މުޙައްމަދު ޝަމްޢޫން
އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން، ވަން ސްޕޯޓްސް
އިންޑިއާގެ ބެންގަލޫރުގައި މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕަށް އެންމެފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. މުބާރާތުގެ ކުރިން ޕްރި މެޗު ޕްރެސްތައް މިއަދު ކުރިއަށް ގެންގޮސްފައިވާ އިރު، އިންޑިއާ އާއި ޕާކިސްތާން، ނޭޕާލް އަދި ކުވައިތު ވާދަކުރާ ގްރޫޕް އޭގެ ޕްރެސްގައި ޕާކިސްތާން ބައިވެރިވެފައެއް ނުވެއެވެ. އެއީ އެޓީމަށް އަދި އިންޑިއާއަށް ނާދެވޭތީއެވެ. ޕާކިސްތާނާއި އިންޑިއާއަކީ ޒަމާންވީ ހާރިޖީ މައްސަލަތަކެއް އޮތް ދެގައުމަށްވީ އިރު، މުބާރާތުގެ ކުރިންވެސް މިވަނީ އެ "ކޮޅިގަނޑާ" ކުރިމަތިވެފައެވެ. ޕާކިސްތާން ވިސާ ލަސްވެ، ޓީމަށް އާދެވެން އޮތީ މާދަމާ ހެނދުނަށް ކަމަށް ހަބަރުތައް ބުނެއެވެ. މާދަމާ ރޭ އިންޑިއާ އާއި ޕާކިސްތާން ވާދަކުރާ ވަރުގަދަ މެޗު އޮންނާނެއެވެ. މިއަދުގެ ޕްރި މެޗުގެ ކުރިން އިންޑިއާ ނޫސްވެރިން ކޯޗާ އެންމެ ބޮޑަށް ސުވާލުކުރީވެސް ޕާކިސްތާނާ ދެކޮޅަށް ކުޅެން ޖެހުމުން ކުޅުންތެރިން އިތުރަށް "ވަރުގަދަވާނެ" ތޯއެވެ.
"ވިސްނާނީ މެޗަކަށްފަހު މެޗަކަށް. ކޮންމެ ޓީމެއްގެވެސް ހުންނާނީ ގަދަ ފަޔަކާއި ބަލިފައިވެސް. އެހެންވީމަ އެކަން ދަނެގެން މަސައްކަތް ކުރަން ޖެހޭނީ. މާ ބޮޑަކަށް ތައްޔާރުވާން ވަގުތެއްވެސް ނުލިބޭ. ހާއްސަކޮށް ބެންގަލޫރުގައި އާޓިފިޝަލް ޓާފްގައި މާ ގިނައިން ތަމްރީނުކުރަން ކޯޗުންވެސް ބޭނުމެއް ނުވާނެ. އަހަރެން ދެން ބުނަން ބޭނުމީ ކުވައިތަށާއި ދެން އޮތް ހުރިހާ ޓީމުތަކަށްވެސް އިހުތިރާމް ކުރާނެ ކަމަށް. ފީފާ ރޭންކިން މަތިން ހަނދާން ނައްތާލަން ޖެހޭ. އެ ރޭންކިން ބޭނުންކޮށްގެން ލިބެނީ އެންމެ އެކަށޭނެ މައުލޫމާތެއް ނޫން. ޕާކިސްތާނުން އެންމެފަހުން ކެންޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕާކިސްތާނަކީ ރޭންކިން ދަށް ޓީމު ނަމަވެސް އެޓީމު މާ މޮޅަށް ކުޅުނު. ޕާކިސްތާން ޓީމުގައި އެބަތިބި ވަރުގަދަ ކުޅުންތެރިން. ހާއްސަކޮށް ޔޫރަޕްގެ ލެވެލްތަކުގައި ކުޅޭ ކުޅުންތެރިން. ޑެންމާކުގެ ދެވަނަ ޑިވިޝަނާއި އިނގިރޭސި ލީގުތަކުގައި ކުޅޭ ކުޅުންތެރިންވެސް ޕާކިސްތާނުން ދަނީ ބޭނުންކުރަމުން،" ކްރޮއޭޝިއާގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް މިއަދުގެ ޕްރެސްގައި ބުންޏެވެ.
ސާފަށް ތައްޔާރުވާން އިންޑިއާއިން އޮޑީސާގައި ދާދިފަހުން އިންޓަކޮންޓިނެންޓަލް ޗެމްޕިއަންޝިޕެއް ކުޅެ، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއެވެ. އެ މުބާރާތް އިންޑިއާއަށް ކާމިޔާބު ނަމަވެސް، ކޯޗުގެ ނަޒަރުގައި ސާފް ވެގެންދާނީ މުޅިން އާ ވިސްނުމަކުން ވިސްނަން ޖެހޭ މުބާރާތަކަށެވެ. އިންޑިއާ މިވަގުތު އޮތީ ފީފާ ރޭންކިންގެ 101 ވަނައިގައެވެ. އިންޑިއާއާ އެއް ގްރޫޕުގައި ދެން ވާދަކުރާ ކުވައިތު 143 ވަނަ ރޭންކިންގައި އޮތް އިރު، ނޭޕާލް އޮތީ 174 ވަނައިގައެވެ. ޕާކިސްތާން އޮތީ 195 ވަނައިގައެވެ.
"އިންޑިއާގެ ކޭމްޕްގައި އޮތީ ރަނގަޅު ރޫހެއް. އިންޓަކޮންޓިނެންޓަލް ކަޕްގައި ކުޅުނު މެޗުތަކާ އެކު އެ މުބާރާތް ކާމިޔާބު ކުރެވުމުން އެކަމުގެ އުފާވެރިކަން ޓީމުގައި އެބަހުރި. އެކަމަކު އެއީ ފިޔަވަޅެއް. އަހަރެމެންނަށް ދެން އޮތް ކަމަކީ އޭރު އެ ގެނެވުނު އުފާވެރިކަން ތަކުރާރު ކުރުން. އެއީ އަހަންނަށް ވަރަށް މުހިއްމު ކަމެއް. އޮޑީސާގައި އެ ލިބުނު ކާމިޔާބީން ހަނދާންތައް ކަސިޔާރުކޮށްލަން ޖެހޭ. މިއީ މުޅިން އާ މުބާރާތެއް. މުޅިން އާ ސްޓޭޓެއް. ތަފާތު މޫސުމަކަށް މި އާދެވުނީވެސް. ބުބަނެޝްވާރުގެ ހޫނުމިން އުޅެނީ 40 ޑިގްރީ ސެލްޝިއަސް އަށްވުރެ މަތީގައި އާއްމުކޮށް، އެ މޫސުމުން މި އާދެވުނީ މުޅިން އިނގިރޭސި މޫސުމަކަށް،" ސްޓިމަކް ބުންޏެވެ.
މިއަދުގެ ޕްރެސްގައި އިންޑާގެ ގިނަ ނޫސްވެރިން ޕާކިސްތާނުގެ ވާހަކަ ދައްކަން ފެށުމުން، އެވާހަކައިން ދުރަށް ދާން ސްޓިމަކް މަސައްކަތް ކުރި ނަމަވެސް، ބޮޑަށް ފޯކަސް އަމާޒުވީ ހަމަ އެދިމާއަށެވެ. ޕްރެސް ނިމެން އޮއްވައި ވެސް އިންޑިއާ ނޫސްވެރިޔަކު ވަނީ "ޕާކިސްތާނަށް ނާދެވުމަކީ އިންޑިއާއަށް ފަސޭހަވާނެ" ކަމެއްތޯ އަހައި ސުވާލުކޮށްފައެވެ. ސްޓިމަކް އެކަމަށް ދިނީ ޕާކިސްތާން "އަންޑަރޭޓް" ނުކުރުމަށް ބުނެ ދިން ޖަވާބެކެވެ.
"ޕާކިސްތާނަށް އަދި ނާދެވި އޮތް ނަމަވެސް، ޕާކިސްތާނަށް އިހުތިރާމް ކުޑައެއް ނުކުރެވޭނެ. ފަރިތަނުކޮށް މާދަމާ އައިސް މެޗަށް ނުކުތް ނަމަވެސް، ޕާކިސްތާން އޮންނާނީ ވާދަވެރިކޮށް. މިދިޔަ 10 ވަރަކަށް ދުވަހުގެ ތެރޭގައި ޕާކިސްތާނުން ވާދަވެރި ދެތިން މެޗެއް ކުޅެފި. އެހެންވީމަ އެކަމުންވެސް އެނގެނީ ޕާކިސްތާނުގެ ވާދަވެރިކަން،" ސްޓިމަކް ބުންޏެވެ.
ޕާކިސްތާނާއި އިންޑިއާ ކުޅޭ ސާފް ޗެމްޕިއަންޝިޕް މެޗު އޮންނާނީ މާދަމާ ރޭ ރާއްޖެ ގަޑިން 7:00 ގައެވެ.
ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް" ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާއެވެ.