ގާތްގަނޑަކަށް 10 އަހަރަށްފަހު ބައިނަލްއަގުވާމީ ބާސްކެޓް މެޗެއް ކުޅުނު ޕާކިސްތާން ކައިރިން ނޭޕާލުން ކުރި ހޯދައިފިއެވެ.
ރާއްޖޭގައި އިއްޔެ ފެށި ފައިވް ނޭޝަންސް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޕާކިސްތާން ކައިރިން ނޭޕާލް މޮޅުވީ 66-62 ގެ ނަތީޖާއަކުންނެވެ. އެ މެޗަކީ ޕާކިސްތާނުން މިއަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. މީގެ ކުރިން 2013 ވަނަ އަހަރު ސާބާ މުބާރާތުގެ ރިހި މެޑަލް ހޯދި ޕާކިސްތާނުގެ ބާސްކެޓް ބޯޅައަށް އޭގެފަހުން އުނދަގޫ ހާލަތްތަކާ ދިމާވެފައިވާ އިރު، އެކަންކަން ހައްލުކޮށް ނުކުތް ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތަކީ ރާއްޖޭގައި ކުރިއަށްދާ ފައިވް ނޭޝަންސް މުބާރާތެވެ.
ކުޅިވަރު އެކުވެނީގެ އެތެރޭ ކޯޓުގައި މިއަދު ކުޅުނު މެޗުގައި ޕާކިސްތާން ބަލިކުރި ނޭޕާލުން ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން ކައިރިން ބަލިވެފައި އޮތް އިރު، މިއަދުގެ މޮޅާއެކު އެޓީމަށް ވަނީ ސެމީގެ ހިތްވަރު އާވެފައެވެ.
މިއަދުގެ މެޗު ޕާކިސްތާނުން ރަނގަޅަށް ފަށައި، ފުރަތަމަ ކުއާޓާ ނިންމާލީވެސް ލީޑުގައި އޮވެގެންނެވެ. އެޓީމަށް މެޗުގައި އެންމެ ރަނގަޅަށް ކުޅުނު ޝާހިދު މުހައްމަދުގެ ރަނގަޅު ކުޅުމެއް ފުރަތަމަ ކުއާޓާގައި ފެނިގެން ގޮސްފައިވާ އިރު، ޕާކިސްތާނުން ފުރަތަމަ ކުއާޓާ ލީޑުގައި ނިންމާލީ 15-11 ޕޮއިންޓުންނެވެ. ދެވަނަ ކުއާޓާ ފެށިގެންވެސް ޕާކިސްތާނުން ކުޅުން ރަނގަޅުކޮށް ފެނުނު އިރު، އެ ކުއާޓާގައިވެސް ލީޑުކޮށްފައި ވަނީ ޕާކިސްތާނެވެ.
ދެވަނަ ކުއާޓާ، 33-28 އިން ޕާކިސްތާން ކުރީގައި އޮވެ ނިމިފައިވާ އިރު، ނޭޕާލުން މެޗު އަނބުރާލީ ފަހު ދެ ކުއާޓާގައި ކުޅުން ރަނގަޅުކޮށްގެންނެވެ.
ތިންވަނަ ކުއާޓާ ނިމުނު އިރު، 49-45 ގެ ސްކޯއެއްގެ ލީޑެއްގައި ނޭޕާލް އޮތް އިރު، އެޓީމުގެ ފަރާތުން މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނިކޭޝް ރަހަލް މަގަރެވެ. އޭނާ ވަނީ މެޗުގައި 15 ޕޮއިންޓް ސްކޯކޮށް، ހަތަރު ރީބައުންޑް ހަދައި، ފަސް އެސިސްޓް ފުރިހަމަކޮށްފައެވެ. މެޗުގެ ހަތަރުވަނަ ކުއާޓާ ނޭޕާލުން ނިންމާލީ 66-62 ގެ ނަތީޖާއަކުން މެޗު ޔަގީންކޮށްގެންނެވެ. ޕާކިސްތާނަށް އެންމެ ރަނގަޅަށް މެޗުގައި ކުޅުނީ ޝާހިދު މުހައްމަދެވެ. އޭނާ ވަނީ 13 ޕޮއިންޓް ސްކޯކޮށް، 11 ރީބައުންޑް ހަދައިފައެވެ.
މުބާރާތުގައި މިރޭ އޮންނަ މެޗުގައި ވާދަކުރާނީ ރާއްޖެއާއި ބޫޓާނެވެ.