އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ޖައްމު ކަޝްމީރުގެ މައްސަލައިގައި އިންޑިއާއާއި ޕާކިސްތާނު ހިޔާލުތަފާތުވީ 1947 ވަނަ އަހަރުއެވެ.ޗ އެފަހުން ދޭތެރެ ދޭތެރެއިން އެ ސަރަހައްދުގައި ދެގައުމުގެ މަޝްރަހު އަންނަނީ ގޯސްވަމުންނެވެ. ނަތީޖާއެއްގެ ގޮތުން، ކުރީން އެއް ގައުމެއްގެ ގޮތުގައި، ފަހުން ޖެހިޖެހިގެން އޮތް ދެގައުމެއް މިހާރު އޮތީ "ހަތުރުން"ގެ ގޮތުގައެވެ. ދެގައުމުގެ ދެމެދުގައި ވަނީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބޯޑަރެވެ. ދެގައުމުގެ ރައްޔިތުންނަށް، އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރަންވެސް އޮންނަނީ އުނދަގޫ ކަމަކަށް ވެފައެވެ. އެ ކޯޅުންގަނޑުގެ އަސަރު ދެ ގައުމުގެ ކުޅިވަރު މަޝްރަހުން ވަރަށް ބޮޑަށް ފެނެއެވެ. ކޮންމެ ކުޅިވަރެއްގައި ނަމަވެސް، ޕާކިސްތާން އިންޑިއާ ކުރިމަތިލާނަމަ، އެއީ ޖަޒުބާތީ ކުރިމަތިލުމެކެވެ.
ފަހަކަށް އައިސް ކުޅިވަރުގެ މައިދާނުގައިވެސް އިންޑިއާއާއި ޕާކިސްތާނުން ވާދަކުރާ މެޗުތައް މަދުވެއްޖެއެވެ. އެއީ ދެގައުމުގެ ހާލަތު ގޯސްވަމުން ގޮސް، ދަތުރުކުރުމަށާއި، އެހެނިހެން ކަންކަމަށް އުނދަގޫތައް ހުންނާތީއެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންދިޔައިރުވެސް އެކަން ވަނީ ފާހަގަވެފައެވެ. ޕާކިސްތާނަށް އިންޑިއާއަށް އެތެރެވާން އުޅެން ޖެހުނީ ހާލުގައެވެ. ވިސާ ލިބުން ބޮޑުތަނުން ލަސްވެ، ކުޅުންތެރިންނަށް އެންމެ އަވަހަށްވެސް ބެންގަލޫރަށް އާދެވެން އޮތީ މިއަދު ހެނދުނަށެވެ. މިރޭ މެޗުގައި އިންޑިއާއާ ދެކޮޅަށް ނުކުންނަ ޕާކިސްތާން ޓީމު، ކުޅެން ޖެހޭނީ ނިދުމެއް، އަރާމެއް ނެތިއެވެ.
ކްރިކެޓްގެ ތަފާތު ވާދަވެރިކަމެއް އަބަދުވެސް އޮންނަ އިންޑިއާއާއި ޕާކިސްތާން، މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް އޭއަށް ލައްވާލި ހިސާބުން އިންތިޒާރު ކުރެވުނީވެސް މިރޭގެ މެޗަށެވެ. އެ ކުރިމަތިލުމަށް މުޅި އިންޑިއާ އިންތިޒާރުކުރާނެ އެވެ. ހާއްސަކޮށް އިންޑިއާ އޮތް ފޯމުން، ސަޕޯޓަރުން އުންމީދުކުރަނީ ޕާކިސްތާން ލަދުގަންނަވާލާށެވެ. ޓިކެޓް ވިކި ހުސްވެއްޖެ ކަމަށް ގިނަ ބަޔަކު ބުނެއެވެ. ދުވަހަކު މެޗެއް ބަލަން ނުދާ އެތައް ބަޔަކުވެސް މި މެޗު ބެލުމަށް ޝައުގުވެރިވެ، މިރޭ ދަނޑަށް ދާން ތައްޔާރެވެ.
"އަހަރެން މިއީ އަސްލު ކްރިކެޓް ސަޕޯޓަރެއް. އެކަމަކު މިރޭގެ ކުރިމަތިލުމަށް ދަނޑަށް ވަންނަން އަހަރެން ބޭނުންވޭ. އެއީ ކޮންމެ ކުޅިވަރެއްގައި ނަމަވެސް، އިންޑިއާއާއި ޕާކިސްތާންގެ ވާދަވެރިކަން ބޮޑުވާނެ. އެއީ ހީވެސް ނުކުރާކަހަލަ ޖަޒުބާތެއް މީހުންނަށް އަންނަ ކަމެއް،" އުތުރު އިންޑިއާއިން، އައިސް ބެންގަލޫރުގެ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރަން ހުރި ފާރޫގު ޒެހީން "ވަން ސްޕޯޓްސް" އަށް އިއްޔެ ބުންޏެވެ.
