. އެހެންވީމާ މީގެ ކުރިން މިކަން ކުރެވިފައި މިހުރީ ދެ ގުނަ، ތިން ގުނަ އަގުތަކުގައި. މިއަދު އެކުންފުނިތަކުން އެބުނަނީ 27 މިލިއަން ރުފިޔާއަށް ތިމަންނަމެން މިތިބީ ކޮށްދެން ތައްޔާރަށޭ. މިއީ މިދިޔަ ސަރުކާރުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަން ހިންގާފައި ހުރި ވަރު،" އެމަނިކުފާނު ވިދާޅުވިއެވެ.