ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތް

ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް: ޕާކިސްތާން ކަޓުވާލައި، ބަންގުލަދޭޝް ފައިނަލަށް

މުޙައްމަދު ޝަމްޢޫން

ރާއްޖޭގައި ކުރިއަށްދާ ފައިވް ނޭޝަންސް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ބަންގްލަދޭޝްއިން ހޯދައިފިއެވެ.

އެކުވެނީގެ އެތެރޭ ކޯޓުގައި މިއަދު ކުޅުނު މެޗުގައި ބަންގުލަދޭޝްއިން ޕާކިސްތާން ބަލިކުރީ 79-65 ޕޮއިންޓުންނެވެ. ބަންގުލަދޭޝްއިން ފައިނަލުގައި ވާދަކުރާ ޓީމު ޔަގީންވާނީ މިރޭ ބޫޓާނާއި ނޭޕާލުން ވާދަކުރާ ސެމީ ފައިނަލް މެޗަށްފަހުއެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ކުއާޓާ ނިމުނުއިރުވެސް ބަންގުލަދޭޝްއިން ރަނގަޅު ލީޑެއް ނަގާފައިވާ އިރު، އެޓީމުން ކުއާޓާ ނިންމާލީ 25-17 އިން ކުރީގައި އޮވެގެންނެވެ. ދެވަނަ ކުއާޓާގައި ޕާކިސްތާނުން ކުޅުން ރަނގަޅުކޮށް، އެ ކުއާޓާ ނިންމާލި އިރު، 36-40 އަށް ނަތީޖާގެ ފަރަގު ކުޑަކޮށްފައި އޮތް ނަމަވެސް، އަނެއްކާވެސް ތިންވަނަ ކުއާޓާގައި ބަންގުލަދޭޝްއިން އެޓީމުގެ ފެންވަރު ދައްކާލިއެވެ.

ތިންވަނަ ކުއާޓާ ނިމުނު އިރު، ބަންގުލަދޭޝް ލީޑުގައި އޮތީ 47-64 ގައެވެ. އެ ހިސާބުން ޕާކިސްތާނަށް ފައިނަލްގެ އުންމީދު އެއްކޮށް ކަހަލަ ގޮތަކަށް ގެއްލިފައި އޮތް ނަމަވެސް، ހަތަރު ވަނަ ކުއާޓާގައި ރަނގަޅަށް ކުޅުނީ އެޓީމުންނެވެ. ޕާކިސްތާނުން ފަހު ކުއާޓާގައި ކުޅުން ރަނގަޅު ކުރި ނަމަވެސް، 65-79 އިން މެޗު ކާމިޔާބުކޮށް ބަންގުލަދޭޝް ފައިނަލް ޔަގީންކުރިއެވެ.

މިއަދުގެ މެޗުގައި ޕާކިސްތާނަށް އެންމެ ރަނގަޅަށް ކުޅުނީ ވައްހާބް އަބްދުލްއެވެ. އޭނާ ވަނީ ހަ ޕޮއިންޓް ސްކޯކޮށް، 10 ރީބައުންޓް ފުރިހަމަކޮށްފައެވެ. ބަންގުލަދޭޝްއަށް އެންމެ ފައިދާހުރި ކުޅުމެއް ކުޅުނީ މިތުން ޖުމާރު ބިވާސްއެވެ. އޭނާ ވަނީ 31 ޕޮއިންޓް ސްކޯކޮށް، ހަތް ރީބައުންޑް ފުރިހަމަ ކޮށްފައެވެ.

ފައިވް ނޭޝަންސް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައެވެ.