އެމަނިކުފާނުގެ ރަސްމީ ޚިދުމަތުގެ ނިމުން ކައިރިވެއްޖެ ކަމަށް ރައީސް ޔާމީން ދާދި ދެންމެ ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި ގައުމާ މުޚާތަބު ކުރައްވަމުން ރައީސް ވިދާޅުވީ ފަސް އަހަރުގެ ދައުރެއް ނިމިގެން ދާ އިރު ގައުމަށް ކޮށްދެއްވުނު ޚިދުމަތް ތަކާ މެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
ރަސްމީ ޚިދުމަތުގެ ނިމުން ކައިރިވެއްޖެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވާހަކަފުޅު ދެއްކެވި އިރު، ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލުކޮށް އަލުން އިންތިޚާބު ބާއްވައިދިނުމަށް އެދި އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް ވަނީ ނިމިފަ އެވެ. އަދި ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ދައުރުގައި ގައުމީ ތަރައްގީ އާއި ރައްޔިތުންގެ މަސްލަހަތަށް ޚާއްސަ އިސްކަމެއް ދެއްވާފައިވާނޭ ކަމަށާއި އެކަންކަން ކުރެއްވުމުގައި އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވީ ދިވެހި ގައުމިއްޔަތަށާއި ގައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށެވެ.
ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށާއި ނުދެއްވާ ފަރާތްތަކަށް ވެސް މިއަދުގެ ތަގުރީރުގައި ޝުކުރު އަދާކުރައްވައިފަ އެވެ.