މުބާރާތާ ގުޅޭގޮތުން އިއްޔެ ބޭއްވި ޕްރެސްގައި ޕާކިސްތާނަށް ބައިވެރިވެވިފައެއް ނުވެއެވެ. އެހެން ނަމަވެސް، ޕާކިސްތާނު އަޑެއް ޕްރެސްއަކުން ކެނޑިގެން ނުދެއެވެ. އިންޑިއާގެ ނޫސްވެރިންވެސް ތިބީ ޖަޒުބާތެއްގައެވެ. އިންޑިއާ ކޯޗު އީގޯ ސްޓިމަކާ އެތައް ފަހަރަކު، ޕާކިސްތާނާ ގުޅޭ ސުވާލުތައް ކުރިއެވެ. ދެ ފަހަރަކަށް ނޫސްވެރިން ވަނީ ޕާކިސްތާނު އޮތް ހާލަތުން ބޮޑު މޮޅެއް ހޯދިދާނެތޯ ސުވާލު ކޮށްފައެވެ. އެ ސުވާލުތަކަށް ޖަވާބުދެމުން ކްރޮއޭޝިއާގެ ޓެކްޓީޝަން ސްޓެމަކް ބުނަމުން ދިޔައީ ޕާކިސްތާން ދެރަކޮށްނުލުމަށެވެ. އެހެން ނަމަވެސް، އެކަމަށް ސަޕޯޓަރުންވެސް އެއްބަހެއް ނުވެއެވެ. ސަޕޯޓަރުން ބޭނުންވަނީ "ޕާކިސްތާނަށް ނޮކްއައުޓް ޕަންޗެއް،" ދޭށެވެ.
އެ މަންޒަރު މާ ކުރިން އިންޑިއާގެ ބެންގަލޫރުގެ އެންމެ "ހާޑްކޯ" ފުޓުބޯޅަ ސަޕޯޓަރުން ކުރަހައިވެސް ފިއެވެ. އިންޑިއާގައި މިވަގުތު އޮތް އެންމެ ވަރުގަދަ ކްލަބު ބެންގަލޫރު އެފްސީގެ އިހުލާސްތެރި ސަޕޯޓަރުންތަކެއް ނުކުމެ، ކުރެހި ބެނާގައި ވަނީ "ޕޮޕާއީ" ކާޓޫނުގައި ހުންނަ ކެރެކްޓާ، އަތުން ޖަހައި ޕާކިސްތާން ބިމަށް ތިރިކުރާ މައްޒަރެވެ. އެހެންކަމުން މިރޭގެ މެޗު ވެގެންދާނީ މި މުބާރާތުގެ ޖޯޝު ކައްކުވާލަން މުހިއްމު މެޗަކަށެވެ. އިންޑިއާ ބައެއް މީހުންގެ ނަޒަރުގައި ޕާކިސްތާން ޓީމު އިންޑިއާއަށް އައުން ލަސްވީ އަމިއްލައަށް ހެދި ގޯސްތަކުންނެވެ. އެ ކުޅެނީ "ޑްރާމާ" ކަމަށްވެސް ބެންގަލޫރުގައި ކިޔަމުންދެއެވެ.
މީގެ ކުރިން ފުޓުބޯޅައިގެ 23 މެޗެއްގައި އިންޑިއާއާއި ޕާކިސްތާން ވާދަކޮށްފައިވެއެވެ. އޭގެ ތެރެއިން 10 މެޗު އިންޑިއާއިން ކާމިޔާބުކުރި އިރު، ޕާކިސްތާނަށް މިހާތަނަށް އިންޑިއާ ކައިރީ ހޯދިފައި އޮތީ އެންމެ ތިން މޮޅެވެ. ޕާކިސްތާނުން އެންމެ ފުރަތަމަ އިންޑިއާ ބަލިކުރީ 1959 ވަނަ އަހަރު އޭޝިއަން ކަޕްގައެވެ. ދެން މޮޅުވީ 2003 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައެވެ. އެންމެފަހުން އިންޑިއާ ކައިރިން ޕާކިސްތާން މޮޅުވެފައި އޮތީ 2005 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އިންތިޒާރު ކުރަމާ ހިނގާށެވެ. މެޗު އޮތީ މިރޭ ރާއްޖެ ގަޑިން 7:00 ގައެވެ.