މުޙައްމަދު ޝަމްޢޫން
އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން، ވަން ސްޕޯޓްސް
ކޮވިޑް 19 ޕެންޑަމިކްގެ ސަބަބުން ބޫޓާންގެ ފުޓުބޯޅަ ދެތިން އަހަރަކަށް އެއްކޮށް ހުއްޓިފައި އޮތުމަށްފަހު މިދިޔަ ދުވަސްތަކުގައި ކުރިއެރުންތަކެއް ހޯދިއްޖެ ކަމަށާއި ސާފަށް ފުރިހަމައަށް ޓީމު ތައްޔާރުވެފައި އޮތުމަކީ ހިތްހަމަ ޖެހުމެއް ކަމަށް ކޯޗު ޕެމާ ޑޯޖީ ބުނެފިއެވެ.
ބޫޓާނަށް ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގުތިސާދީ ހާލަތުގެ ސަބަބުން ފުޓުބޯޅަ ޓީމަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އެގައުމުން 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށްވެސް ނުކުމެފައި ނުވަނީ ހާލަތުގެ ސަބަބުން ސަރުކާރުން އެކަމަށް ފަންޑު ދޭން އެއްބަސްނުވުމުން ކަމަށް ހަބަރުތައް ބުނެފައިވެއެވެ. އެ ހާލަތުން އަރައިގަނެ، ގައުމީ ޓީމުން އަނެއްކާވެސް މެޗުތައް ކުޅެން ފަށާފައިވާ އިރު، ދާދިފަހުން ނޭޕާލްގެ ކަތަމަންޑޫގައި އޮތް ޕްރައިމް މިނިސްޓާ ޓްރައި ނޭޝަންސް ކަޕްގައި އެޓީމުން ވާދަކުރިއެވެ.
އެ މުބާރާތުގެ ޗެމްޕިއަންކަން ނޭޕާލުން ހޯދި އިރު، ލާއޯސް ކައިރިން ބޫޓާންވީ ބައްޔެވެ. އެޓީމަށް މުބާރާތުން ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ ނޭޕާލާ އެއްވަރު ކޮށްލުމެވެ.
"ބޫޓާނަށް މެޗުތައް ޓަފް ވާނެ. ބޫޓާން މުބާރާތަށް މި ނުކުންނަނީ މެޗުތަކުގެ ތަޖުރިބާ އެންމެ ބޮޑު ޓީމުގެ ގޮތުގައެއް ނޫން. އެއީ ކޮވިޑަށްފަހު ފުޓުބޯޅަ މެދުކެނޑުމާވެސް އެކުގައި. އެހެންވީމަ އެކަން ވާނެ އުނދަގުލަކަށް. އަހަރެމެން އެކަމަކު ސާފަށް މި ނުކުންނަނީ މަހެއްހާ ދުވަހު ތަމްރީނުތައް ހަދާފައި. އިންޑިއާގެ ކަލްކަތާގައިވެސް އަހަރެމެން ތަމްރީނުތައް ހެދިން. ޓީމު އޮތީ މުބާރާތަށް ތައްޔާރުވެފައި. މިއީ އަލުން ފަށައިގެން ބޫޓާނުން ކުޅޭ ބައިނަލްއަގުވާމީ ދެވަނަ މުބާރާތް. މި މުބާރާތުގައި މި ޖެހެނީ ވަރުގަދަ ޓީމުތަކަކާ ދެކޮޅަށް ކުޅެން. އެހެންވީމަ އެކަން ވެގެންދާނީ ޓަފް ކަމަކަށް،" ކޯޗު ޕެމާ މިއަދުގެ ޕްރެސްގައި ބުންޏެވެ.
ޕެމާ ބުނީ ޓްރައި ނޭޝަންސް ކަޕުން ރަނގަޅު ކަންތައްތަކެއް ދަސްވި ކަމަށާއި ބޫޓާނުން ނުކުންނާނީ އިދިކޮޅު ޓީމުތަކުގެ ފެންވަރު ދަނެގެން ކަމަށެވެ. މިފަހަރުގެ މުބާރާތުގައި ބޫޓާނުން ގްރޫޕް ބީގައި ރާއްޖެ އާއި ބަންގްލަދޭޝް އަދި ލުބުނާނާ އެކު ވާދަކުރާ އިރު، އެންމެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ.
"ޓްރައި ނޭޝަންސް ކަޕުން އަހަރެމެންނަށް ޖުމުލަކޮށް ވަރަށް ގިނަ ކަންތައްތަކެއް ދަސްވި. ޓެކްނިކަލް ކަންކަމާއެކު ކަންކަން ރަނގަޅަށް ދަސްވި އެ މުބާރާތުން. އެކަމަކު އޭގެ ކުރިންވެސް އަހަރެމެންގެ ފުޓުބޯޅައަށް ފަސޭހަ ދުވަސްތަކެއް ނޫން މިއޮތީ. އެކަމަކު އެ މުބާރާތުގެ ނަތީޖާތަކުން އަހަރެމެންނަށް ހިތްވަރު ލިބުނު. އެއީ އަހަރެމެން ޓީމަށް އޮތް ރަނގަޅު މޯޓިވޭޝަނެއް،" ޕެމާ މިއަދުގެ ޕްރެސްގައި އިތުރަށް ބުންޏެވެ.
ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް" ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާއެވެ.